ބިދޭސީން

މި އަހަރު އެންމެ ގިނައީ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ

މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ބިދޭސީންނާ ގުޅުންހުރި 30 މައްސަލައެއް ހުށަހަޅާފައިވާއިރު އެންމެ ގިނައީ މުސާރަ ނުދިނުމުގެ މައްސަލަ ކަމަށް އެޗްއާރްސީއެމް އިން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ބިދޭސީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް މަސައްކަތްތެރިންނާ ގުޅުންހުރި ނުވަ ބާވަތެއްގެ މައްސަލަ އެ ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މުސާރަ ނުދިނުމުގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ބަންދު ކުރުމުގެ މައްސަލަ އާއި، ވަޒީފާއިން ވަކި ކުރުމާއި، އުޅެން އެކަށީގެންވާ މާހައުލެއް ދައްކައިނުދިނުން ފަދަ މައްސަލަތަކެއް ހިމެނެ އެވެ.

މިއަހަރުގެ މިހާތަނަށް ބިދޭސީން ލައްވައި މުސާރަ ނުދީ މަސައްކަތް ކުރުވުމުގެ ހަތް މައްސަލައެއް ވަނީ އެޗްއާރްސީއެމް އަށް ހުށަހަޅާފަ އެވެ. އަދި ގަވާއިދާ ހިލާފަށް ހައްޔަރުކުރުމުގެ ތިން މައްސަލަ، ވަޒީފާއިން ވަކި ކުރުމުގެ ތިން މައްސަލަ، އަދި މަސައްކަތުގެ މާހައުލުގައި ގޯނާކުރުމުގެ ތިން މައްސަލައެއްގެ އިތުރުން އުޅެން ރަނގަޅު ތަނެއް ހޯދައި ނުދީގެން ދެ މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ބިދޭސީ މުވައްޒަފުންގެ ހައްގު ގެއްލޭގޮތަށް ހުރި މައްސަލަތަކެއް ހުރިކަން އެޗްއާރްސީއެމުން ފާހަގަ ކޮށްފައިވާއިރު، އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބިދޭސީންގެ ހައްގުތަށް ގެއްލި އެމީހުންގެ ކަރާމާތަށް ނުރައްކާވާ ގިނަ މައްސަލަތައް ރާއްޖޭގައި އެބަހުރި ކަމަށެވެ. އެހެންކަމުން އަނިޔާ ލިބޭ ބިދޭސީންނަށް އެމީހުންގެ ހައްގުތަށް ކަށަވަރުކޮށްދީ، އެހައްގުތައް ނިގުޅައިގަންނަ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި އަދަބުދިނުމަށް ވެސް އެކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.