އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް، އަންހެނުން ބާރުވެރި ބަޔަކަށް ހަދަން ބައިނަލް އަގުވާމީ ފެންވަރުގައި ފެށުނު ބައެއް ހަރަކާތްތަކަށް ގަރުނެއް ފުރެނީ އެވެ. އެއީ ޒަމާންތަކެއް ވަންދެން އަންހެނުން އުޅެމުންދިޔަ ވޭންބޮޑު އަޅުވެތި ދިރިއުޅުމުން އެމީހުން ސަލާމަތްކޮށްދީ، ފިރިހެނުންނާ އެއް ހަމައެއްގައި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަމާއި، ތައުލީމާއި، އިއްޒަތް ދިރިއުޅުމެއް ހޯދައިދިނުމަށް އުފަންވި ހަރަކާތްތަކެކެވެ. އެ ހަރަކާތްތައް ދުނިޔޭގެ ހަތަރު ބިތަށް ފުޅާ ވެއްޖެ އެވެ. ހުރިހާ ގައުމެއްގައި "އަންހެނުންގެ ހައްގު" ތަކުގެ ވާހަކަ ދައްކައި އެ އަޑު ދުނިޔޭގެ ހަތަރުބިތުގައި ގުގުމާލައިފި އެވެ. އަންހެނުންނާއި އަންހެން ދަރީންގެ ހައްގުތަކުގެ ވާހަކަ ބައިނަލްއަގުވާމީ ފެންވަރުގައި ދައްކައި އަޑު އުފުލާނެ ދުވަހެއް ވެސް ކަނޑައަޅައިފި އެވެ.
މީލާދީން އަށާރަ ސަތޭކައިގެ ފަހު އަހަރުތަކުގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް، ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް ފެށުނު ހަރަކާތްތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ވެސް ފެންނަން ފަށައިފި އެވެ. އެ ބަދަލު ރާއްޖެއިން ވެސް ފެންނަން ފަށައިފި އެވެ. ތަފާތު ދާއިރާތަކުންނެވެ. ތައުލީމީ ދާއިރާއަށް ބެލިކަމުގައި ވިޔަސް ފިރިހެންކުދީންގެ މައްޗަށް އަންހެން ކުދީން ކުރި ހޯދައިފިތާ އަހަރު ތަކެކެވެ. ރާއްޖޭގައި ހައި ސްކޫލް ނިންމައި، ފާސްވާ ކުދިންގެ 55 ޕަސެންޓަކީ މިހާރު އަންހެން ކުދީންނެވެ. ކޮލެޖް ޔުނިވަސިޓީތަކުގައި ކިޔަވާ އަންހެނުންގެ އަދަދުވެސް ފިރިހެނުންނަށްވުރެ އެތައް ތަނެއް އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އެންމެ މަތީ ފާސްވާ މީހުންގެ ލިސްޓުގައި އަންހެނުންގެ ނިސްބަތް ގިނަ އެވެ. މިނިސްޓްރީތަކާއި، މުއައްސަސާތަކުގެ އިސް މަގާމްތަކާއި، ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ހަރަކާތްތެރިވާ އަންހެނުންގެ އިންސައްތަ މިހާރު ވަނީ 30 އަށް އަރާފަ އެވެ.
"ރާއްޖެއަށް ބަލާނަމަ ކުންފުނިތަކުގެ ހިންގާ ޓިމުގެ 80 ޕަސެންޓަކީ މިއަދު އަންހެނުން. މި ވަރުގެ ތަފާތެއް ނުފެނޭ. ސަގާފަތާއި އާދަކާދަ ދިރި އޮތް ގައުމެއްގައި މިއީ ވަރަށްވެސް ފާހަގަކޮށްލަންޖެހޭ ވަރުގެ ތަފާސްހިސާބުތަކެއް،" އަންހެނުންގެ ހައްގުތަކަށް ހިދުމަތްތަކެއް ކުރައްވާ، އަދި ކުރީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާ މައުމޫން ވިދާޅުވެފައިވެ އެވެ.
އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތަކީވެސް ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމުގެ ގޮތުން ފެށުނު ހަރަކާތްތަކަކަށް ވީހިނދު، މި މަސައްކަތްތަކުގައި ފިރިހެނުންގެ ބައިވެރިވުން އޮތީ ކިހާ ވަރަކަށްތޯ ބަލާލުން މުހިއްމެވެ. މިކަމަށް އާންމު ނަޒަރަކުން ވިސްނާލާނަމަ ސިކުނޑިއަށް އަންނަ ސުވާލެއް އެބަ އޮތެވެ. ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް އަންހެނުންގެ ހައްގުތައް ހިމާޔަތްކުރަން ފެށި މަސައްކަތްތަކުގެ ތެރޭން، ވަކި ހިސާބަކުން ފިރިހެނުންގެ ހައްގުތަކަށް އަޅާނުލައި ދޫކޮށްލެވުނީ ބާވައެވެ. ނޫނީ ފިރިހެނުންގެ ހައްގުތައް މާކުރިންވެސް އެކަށީގެންވާ ވަރަށް ރައްކާތެރިކުރެވިފައި އޮތީ ބާވައެވެ.
"ފިރިހެނުންގެ ހައްގުތަކެއް ވެސް އޮވޭ. ނަމަވެސް ރާއްޖެއަށް ބަލަންޏާ މިހާރު މުޅިން ވެސް ދެކެވެނީ އަންހެން ކުދީންގެ ވާހަކަ، އަންހެނުން ބާރުވެރިކުރުވަންޖެހޭ ވާހަކަ. ޖިންސީ ހަމަހަމަކަން ގާއިމްކުރާއިރު އަންހެނުންގެ ދުވަހެއް ފާހަގަކުރާ ގޮތަށް ފިރިހެނުންގެ ހައްގުތައްވެސް ފާހަގަކުރަންވާނެ! މިހާރު 'ޖެންޑާ' އޭ ބުނުމުން ގިނަ މީހުންނަށް އެ މާނަކުރެވެނީވެސް އަންހެނުންގެ ހައްގުތަކޭ، އެ ގޮތަށް،" މިއީ އާޓް އެންޑް ޑިޒައިނިންގެ ދާއިރާއިން ބެޗްލާސްއަށް ކިޔަވަމުންދާ އަންހެން ދަރިވަރެއްގެ ހިޔާލެވެ.
ފިރިހެނުންނާއި ފިރިހެންކުދީންގެ ހައްގުތަކުގެ ވާހަކަ ދައްކާލެއް މަދުކަމަށް ބުނާ ބުނުން މުޅިން ދޮގު ކުރެވޭނެ ފުރުސަތެއް ނެތެވެ. ދެ ޖިންސުގެ ހަމަހަމަ ކަމަކީ "50-50" ނުވަތަ "ވިން-ވިން" ކާމިޔާބީއަކަށް ވާއިރު އަންހެންކުދީން ބާރުވެރިކުރުމުގެ މަސައްކަތް ކާމިޔާބު ވަމުންދާ މުޖުތަމައެއްގައި ދެ ޖިންސުގެ ހައްގުތަކުގެ އަޑު އެއް ވަރަކަށް އިއްވުމަކީ ކުރަންޖެހިފައިވާ މުހިއްމު ކަމެކެވެ. ސަބަބަކީ މިއިން އެއްވެސް ކަމަކީ ވަކި ޖިންސެއް ބާކީ ކޮށްލައިގެން ބޭނުންވާ ނަތީޖާ ނެރެވޭނެ ކަންކަމަށް ނުވާތީއެވެ. އެގޮތަށް އެކަން ނުކުރެވޭނަމަ އެއީ ދެ ޖިންސުގެ ހަމަހަމަކަން ގާއިމްކުރަން މަސައްކަތްކުރާ ޖެންޑަ މިނިސްޓްރީއަށް ވެސް ލިބޭނެ އުނި ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ.
އަންހެންކުދީން ބާރުވެރިކުރުވަން ކުރާ މަސައްކަތުގެ ތެރެއިން، ފިރިހެންކުދީންގެ ހައްގުތަކުގެ ވާހަކަ ދައްކަން ހަނދާންނެތިފައިވާކަމަށް ބުނާ ބުނުމާމެދު ޖެންޑަ މިނިސްޓަރު ޒެނީޝާ ޝަހީދުގެ ހިޔާލު ވަރަށް ތަފާތެވެ. ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އެންޖީއޯއެއްގެ އިސް ވެރިއަކަށް ހުންނެވި ޒެނީޝާ ވިދާޅުވާ ގޮތުން ފިރިހެންކުދިންގެ ހައްގުތައް ހިމާޔަތްކުރަން ވެސް މަސައްކަތްތަކެއް ކުރެވެ އެވެ. އަދި ކުރިއަށް އެފަދަ ކަންތައްތަކެއް އެ މިނިސްޓްރީ މެދުވެރިކޮށް ވެސް ކުރަން ވަނީ ޕްލޭންކޮށްފަ އެވެ.
"ފިރިހެން ކުދީންގެ ހައްގުތަކުގެ ވާހަކަ އަކީވެސް އެއްވަރަކަށް މުހިއްމު ކަމެއް. ފިރިހެން ކުދިންގެ މަތިން ހަނދާން ނައްތާލެވިފައިވާކަމަށް އެ އެ ދެކެވޭ ވާހަކައަކީ ފަހަރުގައި ވެދާނެ އަންހެންކުދީންގެ ހައްގު ހިމާޔަތް ކުރުމުގެ ވާހަކަ ބޮޑަށް ދެކެވޭތީ ވިސްނޭ ގޮތެއް ކަމަށް. އެކަމަކު އެގޮތަށް ވިސްނުމުގެ މާނައަކީ މަސައްކަތްތަކެއް ނުކުރުމެއް ނޫން. އަންހެނުންގެ ހައްގުތަކުގެ ވާހަކަ އަޑު ގަދައީ، ޒަމާންތަކަކަށް އަންހެނުން އުޅުނީ ނިކަމެތި ހާލުގައި. ދުނިޔެ ވަނީ އަދުވެސް އެކަމަށް ހައްލެއް ހޯދަން އުނދަގޫވެފައި. އަންހެނުންނަށް އަދިވެސް މިނިވަންކަމެއް ނެތް ގައުމުތަކާއި އަވަށްތައް ގިނަ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ފުރިހަމަ ގުޅުންތަކެއް ބަދަހިކުރެވެން އަންނަނީ ޖިންސްގެ ހަމަހަމަ ކަން ގާއިމްކޮށްގެން ކަމަށް ވާއިރު، އަންހެނުންގެ ހައްގުތަކަށް ކުރާ މަސައްކަތުގައި ފިރިހެނުންވެސް ބައިވެރިވާންޖެހޭ ކަމަށެވެ. އެކަން ގޯސް ނަޒަރިއްޔާއަކުން ދުށުމުގެ ބަދަލުގައި ހެޔޮ ވިސްނުމެއްގައި ބަލައިގަންނަން ޖެހޭ ކަމަށެވެ.