ވިޔަފާރި

ބައެއް ޓޫރިޒަމް ފެއާތައް ގެއްލިދާނެތީ ލޭމް ކަންބޮޑު ވެއްޖެ

Dec 20, 2016
  • ފެއާތަކަށް ދުރާލާ ތައްޔާރުވާން ޖެހޭ
  • އަހަރު ކުރީކޮޅު މުހިންމު ފެއާތަކެއް އޮވޭ
  • މަޓާޓޯއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ރާއްޖޭން ރަސްމީކޮށް ބައިވެރިވާނެ ކަމުގެ ޔަގީންކަން ނުލިބޭތީ، އަންނަ އަހަރުގެ ކުރީކޮޅު އޮންނަ ބައެއް ޓޫރިޒަމް ފެއާތައް ގެއްލުމުގެ ބިރު ހީވެފައިވާ ކަމަށް ބުނެ، ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ލޭމް އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެހެން އަހަރުތަކުގައި ރާއްޖޭން ބައިވެރިވާ ޓޫރިޒަމް ފެއާތައް ދުރާލާ އިއުލާނު ކުރާ ކަމަށާއި، ނަމަވެސް މި އަހަރު އިއުލާނުކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. މިހެންވުމުން ފެއާތަކަށް ދިއުމަށް ތައްޔާރުވުމަށް ދަތިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. މިގޮތުން އެ ޖަމިއްޔާ އިން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވަނީ އަހަރުގެ ކުރީކޮޅު ބާއްވާ ބައެއް ފެއާތައް ގެއްލިދާނެތީ އެވެ. މީގެތެރޭގައި ޖަރުމަނުގައި އޮންނަ އެންމެ ބޮޑު ބޯޓް ޝޯ ހިމެނެ އެވެ.

ލޭމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒު އަލީ ވިދާޅުވީ އެހެން އަހަރުތަކުގައި ރާއްޖޭން އިން ބައިވެރިވާ ފެއާތައް ދުރާލާ އަންގާ ކަމަށާއި، ނަމަވެސް މި އަހަރު އަދި ހަބަރެއް ނުވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކޮށްފިން އެކަމަށް. ނަމަވެސް އެމްއެމްޕީއާރްސީން ރަސްމީކޮށް ބައިވެރިވޭތޯ ނުވަތަ ނޫންތޯ ވެސް އަދި ނޭނގޭ،" އިގްނާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުރާލާ ރާއްޖޭން ބައިވެރިވާ ފެއާތައް ނޭނގޭތީ، ވިސާ ހޯދުމާއި މިނޫން ތައްޔާރީތަކަށް ދަތިވެފައިވާ ކަމަށެވެ.

"ބައެއް ގައުމުތަކަކީ އެއް މަސް ވަރު ކުރިން އުޅެގެން ވިސާ ލިބޭ ގައުމުތައް" އިގްނާޒު ވިދާޅުވި އެވެ.

ރާއްޖޭން މީގެ ކުރިން އާއްމުކޮށް ޓޫރިޒަމް ފެއާތަކުގައި ބައިވެރިވަނީ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން، މައި އެއް ސްޓޯލް ނެގުމަށްފަހު، ކުންފުނި ތަކަށް ދޫކުރާ އުސޫލުންނެވެ.

ލޭމުން ވާހަކަ ދެއްކެވި، އިގްނާޒު ވިދާޅުވީ މިގޮތަށް ސްޓޯލްތައް ނެގުމުން ވަަރަށް ބޮޑުތަން އަގު ހެޔޮވާ ކަމަށާއި، ނަމަވެސް ވަކިވަކިން ކުންފުނިތައް ބައިވެރިވުމުން ވަރަށް ބޮޑުތަން އަގު ބޮޑުވާނެ ކަމަށެވެ.

"ވަކިވަކިން ބައިވެރިވާނަމަ 3500-4000 ޑޮލަރު ވަރު ސްޓޯލެއް ލިބޭނީ. ބައެއް ފަހަރު އެ ސްޓޯލެއް އޮންނަ ހިސާބުން އިތުރަށް އަގު ބޮޑުވުން އެކަށީގެންވޭ،" އިގްނާޒު ވިދާޅުވި އެވެ.

ލޭމުން ކަންބޮޑުން ފާޅުކުރިއިރު، ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްމިޔާ (މަޓާޓޯ) އިން ވެސް މީގެ ކުރިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ޓޫރިޒަމް ބަޖެޓެއް ނެތް ކަމަށް ބުނެ، ކަންބޮޑުވެފަ އެވެ.

ޖަމިއްޔާތަކުގެ ކަންބޮޑުވުމާ ގުޅިގެން، އެމްއެމްޕީއާރުސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.