ވިޔަފާރި

"އާ އަހަރު ރާއްޖެ އިޝްތިހާރު ކުރުން މާ ވަރުގަދަވާނެ"

Dec 20, 2016
  • ޑިޖިޓަލް މާކެޓިންއަށް އިސްކަން ދޭނެ
  • ބަޖެޓުން ކުޑަކުރީ ބޭކާރު ހޭދަ
  • އަންނަ އަހަރު 14 ފެއާއެއްގައި ބައިވެރިވާނެ

ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓުން ކުޑަ ކުރީ ބޭކާރު ހޭދަތައް ކަމަށައި އެ ބައި އުނިކޮށް ބަޖެޓް ރިއަލިސްޓިކްކޮށްފައިވިޔަސް ރާއްޖެ އިޝްތިހާރު ކުރުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، އޭގެ ބަދަލުގައި އަންނަ އަހަރު ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަ ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓޫރިޒަމް ދާއިރާއަށް ބޮޑެތި ބައްދަލުތައް ގެނެސްދިފައިވާ މިނިސްޓަރު އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރިން ރާއްޖެ ޕްރޮމޯޓް ކުރަމުން ދިޔަ ގޮތަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށާއ، މި ބަދަލު ގެނެސްފައިވަނީ ޓޫރިޒަމް އިންޑަސްޓްރީ އާއި ބޭރުގެ މާހިރުންގެ ލަފާ ވެސް ހޯއްދަވައިގެން އިސްކަން ދޭންޖެހޭ ދިމަދިމާއަށް އިސްކަން ދީގެން ކަމަށެވެ.

"އަހަރު ނިމެންދަނިކޮށް އިންޑަސްޓްރީ އާއި ބޭރުގެ އެކްސްޕާޓުންގެ ބައްދަލުވުމެއް ބޭއްވިން. އޭގެ ނަތީޖާއެއްގެ ގޮތުން ލިބުނު ފީޑްބެކަށް ބަލާފައި ބަޖެޓު ހެދީ. އެގޮތުން ކުރިން ކޮށްފައި ހުރި ބައެއް ހަރަދުތައް ކުޑަކޮށްފައި ވާނެ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕްރޮމޯޝަން ބަޖެޓް ރިއަލިސްޓިކް ކުރި އިރު ހިމެނި ދާއިރާތަކުގެ ތެރޭގައި، ރާއްޖޭގެ އޮފިޝަލް މެގަޒިން ޑެސްޓިނޭޝަން ގައިޑް ނެރުމަށް ގެނެވުނު ބޮޑު ބަދަލު ވެސް އޭގެ ތެރޭގައި ހިމަނާފައިވާނެ ކަމަށެވެ.

"ކުރިން ޑެސްޓިނޭޝަން ގައިޑް ނެރުމަށް ހަތަރު، ފަސް މިލިޔަން ރުފިޔާވަރު ހަރަދު ކުރަމުން އައި އާމްދަނީއަކާ ނުލައި. މިހާރު ހަތް ލައްކަ ރުފިޔާގެ އާމްދަނީއެއް އެއިން އެބަ ލިބޭ. ކުރިން ވަރަށް ބައިވަރު ސާމާނު ވެސް ހަދާ. އެއީ ވެސް އެހާ މުހިންމު އެއްޗެއް ނޫން،" ޒަމީރު ވިދާޅުވި އެވެ.

"ޑޭޓާ އެނަލައިސްކޮށް މާކެޓު ކުރާނެ"

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީން ލިބުނު އަނެއް ފީޑް ބެކަކީ ޑޭޓާ އެނައިލައިޒްކޮށް މާކެޓު ކުރަން ފެށުން ކަމަށާއި، މި ބަދަލު އަންނަ އަހަރު ފެންނާނެ ކަމަށެވެ. އަދި ރާއްޖޭގެ މާކެޓިން ރާވާފައިވާނީ ހަރަދު ކުޑަކޮށް ނަމަވެސް، ނަތީޖާ ފެންނަ ގޮތަށް ކަމަށެވެ.

"ހަތަރު ސޯސް މާކެޓެއް އައިޑެންޑިފައި ކޮށްފައި ވަނީ އޭގައި ޗައިނާ، ޕްރާންސް އަދި މިޑުލް އީސްޓުން ކުވޭތު ހިމެނޭ. މި ތަންތަނުން ކޮންސަލްޓެންޓުން ނަގައިގެން ކުރިއަށް މި ގެންދަނީ. އަނެއްކޮޅުން މި އަހަރު ސަރުކާރު ބަޖެޓަކީ ވެސް ތަފާތު ބަޖެއްޓެއް. ބޮޑަށް ރާވާފައިވާނީ އާމްދަނީ ލިިބިގެން ކުރެވިދާނެ ކަންކަމަށް،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ މަހު ސްވިޓްޒަލޭންޑާއި ތުރުކީ އަދި ޔޫރަޕުގައި އޮންނަ ހަތަރު ފެއާއަކަށް ރާއްޖޭން ދާނެ ކަމަށާއި ޖުމްލަ 14 ފެއާއެއްގައި ބައިވެރިވާނެ ކަމަށެވެ.

"އަންނަ އަހަރު 14 ފެއާ އަކަށް ދާނެ. ފެއާއަށް ދިއުމުގެ ބަދަލުގައި މާކެޓިން މި އޮތީ ޑިޖިޓަލްކޮށް. އެހެންވެ މި ބަދަލު ގެންނަނީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަ މާކެޓު ތަކަށް އިސްކަން ދީގެން ކުރިއަށް ގެންދާ މާކެޓިން ހަރަކާތްތަކުގެ ނަތީޖާ ވެސް ފެންނާނެ ކަމަށެވެ.

"ޗައިނާ ކޮންސަލްޓެންޓެއް ގެނެސްގެން މަޝްވަރާ ކުރަމުން މި ދަނީ އަންނަ އަހަރަށް ރާވަން. ޗައިނާ މާކެޓު ރަނގަޅުވީ ޗައިނާގެ ރައީސް ރާއްޖެ އަށް ވަޑައިގަތް އަހަރު. އެހެންވެ އަޅުގަނޑުމެން ޗައިނާއަށް ގޮސްގެން ތަފާތު ގޮތަކަށް އިޝްތިހާރު ކުރާނަން،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް ބަދަލު ގެނެސްފައިވާއިރު، އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ދަނީ މި ބަދަލަށް ފާޑު ކިޔަމުންނެވެ. މިގޮތުން ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މަޓާޓޯ އިން ވަނީ ރާއްޖެ އިޝްތިހާރު ކުރަން މަސައްކަތް ނުކުރެވޭ ކަމަށް ބުނެފަ އެވެ.