ހަބަރު

ކޮން އަންހެން ކުއްޖެއް؟ ކޮން ދަބަހެއް؟

Mar 12, 2015
7

ހަތިޔާރު ބޭނުންކޮށް ދައުލަތުގެ ވެރިންނަށް ހަމަލާދީ ސަރުކާރުގެ ވައްޓާލަން އުުޅުުއްވި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ތުހުމަތުކޮށް ކުރާ ޝަރީއަތް ކުރިއަށްދާއިރު އެ ތުހުމަތުތަކާ ގުޅޭ އާ ވާހަކަތައް ދަނީ ފެންމަތި ވަމުންނެވެ. ގ. އެނިފްގެ އެޕާޓްމަންޓެއްގައި ނާޒިމް ދިރިއުޅުއްވި ކޮޓަރީގެ ތެރެއިން ފެނުނު ކަމަށް ބުނާ ނައިން އެމްއެމް ސެމީ އޮޓަމެޓިކް ފިސްތޯލައަކާއި ތިން ވަޒަނާއި ޕެން ޑްރައިވް އާއި އައިއީޑީގެ ފަހަތުގައި ބޮޑު ރޭވުމެއް އޮތް ކަމަށް ޝަރީއަތުގައި ދައުލަތުން ބުނެ އެވެ.

ނާޒިމާއި އޭނާގެ ގާނޫނީ ޓީމުން ބުނާ ގޮތުގައި އެއީ ހީލަތްތެރި ރޭވުމެކެވެ. ސަރުކާރުން ވަނީ ނާޒިމް "ފްރޭމްކޮށްފަ" އެވެ. އަދި ނާޒިމްގެ ކޮޓަރިން ފެނުނު ހަނގުރާމަވެރި ހަތިޔާރަކީ އޭނާއާ ގުޅުމެއް އޮތް އެއްޗެއް ނޫނެވެ.

އެ ވާހަކަތައް ބާއްވާށެވެ. މިހާރު އާ ވާހަކައެއްގެ ކުރި ފަޅައިފި އެވެ. ފިސްތޯލައާ ގުޅޭ މި ވާހަކައެއްގެ ތެރެއަށް ދަމާހެއްޔެވެ؟ މިވާހަކަތައް ފަށަންޖެހޭ ހިސާބަކީ އައްޑުއަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖަކާ ނާޒިމް ލޯބީގެ ގުޅުމެއް ބާއްވާ ކަމަށް ދެކެވޭ ވާހަކައިންނެވެ. އެ ވާހަކަ އަޑު އަހަން ހެއްޔެވެ؟ ކިޔަވަން މިވަގުތު  މެލޭޝިޔާގައި ހުރި އަންހެން ކުއްޖާޔަށް ވަރަށް ގިނަ ހަރަދުތައް ނާޒިމް ކުރައްވާ ކަމަށް ކުރިންސުރެ ވެސް އަޑުތައް އޮވެއެވެ. އޭނާ މާލެ އައިސް ބޭނުން ކުރަނީ ނާޒިމްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮންނަ "ބެންޒް 101" ކާރެއް ކަމަށް ބުނެ މީހުން ވާހަކަ ކިޔައިދޭތާ ވެސް ދުވަސްތައް ވަނީ ވެފައެވެ.

ނާޒިމްގެ ގެއަށް ފުލުހުން ވަން ރޭ އެ ގެއިން ފެނުނު ފިސްތޯލަ އާއި، މީގެ ކުރިން ރައީސް އޮފީހުގައި ވެސް މަސައްކަތް ކުރި އެ އަންހެން ކުއްޖާޔާ ގުޅޭ ވާހަކަތަކެއް ދައުރުވާތާ ދެތިން ދުވަހެއް ވެއްޖެ އެވެ. އިތުބާރު ހުރި މަސްދަރުތަކުގެ އެހީގައި "އަވަސް" އިން ބެލި ބެލުމުން އެނގުނު އެއް ކަމަކީ ނާޒިމްގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކޮށް ފިސްތޯލަ އާއި އެހެން ބައެއް ތަކެތި ގެންދިޔައީ ނާޒިމް އެރޭ ބޭރުގައި އުޅުއްވުމަށް ފަހު ގެއަށް ވަޑައިގެން އަވަހާރަފުޅު ލައްޕަވަން އުޅުއްވަނިކޮށެވެ. އަދި ފިސްތޯލަ އާއި ތިން ވަޒަނާއި ޕެން ޑްރައިވް ފެނުނު ދަަބަހަކީ ނާޒިމް އެރޭ ގެއަށް ވަޑައިގަތުމުގެ ކުރިން ވެސް ގެންގުޅުއްވި އަދި އެރޭ ގެއަށް ގެންދެވި ދަބަހެކެވެ.

އެ ދަބަސް ހިއްޕަވައިގެން ނާޒިމް އެރޭ ބައެއް ތަންތަނަށް ވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އަވަސް އަށް ޔަގީން ކުރެވިފައިވާ ގޮތުގައި ޖެނުއަރީ 17 ވަނަ ދުވަހުގެ ހަވީރު މާލޭގައި އޮތް އެމްބީސީ ސަގާފީ އީދުގެ ހަފްލާއަށް ވަޑައިގަތުމަށް ފަހު އިރުއޮއްސެނިކޮށް ވަޑައިގެންނެވީ ޖުމެއިރާ ރިސޯޓްގައި ހުންނެވުމަށްފަހު އެވެ. އަދި އެނބުރި މާލެ ވަޑައިގަތުމަށް ފަހު ކަޅުތުއްކަލާ ކޮށީގައި އޮތް ސިފައިންގެ ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތެވެ. އެ ރޭ ދެން ވަޑައިގަތީ ނާޒިމް ލޯބީގެ ގޮތުން ގުޅުން ބާއްވާ ކަމަށް ބުނާ އަންހެން ކުއްޖާ ބަހައްޓާފައި ހުންނަ ޗަމްޕާ ފްލެޓްސް އަށެވެ. އެ ފްލެޓަށް ނާޒިމް ވަޑައިގެންނެވި އިރު އަތްޕުޅުގައި އެ ދަބަސް އޮތް ކަމަށް އަންހެން ކުއްޖާ ބުނާ ކަމަށް އިތުބާރު ހުރި ސޯސްތައް ބުނެއެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުން އެ ދަބަސް ހިއްޕަވައިގެން ނާޒިމް އެ ރޭ ވަޑައިގެންނެވި ކަމަށް އަންހެން ކުއްޖާ އޭނާގެ ބައެއް އެކުވެރިން ގާތުގައި އެތައް ފަހަރަކު ވަނީ ބުނެފައެވެެ. އެ އަންހެން ކުއްޖާ އޭނާގެ ބައެއް ރަށްޓެހިން ގާތު އެ ރޭ ނާޒިމް ގެންގުޅުއްވި ދަބަހުގައި ފިސްތޯލައަކާއި އެއްޗެހިތަކެއް ހުއްޓާ ފެނުނު ކަމަށް ވެސް ބުނެ އެވެ. އަދި ހަމަ އެރޭ އެ ފްލެޓް ދޫކޮށް އެނިފްގެ އެޕާޓްމަންޓަށް ވަޑައިގަތީ އެ ދަބަސް ހިތްޕަވައިގެން ކަމަށް ވެސް ބުނެ އެވެެ.

އަންހެން ކުއްޖާއާ ގާތް ގުޅުންތަކެއް އޮންނަ އެހެން ސޯސްއެއް ބުނާ ގޮތުގައި ކުރިން ވެސް ނާޒިމް ފިސްތޯލަ އާއި އެ ބާވަތުގެ ބައެއް ހަތިޔާރު އަންހެން ކުއްޖާއަށް ދައްކާ އަތްލާން ދީ ހައްދަވަ އެވެ. އަދި ނާޒިމް ގެންގުޅުއްވާ ދަބަހުން ކުރިން ވެސް އޭނައަށް ފިސްތޯލަ ފެނިފައިވެއެވެ.

އެނގިފައިވަ ގޮތުގައި ނާޒިމްގެ މައްސަލައިގައި ފުލުހުން އެ އަންހެން ކުއްޖާއާ ސުވާލުކޮށްފާނެތީ އޭނާ ހުންނަނީ ބިރު ގެންފަ އެވެ. ނަމަވެސް އެ އަންހެން ކުއްޖާގެ ބަހެއް ހޯދަން، "އަވަސް" އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެކަމަކު ނާޒިމްގެ މައްސަލައިގެ ތެރެއަށް އުފަންވި މި އާ ވާހަކައިން އާ ކުރިތަކެއް ފެޅުމަކީ އެކަށީގެންވާ ކަމެކެވެ.