ބިދޭސީން

އެމްޕީއެލް ހިޔާގައި ތިބި ބިދޭސީން ކޮވިޑަށް ޓެސްޓްކުރަން އަންގައިފި

ހުޅުމާލޭގައި ގާއިމް ކޮށްފައިވާ އެމްޕީއެލް ހިޔާގައި ތިބި ބިދޭސީން ކޮވިޑަށް ޓެސްޓް ކުރެވޭނެ ގޮތް ހަދަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އަންގައިފި އެވެ.

ކޮވިޑު ކާފިއު ވަގުތުތަކުގައި މަގުމަތީގައި އުޅޭ ބިދޭސީންގެ ތެރޭން ލިޔެކިޔުމެއް ނެތި އުޅޭ މީހުން ބައިތިއްބައިފައި ތިބޭ އެމްޕީއެލް ހިޔާއަށް އެޗްއާރުސީއެމުން ޒިޔާރަތަށް ކުރުމަށް ފަހު ބައެއް ކަންކަން ކުރަން ލަފާ ދީފައި ވެއެވެ.

އެގޮތުން އެމްޕީއެލް ހިޔާއަށް ގެންދާ ބިދޭސީން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބުމާ ހަމައަށް އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ބައިތިއްބަން އަންގާފައި ވެއެވެ. އެޗްއާރުސީއެމްއިން އަންގައިފައި ވަނީ ކޮވިޑަށް ޓެސްޓުކުރާ ފަރާތްތަކުގެ ނަތީޖާ ލިބެން ދެން އެމީހުން އަލަށް ގެންނަ ފަރާތްތައް ވަކިން ބައިތިއްބާށެވެ.

"... ހަމަ މިޔާއެކު، އެމްޕީއެލް ހިޔާއަށް ގެންދެބޭ ބިދޭސީ މަސައްކަތްތެރީން ލަސްވެގެން 24 ގަޑިއިރު ތެރޭގައި ޑޮކްޓަރަށް ދައްކައި ސިއްހީ ގޮތުން ކޮންމެހެން ދޭން ޖެހޭ ފަރުވާއެއް ހުރިކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއި އަދި ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތެއް ވާނަމަ ކާން ޖެހޭ ބޭސް މެދުނުކުނޑޭގޮތަށް ލިބޭކަން ކަށަވަރުކުރުން ހިމެނެ އެވެ." އެޗްއާރުސީއެމްގެ ބަޔާނެއްގައި ވެއެވެ.

އޭގެ އިތުރުން ބިދޭސީން އެތަނަށް ގެންދާ ސަބަބު ބަޔާންކޮށް އެތަނުގައި ބައިތިއްބާނެ މުއްދަތު ބުނެދީ އެމީހުންނަށް އަންނައުނު ފޯރުކޮށްދޭން ވެސް އަންގާފައި ވެއެވެ.