އެމްއެންޑީއެފް

ރައްކާތެރިތޯ ބަލަން މާލޭގެ 744 ތަނެއް ފާސްކޮށްފި

Dec 22, 2016
  • އިންޝޫރެންސް ކޮށްފައި ހުރީ 25 ޕަސެންޓް
  • 64 ޕަސެންޓް ތަންތަނުގައި އަލިފާން ނިވާ ނުހުރޭ
  • މިހާރު ފާސް ނުކޮށް ވަނީ ހެންވޭރުގެ ތަންތަން

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަވިސްއިން މާލޭ ސިޓީގެ ގުދަންތަކާއި ވޯކްޝޮޕްތަކާއި ކާޕެންޓްރީ އާއި ގަރާޖުތަކާއި ސައި ހޮޓާތަކުގެ އިތުރުން ރެސްޓޯރަންޓްތައް ބަލާ ފާސްކުރުމަށް ހިންގާ "އޮޕަރޭޝަން ހިރާސް ފާސް" ގައި މިހާތަނަށް 744 ތަނެއް ބަލައި ފާސްކޮށްފި އެވެ.

މިހާތަނަށް ފާސްކުރީ 80 ކެފޭ އާއި 39 ރެސްޓޯރަންޓާއި 275 ގުދަނާއި 14 ވަޑާންގެ އާއި 119 ވޯކްޝޮޕާއި ވަޑާންގެ ގުދަން އަދި ވޯކްޝޮޕެއްގެ ގޮތުގައި ބޭނުންކުރާ ތަނަކާއި ގުދަނާއި ވޯކްޝޮޕެއްގެ ގޮތުގައި ބޭނުންކުރާ 11 ތަނާއި އަދި އެހެނިހެން 16 ތަނެކެވެ.

އެމްއެންޑީއެފުން ބުނީ ބަލާފާސްކުރި ތަންތަނުގެ ތެރެއިން 75 ޕަސެންޓް ތަނެއް އިންޝުއަރެންސް ނުކޮށްވާއިރު 25 ޕަސެންޓް ތަންތަން އިންޝުއަރެންސް ކޮށްފައިވާ ކަމަށާއި ބަލާ ފާސްކުރި ތަންތަނުން އަލިފާނުން ރައްކާތެރިވުމުގެ އާލާތްތައް 36 ޕަސެންޓް ތަނެއްގައި ބޭނުންކުރާއިރު 64 ޕަސެންޓް ތަންތަނުގައި އަލިފާނުން ރައްކާތެރިވުމުގެ އާލާތްތައް ބޭނުން ނުކުރާ ކަމަށެވެ.

މިމަހު ހަ ވަނަ ދުވަހު ފެށި މި އޮޕަރޭޝަނަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ ސިޓީ، ހަތަރު ސަރަޙައްދަކަށް ބަހައި ހަތަރު ޒޯން، 59 ސަބް ޒޯންތަކަކަށް ބަހާލައިގެންނެވެ. މާލޭ ސިޓީ އަވަށްތަކުގެ ތެރެއިން މިހާރު ބަލާ ފާސް ނުކުރެވިވަނީ ހެންވޭރެވެ. ހެންވޭރުގައި ހުރި ތަންތަން ބަލާ ފާސްކުރުމުގެ އޮޕަރޭޝަން މިހާރުވަނީ ފަށާފައެވެ.

މި ބަލާ ފާސްކުރުމުގެ އޮޕަރޭޝަނަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އެ ތަކެތީގެ ހާލަތު ދެނެގަނެ، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ހުރީ ކިހާ މިންވަރަކަށްތޯ ބެލުމެވެ.