ހަބަރު

ރާއްޖެ އިސްލާމްވި ދުވަހުގެ ހަރަކާތްތައް މުޅި ރާއްޖެއަށް!

ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަހުގެ ހަރަކާތްތައް ރާވާލައިފި އެވެ.

މި އަހަރު ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވަނީ މިމަހުގެ 30 ވަނަ ދުވަހެވެ. އެއީ ހިޖުރީ ތާރީހުން ރާއްޖެ އިސްލާމްވި ދުވަހެވެ.

އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އަދި ހެރިޓޭޖް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ، ރާއްޖެ އިސްލާމްވީ ދުވަހުގެ ހަރަކާތްތައް ވަރަށް ކުލަ ގަދަކޮށް މިއަހަރު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން 31 ވަނަ ދުވަހާއި ހަމަޔަށް ކޮންމެ ދުވަހެއްގެ ހަވީރު ދުވަހާ ގުޅޭ ހަރަކާތްތައް ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ޓީވީއެމް މެދުވެރިކޮށް ވަގުތުން ދައްކާ "ކައުންޓް ޑައުން ޝޯ" އާ އެކު އެވެ. އެ ޝޯ ފަށާނީ މާދަމާ ހަވީރު 4:00 ގައި ހުކުރު މިސްކިތް ސަރަހައްދުގަ އެވެ. އެ ޝޯ ނިންމާލުމަށްފަހު މެދު ޒިޔާރަތް ސަރަހައްދުގައި އިސްލާމިކް މިނިސްޓްރީއާއި ހެރިޓޭޖް ގުޅިގެން އެ ދެ ދާއިރާގެ މައުލޫމާތު ދިނުމުގެ ކޭމްޕެއް ފަށާނެ އެވެ. އެ ހަރަކާތުގައި މެދު ޒިޔާރަތުގެ އެތެރެ ދައްކާލުންވެސް އޮންނާނެ އެވެ. ބުރާސްފަތި ދުވަހުން ފެށިގެން މެދު ޒިޔާރަތް ސަރަހައްދުގެ ހަރަކާތްތައް ޒިޔާރަތް ހުޅުވާފައި ހުންނަ ހުރިހާ ގަޑިތަކެއްގައި ކުރިއަށްގެންދާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ހަރަކާތަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހާއްސަ ހަރަކާތެއް ކަމަށެވެ. އެގޮތުން އެ ތަނުގައި ދީނީގޮތުން ކުރަން ބޭނުންވާ ސުވާލުތައް ކުރުމާއި، ތާރީހީ ގޮތުން އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު އޮޅުންފިލުވައިދިނުމުގެ ކަންކަން ތަޖުރިބާކާރުންނާ އެކު ކުރިއަށްގެންދާނެ ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކަށް އެ ހަރަކާތުގައި ބައިވެރިވުމަށް އެ މިނިސްޓްރީން ވަނީ ދައުވަތު ދީފަ އެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މައި ޖަލްސާ ފަށަން ހަމަޖެހިފައިވަނީ މައުރިބް ނަމާދަށް ފަހު މުޅި ރާއްޖޭގައި ބާއްވާ ދިދަ ނެގުމާއި ދުވަހުގެ ދުވާކިޔުމުގެ ރަސްމިއްޔާތަށް ފަހު އެވެ. ޖަލްސާ ފަށާނީ އެރޭ މާލޭގެ ޖުމްހޫރީ މައިދާނުންނެވެ. ނަމަވެސް މާލެ ހިމަނައިގެން ހަތަރު ރަށެއްގައި ބައިބަޔަށް ބަހާލައިގެން ބާއްވާ އެ ޖަލްސާގެ ވަކި ހިސާބަކުން ދައްކަން ފަށާނީ ހދ. ކުޅުދުއްފުށިންނެވެ. އަނެއްބައި އައްޑޫގައި ބޭއްވުމަށްފަހު ޖަލްސާ ނިންމާނީ ފުވައްމުލަކުން ނެވެ. ހަތަރު ރަށުގައި ޖަލްސާ ބޭއްވި ނަމަވެސް މެދު ކެނޑުމެއްނެތި ޓީވީއެމުން ޖަލްސާ ލައިވް ކުރާނެ އެވެ. ޖަލްސާ ނިންމުމަށްފަހު ބަޑިބޭހުގެ ކުޅިވަރުތައް ދައްކާލުން އޮންނާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ އެފަދަ މުހިއްމު ޖަލްސާތައް މީގެ ކުރިން ވަކި ތަނެއްގައި ބާއްވާތީ، އެ ސަގާފަތް ބަދަލުކޮށް ވީހާވެސް ބޮޑަށް ރާއްޖޭގެ އެންމެން އުފަލުގައި ބައިވެރިކުރުމުގެ ގޮތުން ކަމަށެވެ.

30 ވަނަ ދުވަހުގެ ރޭ ބާއްވާ ދުވަހުގެ ޖަލްސާއަށްފަހު 31 ވަނަ ދުވަހުގެ ހެނދުނު މުޅި ރާއްޖޭގައި މިސްކިތްތައް ދޮވެ ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގާނެ އެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ހަރަކާތްތައް ނިންމާލާނީ 31 ވަނަ ދުވަހުގެ ހަވީރު އިސްލާމީ މަރުކަޒު ސަރަހައްދުގައި ބާއްވާ ކުޑަކުދިންގެ ހަވީރާއެކު އެވެ.