- ކެމްޕޭން ހިންގާނީ އެކި ފަރާތްތަކާ ގުޅިގެން
- މި ކެމްޕޭން 2020 އާ ހަމައަށް ގެންދާނެ
- މިދިޔަ އަހަރު 66 މިލިއަން ކޮތަޅު އެތެރެކުރި
ރާއްޖެ އަށް ޕްލާސްޓިކް ކޮތަޅު އެތެރެ ކުރުން ހުއްޓުވަން މޯލްޑިވްސް ގެޓަވޭސް އިން ކެމްޕޭނެއް ފަށައިިފި އެވެ. ޕީއާރް ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ "ބޭން ދަ ބޭގްސް" ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕޭންގެ ދަށުން 2020 އަންނަންވާއިރަށް ރާއްޖެއަކީ ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރާ ގައުމަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށެވެ.
މޯލްޑިވްސް ގެޓަވޭސްގެ އިޖުތިމާއީ ޒިންމާގެ ދަށުން މި ކެމްޕޭން ކުރިއަށް ގެންދާނީ އެކި ފަރާތްތައް ގުޅިގެންނެވެ.
މެނޭޖިން ޑިރެކްޓަރު އަހުމީމް އަބްދުއް ރައްޒާގު ވިދާޅުވީ ވިދާޅުވީ މިހާރު ރާއްޖެ އަށް ޕްލާސްޓިކް ކޮތަޅު އެތެރެވަމުންދާ ވަރަށް ދާނަމަ، ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށާއި އެ ކުންފުނިން ހިލޭ ސާބަހަށް މިފަދަ ކެމްޕޭނެއް ފެށީ ޕްލާސްޓިކް ކޮތަޅުން ލިބޭ ގެއްލުމުން ރާއްޖެ ސަލާމަތް ކޮށްދޭން އެހީތެރިވުމަށް ކަމަށެވެ.
މި ކެމްޕޭންގެ ދަށުން ކުރާ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ އިން މިހާރު ލިބޭ ގޮތަށް ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ނުލިބޭނެ އެވެ. ގިނަ ގައުމުތަކުގައި މިހާރު ވެސް ވަނީ މި ފިޔަވަޅު އަޅާފަ އެވެ.
"އަޅުގަނޑުމެން ބޭން ދަ ބޭގްސް ކެމްޕޭން ކުރިއަށް މި ގެންދަނީ ތިމާވެށީގެ ޖަމިއްޔާ ތަކާއި ކުންފުނިތައް ގުޅިގެން. މަގުސަދަކީ ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކޮށްދޭން،" އަހުމީމް ވިދާޅުވި އެވެ.
ކަސްޓަމަސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ރާއްޖެއަށް 66 މިލިއަން ޕްލާސްޓިކް ކޮތަޅު އެތެރެ ކޮށްފައިވެ އެވެ. އަދި މި ކޮތަޅު އެތެރެ ކުރުމަށް 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގެ ކަނޑުތަކުގައި އަށް މިލިއަން މެޓްރިކް ޓަނުގެ ޕްލާސްޓިކް ކޮތަޅުގެ އެތިކޮޅުތައް ދައުރުވަމުންދެ އެވެ.