ވިޔަފާރި

އިންޑިޔާ ކަނޑުގެ އެންމެ ބޮޑު ޔޮޓް ރެލީގެ މީޑިޔާ ޕާޓްނަރަކަށް "އަވަސް"

Dec 18, 2016
  • ޔޮޓް ރެލީގައި 100 ޔޮޓު ބައިވެރިވޭ
  • ގާތްގަނޑަކަށް 700 މީހުން އަންނާނެ
  • އިވެންޓު ސްޕޮންސާ ކުރުން ހުޅުވިފައި

ގާތްގަނޑަކަށް 100 އެއްހާ ޔޮޓާއެކު، 700 ފަޅުވެރިން ބައިވެރިވެގެން އިންޑިޔާ ކަނޑުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޔޮޓް ރެލީގެ މީޑިޔާ ޕާޓްނަރަށް "އަވަސް" އޮންލައިން ހަމަޖައްސައިފި އެވެ

އަންނަ މަހުގެ 20 ވަނަ ދުވަހު ހއ. އުލިގަމުން ފަށާ، ޔޮޓް ރެލީ ބޭއްވުމުގެ ގޮތުން މީޑިޔާ ޕާޓްނަރުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. "އަވަސް" ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާކެޓިން މެނޭޖަރު އައިމިނަތު މުހައްމަދު އެވެ. އަދި "ސެއިލް މޯލްޑިވްސް" ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އިގްނާޒު އަލީ އެވެ.

ސެއިލް މޯލްޑިވްސްގެ ކޯފައުންޑަރު އަދި ޑިރެކްޓަރު ޝަފީގު އަލީ ވިދާޅުވީ މި އިވެންޓަށް ޔޫރަޕުގެ އެކި ގައުމުތަކުން 700 އެއްހާ މީހުން ރާއްޖެ އަންނާނެ ކަމަށާއި، އަދި މި ޔޮޓް ރެލީގެ ހަބަރުތައް ގެނެސް ދިނުމަށް ނޭޝަނަލް ޖޮއޮގްރެފިކް ޗެނަލް އާއި ގިނަ އަދަދެއްގެ ޓްރެވަލް ނޫސްތައް އަދި ބޭރުގެ މީޑިޔާ ތަކުން ބައިވެރިވާނެ ކަމަށެވެ.

"މި ޔޮޓް ރެލީއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ އިވެންޓެއް. މީގެ ކުރިން މި ރެލީ އޮސްޓްރޭލިޔާ އާއި އިންޑޮނޭޝިޔާ ފަދަ ގައުމުތަކުގައި ވެސް ބާއްވާފައިވޭ. މި ފަހަރު މި ބާއްވަނީ ރާއްޖޭގައި،" ޔޮޓްރެލީގެ އެޖެންޓުކަން ވެސް ކުރަމުން ގެންދާ، ލަގްޒަރީ ކަލެކްޝަންގެ ޑިރެކްޓަރު، ޝަފީގު ވިދާޅުވި އެވެ.

ޓޫރިޒަމަށް އިޝްތިހާރެއް، އާއްމުންނަށް މަންފާ

ޝަފީގު ވިދާޅުވީ މި އިވެންޓުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު އިޝްތިހާރެއް ލިބިގެން ދާއިރާ، މި ޔޮޓުތަކުގައި ދަތުރުކުރާ ޓޫރިސްޓުން ރާއްޖޭގެ އެކި ރަށްރަށް ޖައްސާނެ ކަމަށާއި، އެހެންކަމުން މި ރަށްރަށަށް ވެސް ބޮޑު މަންފާ އެއް ލިބޭނެ ކަމަށެވެ.

"ދާދި ފަހުން ރާއްޖޭގައި ނެގި ސްޓާ ވޯޒް އެ ވަނީ ދައްކާފަ. ސްޓާވޯޒް ނެގުމަށް ވެސް ބޮޑު ކްރޫއެއް ރާއްޖެ އައި. އަދި އެ މީހުން ލ. ގައި އުޅުނު އިރު ބޮޑު ހޭދައެއް ކުރި. އާއްމުންނަށް ބޮޑު މަންފާއެއް ލިބުނު. އެގޮތަށް މި ފަހަރު މި ބާއްވާ އިވެންޓުގައި 700 މީހުން އެބަ އާދެ. އެހެންވެ ލިބޭ މަންފާ ލިބޭނެ،" ޝަފީގު ވިދާޅުވި އެވެ.

ސެއިލް މޯލްޑިވްސް އިން ވަނީ ޔޮޓް ރެލީގެ ޔޮޓުތައް ޖައްސާގެ 30 ރަށާއި، 10 ރިސޯޓެއް ކަނޑައަޅާފަ އެވެ. އަދި މި ރަށްރަށުގައި ހަރަކާތްތައް ހިންގުމުގެ ފުރުސަތު ވަނީ ކައުންސިލް ތަކާއި ރަށް ރަށްޔިތުންނަށް ދީފަ އެވެ.

ޝަފީގު ވިދާޅުވީ ޔޮޓުގައި ދަތުރުކުރާ މީހުން ރާއްޖޭގައި ދެ މަސް ދުވަސް ހޭދަކުރާއިރު، ކޮންމެ ރަށެއްގައި އެއް ދުވަސް މަޑުކުރާނެ ކަމަށެވެ.

"ރަށުގެ ރައްޔިތުންނާއި ކައުންސިލްތަކަށް ވާނީ ހިންގާނެ ހަރަކާތްތައް ހުޅުވާލާފަ. މިސާލަކަށް ޔޮޓުން އަންނަ ޓޫރިސްޓުންނަށް ބާބެކިޔު އެއް ވެސް ބޭއްވި ދާނެ. ނޫނީ ސަފާގީ ހަރަކާތްތައް ވެސް ބޭއްވިދާނެ. އެކަން ދޫކޮށްލާފައި ވާނީ އެ ރަށަކަށް. ރަށްރައް ނެގުމުގައި ބަލާފައިވާނެ ޖޮއޮގްރަފެކަލީ ރަށް އޮންނަ ހިސާބަށް ވެސް،" ޝަފީގު ވިދާޅުވި އެވެ.

ސްޕޮންސަރުންނަށް ރަނުގެ ފުރުސަތެއް

މި އިވެންޓުގެ އެކި ބައިތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ސެއިލް މޯލްޑިވްސް އިން ވަނީ ހުޅުވާލާފަ އެވެ. މިގޮތުން އެ ކުންފުނިން ވަނީ ސްޕޮންސަރުން ގުޅުމަށް ހާއްސަ ނަމްބަރެއް ވެސް ކަނޑައަޅާފަ އެވެ. މި ނަމްބަރުން 7774749 ސްޕޮންސާ ކުރުމުގެ ކަންތައް ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޝަފީގު ވިދާޅުވީ ޓައިޓްލް ސްޕޮންސާ އިން ފެށިގެން ޔޮޓުތަކަށް ސަޕްލައި ކުރުމާ ހަމައަށް ވެސް ސްޕޮންސާ ކުރެވިދާނެ ކަމަށެވެ.

"ވިސްނަވާ.. ދެ މަސް ދުވަސް ވަންދަން 700 މީހުންގެ ކެއިން ބުއިމަށް ބޭނުންވާ ސާމާނު ސަޕްލައި ކުރަން ލިބޭ ކުންފުންޏަކަށް ލިބޭނެ މަންފާ. މިގޮތަށް މި އިވެންޓުގައި ވިޔަފާރިވެރިން ނަށް އެތަށް ފުރުސަތު ހުޅުވިފައިވަނީ،" ޝަފީގު ވިދާޅުވި އެވެ.

ސެއިލް މޯލްޑިވްސް އިން ބުނީ ޔޮޓްރެލީގައި ދުނިޔޭގެ ހަ ބައްރަކުން އެކި ގައުމުތަކުގެ މީހުން ބައިވެރިވާނެ ކަމަށެވެ. މިގޮތުން މަދުވެގެން 10 ގައުމެއްގެ މީހުން ބައިވެރިވާނެ އެވެ.

މި ޔޮޓް ރެލީ އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޑޮނޭޝިޔާގަ އެވެ. ޔޮޓް ރެލީއާ ދިމާކޮށް ގިނަ ހަރަކާތްތަކެއް އެ ގައުމުގައި ކުރި އަށް ގެންދިޔަ އެވެ.