ވިލިމާލެ

ވިލިމާލޭގައި ވެޓެރިނަރީ ކްލިނިކެއް ހަދަން ހުޅުވާލައިފި

Dec 22, 2016

ޕެޓްސް އާއި، ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް އެ ތަކެތި ރަނގަޅުގޮތުގައި ގެންގުޅުމަށް އެހީތެރިވެ ދިނުމަށް ވެޓެރިނަރީ ޚިދުމަތް ފުޅާކޮށް ވެޓެރިނަރީ ކްލިނިކެއް ވިލިމާލޭގައި ގާއިމު ކުރަން ނިންމައިފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ރާއްޖޭގައި ގިނަ އަދަދަކަށް ދޫންޏާއި ބުޅާ ފަދަ ޕެޓްސްއާއި އެހެނިހެން ބާވަތްބާވަތުގެ ޖަނަވާރުގެ ގެންގުޅުން އިތުރުވަމުން އަންނަ ކަމަށާއި އެފަދަ ތަކެއްޗަށް ޖެހޭ ބަލިތައްވެސް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ތަކެތި ގެންގުޅޭ ތަންތަނަކީ ބައެއްފަހަރު އެކަށޭނަ ތަންތަނަށް ނުވުމާއި ތަކެތި ގެންގުޅުމުގައި ޢަމަލުކުރެވޭ ގޮތުން އެ ތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައްވެސް އިތުރުވަމުން ދާ ކަމަށެވެ.

"އެހެންވެ ޕެޓްސްއާއި، ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް އެ ތަކެތި ރަނގަޅުގޮތުގައި ގެންގުޅުމަށް ބޭނުންވާ، މި މިނިސްޓްރީން ދެވޭ ވެޓެރިނަރީ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވެއެވެ. މިގޮތުން ވެޓެރިނަރީ ސާވިސް ކްލިނިކެއް ގާއިމުކުރަން މި މިނިސްޓްރީން ވަނީ ގަސްތުކޮށްފައެވެ." އެގްރިކަލްޗާ މިނިސްޓްރީގެ އިއުލާނެއްގައި ވެއެވެ.

އެގައި ބުނާ ގޮތުން ވިިލިމާލެއިން އެ މިނިސްޓްއަށް ދީފައިވާ ބިމުގައި، ވެޓެރިނަރީ ކްލިނިކެއް ގާއިމުކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއެކު އެ މަސައްކަތް ކުރިއަށް ގެންދަން މިހާރު ވަނީ ހުޅުވާލާފަ އެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ މައުލޫމާތުދިނުން ހަމަޖައްސާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ 1:00 ޖަހާއިރު ވެލާނާގޭގަ އެވެ. ޕްރޮޕޯސަލް ހުށަހެޅުން އަންނަ ޖެނުއަރީ 19 ވަނަ ދުވަހު 1:00 ޖަހާއިރު އެވެ.