މާރާމާރީ ހިންގުން

މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލައިފި

ސޯސަންމަގުގައި މިރޭ ބަޔަކު ހިންގި މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ. މާރާމާރީ ހިންގާފައިވަނީ ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީސް ކައިރީގަ އެވެ.

މީގެ ގަޑިއެއްހާއިރު ކުރިން ހިންގި އެމާރާމާރީގައި ޒަހަމް ވެފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މިހާރު ވަނީ ފަރުވާއަށް އޭޑީކޭއަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ސޯސަން މަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް އެ އިދާރާއަށް މިރޭ 8:03 ހާއިރު ލިބުނު ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ޒަހަމްވި މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.

އޭޑީކޭއިން ބުނީ، އެ ހޮސްޕިޓަލަށް ޒަހަމްވެފައިވާ ޒުވާނަކު މިރޭ 8:15 ހާއިރު ގެންދިޔަ ކަމަށާއި އޭނާގެ ސިއްހީ ހާލަތާމެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

މިރޭ މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމް ކޮށްލާފައިވާއިރު، ދާދި ފަހުން ވެސް ވަނީ އެ ސަރަހައްދުގައި މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލާފަ އެވެ.