ރިޕޯޓް

ރާއްޖެ އިޝްތިހާރު ކުރަން މި ގެންނަނީ ކޮން ކަހަލަ ބަދަލެއް؟

Dec 21, 2016
1
  • ޑިޖިޑަލް ގޮތްތައް ބޭނުން ކުރުން އިތުރު ކުރުން
  • ހަމައެކަނި ފެއާއަށް ދިއުން ހުއްޓުމަކަށް ގެނައުން
  • ހާއްސަ މާކެޓުތައް ކަނޑައަޅައި އިސްކަން ދެނީ

"އަބަދު ފެއާއަށް ދިއުން. މި ނޫން ކަމެއް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ނެތީތަ؟،" ރާއްޖޭގެ ޓޫރިޒަމްގެ ނަން މަޝްހޫރު ބޭފުޅަކު ޓޫރިޒަމް ޕްރޮމޯޝަންގެ ވާހަކަ އެހުމުން ބުނީ މިހެންނެވެ.

މި ވާހަކަ މުޅި އަކުން ދޮގެކޭ ބުނެވޭކަށް ވެސް ނެތެވެ. ނަމަވެސް ޓޫރިޒަމް ޕްރޮމޯޓުކުރާ ގޮތަށް ބަދަލު ތަކެއް އަންނަން ޖެހޭ ކަމަށް ދެކޭ މީހުން ގިނަ އެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަނަށް ބަދަލު ތަކެއް ގެންނަން ޖެހޭ ކަމަށް އިންޑަސްޓްރީއިން ދެއްކި ވާހަކަތަކުގެ އަޑު ކަމާބެހޭ ފަރާތްތަކުން ކޮންމެ ވެސް ވަރަކަށް އަހައިފި ކަމަށް މިހާރު ބުނެވިދާނެ އެވެ. މިކަން އެނގެނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ދެއްކެވި ވާހަކައިންނެވެ.

"ހަމައެކަނި ޓޫރިޒަމް ފެއާތަކުގައި ބައިވެރިވުމެއް ނޫން. ފެއާއަށް ދިއުމުގެ ބަދަލުގައި މިހާރު މާކެޓިން މި އޮންނަނީ ޑިޖިޓަލްކޮށް އެހެންވެ އެގޮތަށް އިޝްތިހާރު ކުރާނެ. އެންމެ ބޮޑަށް ފައިދާ ހުރި ގޮތެއްގައި ރާއްޖެ އިޝްތިހާރު ކުރަން މިހާރު ވިސްނަނީ،" ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން ޓޫރިޒަމް ޕްރޮމޯޝަނަށް ގެންނަ، މުހިންމު އެއް ބަދަލަކީ ކުރިން ކުރަމުން ދިޔަ ބޭކާރު ބައެއް ހޭދަތައް ދޫކޮށްލުމެވެ. މިގޮތުން އެއް ބަދަލަކީ ރާއްޖޭގެ ރަސްމީ ގައިޑް ޑެސްޓިނޭޝަން ގައިޑު ނެރެމުން ދިޔަ ގޮތް ބަދަލު ކުރުމެވެ. އަނެއް ކަމަކީ ކޮންމެ ފެއާއަކަށް ދިއުމުގެ ބަދަލުގައި ކަނޑައެޅޭ ބައެއް ފެއާ ތަކަށް ދިއުމެވެ. ކަނޑައެޅޭ ބައެއް މުހިންމު މާކެޓުތަކަށް ހާއްސަކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމެވެ. މިގޮތުން މުހިންމު ތިން މާކެޓެއް ވަނީ ކަނޑައަޅާފަ އެވެ. އެމާކެޓު ތަކަކީ ޗައިނާގެ އިތުރުން، ފްރާންސްސާއި މެދުއިރުމަތިން ކުތޭތަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފްރާންސުން އޮކްޓޫބަރު މަހުގެ ނިޔަލަށް 33،094 މީހުން ޒިޔާރަތް ކުރި އެވެ. އަދި ޗައިނާ އިން 289،123 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. އަދި 3،656 މީހުން ޒިޔާރަތް ކުރި އެވެ.

މާކެޓިން އަށް މާހިރުންގެ ލަފާ

ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ކުރިން ރާއްޖެ ޕްރޮމޯޓް ކުރަމުން ދިޔަ ގޮތަށް ބަދަލު ގެނެސްފައިވަނީ ޓޫރިޒަމް އިންޑަސްޓްރީ އާއި ބޭރުގެ މާހިރުންގެ ލަފާ ވެސް ހޯއްދަވައިގެނެވެ. އަދި ވަކި ހާއްސަ ދިމަދިމާ އަށް އިސްކަން ދީގެނެވެ.

"އަހަރު ނިމެންދާއިރު އިންޑަސްޓްރީ އާއި ބޭރުގެ އެކްސްޕާޓުންގެ ބައްދަލުވުމެއް ބޭއްވިން. އޭގެ ނަތީޖާއެއްގެ ގޮތުން ލިބުނު ފީޑްބެކަށް ބަލާފައި ބަޖެޓު ހެދީ. އެގޮތުން ކުރިން ކޮށްފައި ހުރި ބައެއް ހަރަދުތައް ކުޑަކޮށްފައި ވާނެ،" ޒަމީރު ވިދާޅުވި އެވެ.

ޗައިނާ އިން ހިލޭ ފުރުސަތު!

ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ މުހިންމު މާކެޓުތައް އައިޑެންޓިފައިކޮށް، ހާއްސަކޮށް ޗައިނާ މާކެޓު ރަނގަޅު ކުރަން މުހިންމު މަސައްކަތް ތަކެއް ކުރާނެ ކަމަށެވެ.

"އެންމެ ފަހުން ބޭއްވި އިންޑަސްޓްރިއަލް ކޮންސަލްޓޭޝަންގައި، ކޮންސަލްޓެންޓުން ގެނެސްގެން ވާހަކަ ދައްކާ ހަދާފަ މިހާރު މަޝްވަރާ ކުރަމުން މިދަނީ ބޮޑު ބަދަލެއް ގެންނަން ޗައިނާ އިން. ޗައިނާ މާކެޓު ރަނގަޅުވީ ޗައިނާގެ ރައީސް ރާއްޖެ އަށް ވަޑައިގަތް އަހަރު. އެހެންވެ އަޅުގަނޑުމެން ޗައިނާ އަށް ގޮސްގެން ތަފާތު ގޮތަކަށް އިޝްތިހާރު ކުރާނަން،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއިން ގޮސް ބޫތުތައް ބަހައްޓައިގެން ހިލޭ އިޝްތިހާރު ކުރެވޭނެ ފުރުސަތު ތަކެއް ވެސް ޗައިނާގައި އެބަހުއްޓެވެ.

"އެކި ސިޓީތަކުގައި ބާއްވާ ޕްރޮމޯޝަން އެކްޓިވިޓީތަކުގައި ހަމައެކަނި މީހުން ފޮނުވައިގެން ޕްރޮމޯޓް ކުރަން ހިލޭ ސްޕޭސް އެބަލިބޭ. އެހެންވެ މި ހުރިހާ ފުރުސަތު ތަކެއްގެ ބޭނުން ހިފާނަން،" ޒަމީރު ވިދާޅުވި އެވެ.

އިންޑިޔާ އަށް ހާއްސަކަމެއް

ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި މިހާރު އިންޑިޔާއަކީ ދެވަނަ "ޗައިނާ" އޭ ބުނެވިދާނެ އެވެ. ޗައިނާ މާކެޓު ރާއްޖެއަށް ރަނގަޅު ވަމުން އައިއިރު، ފެނުނު ފަދަ އެދެވޭ ބަދަލެއް އިންޑިޔާ އިން ދަނީ ފެންނަމުންނެވެ. އަދި މި ބަދަލަށް އިތުރަށް ދިރުން ލިބިގެން ދަނީ މެގަ މޯލްޑިވްސް އާއި މޯލްޑިވިއަން ފަދަ އެއާލައިންތަކުގެ މަސައްކަތުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޒަމީރު ވެސް ގަބޫލު ކުރައްވަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިޔާ އިން މި އަހަރުގެ މިހާތަނަށް 50،369 މީހުން ޒިޔާރަތް ކޮށްފި އެވެ.

"އިންޑިޔާ އިން ވެސް ފިނޯމިނަލް ގްރޯތު ލިބޭނެ. އަޅުގަނޑު މިދިޔަ އަހަރު އިންޑިޔާ އަށް ރަސްމީ ދަތުރު ތަކެއް ކުރިން. މި ދަތުރުގައި ބައެއް ޓްރެވަލް އެޖެންޓުންނާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަން. އިންޑިޔާގައި ހަމައެކަނި ޑެސްޓިނޭޝަން ޕްރޮމޯޝަން އެކަންޏެއް ނޫން. ޕޮލިޓިކަލް ޕީއާރު ވެސް ގެންދަން ޖެހޭ. މިގޮތަށް އިންޑިޔާއަކީ ވެސް ރަނގަޅު މާކެޓެއް،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖެ މާކެޓު ކުރުމަށް ގެންނަ މުހިންމު ބޮޑު ބަދަލާއެކު، ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރު އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމެވެ.