ވިޔަފާރި

ތާރީހީ ކްރޫޒްލައިން ދަތުރުގައި ރާއްޖޭގެ 23 މީހުން!

Dec 17, 2016
2
  • ޕެކޭޖު ވިއްކީ ބޮލަކަށް 999 ޑޮލަރަށް
  • އަންނަ އަހަރުވެސް ދަތުރެއް ބާއްވާނެ
  • ދަތުރު ކުރަނީ ބޮޑު ކްރޫޒްލައިނާއެއްގައި

ޕެކޭޖު ވިއްކައިގެން ރާއްޖޭން ފުރާ ގޮތަށް ބާއްވާ ފުރަތަމަ ކްރޫޒްލައިން ދަތުރުގައި ރާއްޖޭން 23 މީހުން ބައިވެފައިވާ ކަމަށް އިނަ މޯލްޑިވްސް ހޮލިޑޭސް އިން ބުނެފި އެވެ.

އިނަ މޯލްޑިވްސް ހޮލިޑޭޒްގެ ޑިރެކްޓަރު އަހްމަދު އިޖާޒް ވިދާޅުވީ ރާއްޖޭން 23 ޓޫރިސްޓުން މި ދަތުރުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ދަތުރަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ބާއްވާ ކްރޫޒްލައިން ދަތުރުގައި ދަތުރުކުރާނީ "ކޮސްޓާނިއޯ ކްލެސިކާ" ނަމަކަށް ކިޔާ ކްރޫޒްލައިނާ އެކެވެ. މި ކްރޫޒްލައިން ދަތުރުކުރާނީ ރާއްޖޭން ފުރައިގެން ސްރީލަންކާގެ ކޮލޮމްބޯ އާއި އިންޑިޔާ މުމްބާއީ އަށެވެ. މި ކްރޫޒްލައިނާ މިއަދު ފުރާފައިވާއިރު، އެނބުރި ރާއްޖެ އަންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

މި ދަތުރުގައި މި އަހަރު ބޭއްވި "ވެކޭޝަންސް އެކްސްޕޯ" އަށް އިނަ މޯލްޑިވްސްއިން ހުށަހެޅި ކްރޫޒްލައިން ދަތުރު ލިބުނު ޝީރާޒު ވެސް ދަތުރުކުރާނެ އެވެ.

އިނަ މޯލްޑިވްސް އިން ކްރޫޒްލައިން ޕެކޭޖު ވިއްކާފައިވަނީ ކޮލޮމްބޯގައި ތިން ދުވަސް ހޭދަކުރަން ދެ މީހަކު ދާ ނަމަ ބޮލަކަށް 999 ޑޮލަރު (ގާތްގަނޑަކަށް 15،404ރ.) އަށެވެ. އެ ކުންފުނިން ވަނީ އަންނަ އަހަރު ވެސް މި ދަތުރު ރާއްޖެއަށް ބޭއްވުމަށް ނިންމާފަ އެވެ.

މި ދަތުރުގެ ބައިވެރިން ދަތުރުކުރާ ކްރޫޒްލައިންއަކީ 722 ފޫޓުގެ އުޅަނދެކެވެ. ގާތްގަނޑަކަށް 14 ބުރީގެ މި ކްރޫޒްލައިންގައި 1300 އަށްވުރެގިނަ ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ އެވެ. އަދި މި އުޅަނދުގައި ސުވިމިން ޕޫލް ރެސްޓޯރަންޓްތަކާއި އެންމެ ޒަމާނީ ހިދުމަތްތައް ލިބެން ހުންނާނެ އެވެ.