- މިނިސްޓްރީން 13 ރަށެއް އިއުލާނުކުރި
- ރަށް ދޫކުރީ ސީއެސްއާރު ބަޔާއެކު
- ޕޮލިސް ވެލްފެއާ އަށް އާމްދަނީ ލިބޭނެ
މާލެ އަތޮޅު، ފޭދޫ ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ހުޅުވާލުމުން، ހަތަރު މިލިއަން ޑޮލަރަށް ޗައިނާ ކުންފުންޏަކުން އެރަށް ކުއްޔަށް ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ހޮޓެލް ޗެންގައި މިއަދު ބޭއްވި ރަސްމިއްޔާތައް ފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އިއުލާނު ކުރި ރަށްތަކުގެ ތެރެއިން ފޭދޫ ފިނޮޅުގައި ޗައިނާ ކުންފުންޏަކާއެކު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
"ފައިސާ ދައްކައި ނިންމީމަ ކޮންޓްރެކްޓުގައި ސައިން ކުރެވޭނީ. ގާނޫގައި ބުނާ ގޮތުން ފައިސާ ދެއްކުމުން އޭސީސީ އާއި އޮޑިޓަ ޖެނެރަލް އޮފީހަށް އަންގަން ޖެހޭ. އެނގިފައިވާ ގޮތުގައި އެނިފައިވަނީ،. އެކުއިޒިޝަންގެ ގޮތުގައި ހަތަރު މިލިއަން ޔޫއެސް ޑޮލަރު ދެއްކީ،" ޒަމީރު ވިދާޅުވި އެވެ.
ބޮޑުމިނުގައި 4.10 ހެކްޓަ ހުންނަ ފޭދޫ ފިނޮޅުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އިއުލާނު ކުރީ 3.6 މިލިއަން ޑޮލަރެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ މަހު 13 ރަށެއްގައި ރިސޯޓު ތަރައްގީ ކުރަން ހުޅުވާލާފަ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ހަތަރު މިލިއަން ޑޮލަރު އިޖުތިމާއީ ޒިންމާގެ ބައި ހިމެނޭ ގޮތަށް މި ފައިސާ ލިބޭނީ ޕޮލިސް ވެލްފެއާ އަށް ކަމަށެވެ.
"ފޭދޫ ފިނޮޅަކީ ޕޮލިސް ވެލްފެއާ އަށް އޮންނަ ރަށެއް. މި ރަށް ޑިވްލޮޕްކޮށްގެން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން އެއްބަސް ވެވޭ ވަކި އަދަދަކަށް ޕޮލިސް ވެލްފެއާއަށް ހަރަދު ކުރާ ގޮތަށް އެގްރީމެންޓް ހެދިފައިވާނީ. އެ މައުލޫމާތު ޕޮލިސް ވެލްފެއާއިން ދެއްވާނެ،" ޒަމީރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މި އެގްރީމެންޓުގެ ދަށުން 50 އަހަރު ތެރޭގައި 70-80 މިލިއަން ޑޮލަރު ޕޮލިސް ވެލްފެއާ އަށް ލިބޭނެ ކަމަށެވެ.
ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން އިޖުތިމާއީ ޒިންމާގެ ބައިތައް ހިމެނޭ ގޮތަށް ރިސޯޓު ދޫކުރަން ވަނީ ފަށާފަ އެވެ.
ކުށުގެ އިސްލާހު
މި ހަބަރު ފުރަތަމަ ގެނެސް ދިން އިރު ފޭދޫ ފިނޮޅު ވިއްކާލީ ކަމަށް ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ހަބަރުގެ ރަނގަޅު ގޮތަކީ ފޭދޫ ފިނޮޅު ކުއްޔަށްދިނުމެވެ. ވީމާ ކިޔުންތެރިންގެ ފަރާތުންނާއި ޓޫރިޒަމް މިިނިސްޓްރީގެ ކިބައިން މާފަށް އެދެމެވެ.