ވިޔަފާރި

ރާއްޖެ އާއި ސްރީ ލަންކާ ސަބްމެރިން ކޭބަލުން ގުޅާލައިފި

Dec 15, 2020
1

ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު، ސަބްމެރިން ކޭބަލް އިން މިއަދު ގުޅާލައިފި އެވެ.

އުރީދޫ މޯލްޑިވްސް އާއި ދިރާގު ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ގޮތުގައި ވޭވް ލެންތް ޑިވިޝަން މަލްޓިޕްލެކްސިންގް ސަބްސިސްޓަމް އަދި 863 ކިލޯމީޓަރުގެ ފައިބަ އޮޕްޓިކް ކޭބަލް އެކުލެވިފައިވާ އެމްއެސްސީ ކޭބަލް އިން ގުޅާލުމާއެކު، ސްރީލަންކާގެ އިންޓަނޭޝަނަލް އިންޓަނެޓް ޓްރެފިކް ފްލޯއަށާއި މުވާސަލާތީ ވިއުގަ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ އަގަކީ 22 މިލިއަން ޑޮލަރެވެ. މި ސަބްމެރިން ކޭބަލްއާއެކު 5ޖީގެ ވަރު ގަދަ ނެޓްވޯކްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ބާރެއް ލިބިގެންދާނެ އެވެ.

އުރީދޫ މޯލްޑިވްސް، އާއި ދިރާގު އަދި ޑަޔަލޮގް އެކްޒިއާޓް އާއި ވެވުނު އެއްބަސްވުމުގެ ދަށުން، އެމްއެސްސީ ކޭބަލްގެ ގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރު ކުރީކޮޅު އެވެ. ވާވޭ މެރީން ނެޓްވާކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންގްއަކާއެކު 3700 މީޓަރު ކަނޑުއަޑީގައި އެޅިފައިވާ އެމްއެސްސީ ކޭބަލްގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާގައި ކުރިއަރަމުން އަންނަ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަ ށް ފޯރު ކޮށް ދިނުމަށް ފުރުސަތު ލިބޭނެ އެވެ.

މި ކުރިއެރުމާ ބެހޭ ގޮތުން، ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައިވާ ގޮތުގައި މިއީ މުހިންމު ލަނޑުދަނޑިއެއް ކަމަށާ، މިއީ އުރީދޫ އަދި ދިރާގުން ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމުގައި ކޮށްދޭ މުހިންމު މަސައްކަތެއް ކަމަށެވެ.

"އެމްއެސްއީ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ފުރިހަމަވުމުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަ އިތުރަށް ވަރުގަދަވެ، އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހި ވެގެންދާނެ،" މަލީހު ވިދާޅުވި އެވެ.

އުރީދޫ އާއި ދިރާގުން ބުނި ގޮތުގައި މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކް އާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމާއި އެކު އާންމު ދިރިއުޅުމާއި ވިޔަފާރިތަކުން ދޭ ހިދުމަތްތައް ވެސް ޑިޖިޓަލް ޒަރިއްޔާ ބޭނުން ކުރަމުންދާ ކަމަށެވެ. އެހެންކަމުން އިންޓަނެޓް ބޭނުންކުރާވަރު އިތުރުވެ، އިންޓަނެޓްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށެވެ.