ރާއްޖޭގައި މަންޒަރުތައް ނަގާފައިވާ ސްޓާވޯޒް ރޭ ރިލީޒްކޮށްފައިވާ އިރު، ބޮލީވުޑްގެ ފިލްމް ތަކެއް ނެގުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ސްޓާވޯޒްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޔޫރަޕުގައި ވަރަށް ބޮޑަށް އިޝްތިހާރު ވާނެ ކަމަށާއި، އަދި މި ފިލްމާއެކު އިންޑިޔާގެ ބޮލީވުޑްގެ ފިލްމުތަކެއް ނެގުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
"މި ފިލްމް ]ސްޓާވޯޒް] އާއެކު ޔޫރަޕު މާކެޓު އިތުރަށް ކުރިއަރާނެ ކަމަށް ބެލެވޭ. މިހާރު ވާހަކަ ދައްކަމުންދޭ ބޮލީވުންޑްގެ ފިލްމްތަކުގެ ޕްރޮޑިއުސަރުން ވެސް އެކަން ކުރުމަށް. އަޅުގަނޑުމެން މި ބަލަނީ އެކަން ވީހާވެސް ފަސޭހަ ގޮތެއްގައި ކުރެވޭނެ ގޮތެއް ހެދުމަށް،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާ ކުރަން ޖެހޭ ކަމަށާއި، މީގެ އިތުރުން "ސްޓޫޑިއޯ އައިލެންޑެއް" ހެދުމުގެ ވިސްނުން ވެސް އެބަހުރި ކަމަށެވެ.
"މިފަދަ ފިލްމްތައް ނެގުމަށް ވަރަށް ބޮޑަށް އަޅުގަނޑުމެން އެންކަރޭޖް ކުރާނަން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސްޓާވޯޒް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށެވެ.
"ފިލްމުގައި ދައްކާ ލޮކޭޝަންތަކާއި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ކުރަމުން އެބަދޭ. ބައެއް ބްލޮގަރުން މެދުވެރިކޮށް އެބަ ކުރަން،" ޒަމީރު ވިދާޅުވި އެވެ.
ލ. އަތޮޅު ބަރެސްދޫގައި އެ އަތޮޅުގެ ބައެއް ރަށްރަށުގައި ނަގާފައިވާ ސްޓާވޯޒްގެ އެންމެ ފަހުގެ ފިލްމް "ރޯގް ވަން" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. މި ފިލްމުގެ ޓްރެއިލާތަކުގައި ރާއްޖޭގެ ރީތިމަންޒަރުތައް ފެނިގެންދެ އެވެ.
ބޮލީވުޑްގެ ފިލްމްތަކެއް ރާއްޖޭގައި ނަގަން ތައްޔާރުވަމުންދާއިރު، މީގެ ކުރިންވެސް ބައެއް ފިލްމްތައް ނަގާފައިވެ އެވެ.