އަވަސް ވީކެންޑް

މުރުޝިދުގެ ވާހަކަ ފެށެނީ ރާޅުގަނޑުން

Dec 23, 2016
2

އުފަންވީ ރާއްޖޭގެ އެންމެ ބޮޑު ރާޅު ޕޮއިންޓް އޮންނަ ރަށް، ކ. ތުލުސްދޫ އަށެވެ. އެހެންވެ ކުޑައިރު އަބަދުހެން އުޅުނީ ރާޅުގަނޑުގަ އެވެ. ސްކޫލް ނިންމާ ގޮތަށް ގޮސް ފުންމާލަނީ ރާޅުގަނޑަށެވެ. ރާޅާ އެރުން އޮތީ އޭނާގެ ކަށީގައި ހިފާފަ އެވެ. އޭގެފަހުން މާލެ އައިސް މަތީ ސާނަވީ އަށް ކިޔެވި އެވެ. އޭގެ ފަހުން ދެ ވަޒީފާއެއްގައި އުޅުނެވެ. އެ އަށްފަހު، މިހާރުގެ އޭނާގެ ވަޒީފާއަކީ އަމާނާ ތަކާފުލް އެވެ. މިއީ އެ ކުންފުނީގެ ޒުވާން އެސިސްޑެންޓް ސޭލްސް މެނޭޖަރު އަބްދުﷲ މުރުޝިދު އެވެ.

"ސްކޫލް ދައުރު މުޅިން ވެސް އުޅުނީ ކުޅިވަރުގަ އެއީ ވަރަށް ތަފާތު ދުވަސްވަރެއް. އެކަމަކު ކިޔެވުން ގޯހެއް ނުވާނެ،" ތުލުސްދޫ ސްކޫލުން އޯލެވެލް ހެދި، އުމުރުން 32 އަހަރުގެ މުރުޝިދު ބުންޏެވެ.

ސްކޫލް ނިމާފައި ރަށުގައި އުޅެނިކޮށް މުރުޝިދަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މި ފުރުސަތު ވެގެން ދިޔައީ އޭނާ ކުރިއަރަށް ކޮށުނު ރަނުގެ މަގަކަށްވި އެވެ. އޭނާގެ ފުރަތަމަ ވަޒީފާއަކީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ކުންފުނި "ކޯނީ" އެވެ. ކޯނީގައި 2003 ވަނަ އަހަރުން ފެށިގެން އުޅުނެވެ. ކޯނީގެ ރިޒަވޭޝަން ގައި އޭނާ މަސައްކަތް ކުރި އެވެ.

"ކޯނީގައި އުޅެނިފައި ސަފާރީއެއް ކުއްޔަން ސަފާރީ ވެސް ހިންގިން. އެކަމަކު ފަހުން އެކަން ހުއްޓުނީ،" މުރުޝިދުގެ ވަޒީފާގެ ތަޖުރިބާ ކިޔައިދިނެވެ.

މީގެ ފަހުން، އޭނާ މާލެ އަށް ބަދަލުވި އެވެ. ސަބަބަކަށްވީ ރިސޯޓުތަކުގައި މަސައްކަތް ކުރަން ޖެހުމުން ދަތިވުމެވެ. އާއިލާއާ ދުރުގައި އުޅެން ޖެހުމެވެ. އެހެންވެ މާލެ ބަދަލުވެ، ސެކިއުޓީ ފާމެއް ހިންގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި އެވެ. ޕްރޮފެޝަނަލް ސެކިއުރިޓީ ހިދުމަތްދޭ ކުންފުންޏަކަށް އެފާމް ބަދަލު ކުރި އެވެ.

"ފަހުރުވެރިކަމާއެކު ބުނަން ކެރޭ. މިހާރު ވެސް ފަހުރުވެރިކަމާއެކު ބުނެލަން ކެރޭ މިހާރު ފެންނާނެ ޕްރޮފެޝަނަލް ސެކިއުރީޓީ ދޭ ކުންފުންޏެއް. އެ ކުންފުންޏަކީ އަޅުގަނޑާ ރައްޓެއްސެއް ފެށި ކަމެއް. ކޭޝް ޓްރާންސްފާ ކުރުމުގެ މަސަކަތް. އެކަން ފެށީ އަޅުގަނޑުމެން،" މުރުޝިދު ކިޔައިދިނެވެ.

އޭގެ ފަހުން އޭނާ އެތަނުން ކެނޑުނީ އެވެ. އަދި އިތުރު ވަޒީފާއެއް ހޯދުމަށް އަތް ފުނާ އަޅަން ފެށި އެވެ. މިގޮތަށް ހޯދަމުން ދަނިކޮށް އަތު ޖެހުނީ އަމާނާ ތަކާފުލްގެ ވަޒީފާ އެވެ. އޭނާ އަމާނާ އަށް ވަނީ 2011 އަށެވެ. ފުރަތަމަ މަގާމަކީ ސީނިއަ ސޭލްސް އޮފިސަރެވެ.

އެ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ކުރިއަރަމުން މިދަނީ،" މިހާރު އަމާނާ ތަކާފުލްގެ އެސިސްޓެންޑް ސޭލްސް މެނޭޖަރު ބުންޏެވެ.

"ބޮޑަށް މި އުޅެނީ ފްރޮންޓް ލައިންގައި. ކަސްޓަމަރުންނާ ޑީލް ކުރުމަށް."

އޭނާ ގަބޫލުކުރާ ގޮތުގައި އަމާނާ ތަކާފުލްއަކީ މީހަކު މަސައްކަތްކުރާ ހިތުން މަސައްކަތް ކުރާނެ ކުންފުންޏެވެ. ސަބަބެއް ކަމަށް އޭނާ ގަބޫލުކުރަނީ އެތަނުގެ މެނޭޖުމަންޓް ރަނގަޅުވުމާއި މަސައްކަތުގެ މާހައުލު ރަނގަޅުވުމެވެ. ތަމްރީންވާން ފުރުސަތު ލިބުމެވެ.

"ކަސްޓަމަ ބޭސް ބިލްޑް ކުރުން މިކުރާ މަސައްކަތަކީ. އަނެއްހެން ބުނެވިދާނެ ކުންފުނީގެ ފޭސްއޭވެސް،" މުރުޝިދު ބުންޏެވެ.

މުރުޝިދު މިއަދު އަމާނާ ތަކާފުލްގައި "ފައިހަރު ކޮށްފަ" ހުރިނަމަވެސް، މި ހިސާބަށް އަންނަން އޭނާ ވަރަށް ހިތްވަރު ކުރި އެވެ. މުޅިންއާ ދާއިރާ އަކަށް ނުކުމެ، ފުރަތަމަ ދެ އަހަރު އޭނާ ދިޔައީ ދަސްކުރުމުގެ އަހަރުތަކެއްގެ ގޮތުގަ އެވެ.

"އަސްލު މިއީ ވަރަށް ޓަފް މަސައްކަތެއް. ފުރަތަމަ ކަމަކީ ދިވެހިންގެ ހޭލުންތެރި ނުވުން. އަސްލު ފިއުޗާއަށް ކުރާ އިންވެސްޓްމަންޓެއް މިއީ. ފުރަތަމަ ވަޒީފާއަށް ވަތްއިރު ހިތައް އެރި މިއީ ކޮން އެއްޗެއްހޭ. އެކަމަކު މިހާރު އެނގޭ މިއީ ކިހާ މުހިންމު ކަމެކޭ،" މުރުޝަދު ބުންޏެވެ.

"ދެ އަހަރު ވަރަށް ބޮޑަށް ސްޓަގްލަ ކޮށްގެން އުޅުނީ. ވަރަށް ހާޑް. އެކަމަކު މިހާރު ވަރަށް ރަނގަޅު. މިއަދު ވަރަށް ފަސޭހަ."

މުރުޝިދު ގަބޫލުކުރާ ގޮތުގައި އިންޝުއަރެންސް ދާއިރާއަކީ ކިޔަވައިގެން އައިސް މަސައްކަތް ކޮށްލަން އެންމެ ރަނގަޅު އެއް ދާއިރާ އެވެ. މި ދާއިރާގައި ގިނަ ފުރުސަތުތަކެއް އެބަހުއްޓެވެ.

"މި ދާއިރާގައި އެންމެ އުނދަގޫ ކަމަކީ މި ދާއިރާއަށް މީހުން ލިބުން. ގިނައިން އާދެ ސްކޫލް ކުދިން. އެކަމަކު އެ ކުދިންނަށް ނޭނގެ އިންޝުއަރެންސެއް،" މުރުޝިދު ބުންޏެވެ.

މުރުޝިދު ގަބޫލުކުރާ ގޮތުގައި އޭނާ ކާމިޔާބީގެ ސިއްރަކީ މަސައްކަތެވެ. މިކަމުގައި އެންމެ ބޮޑަށް އެހީތެރިކަން ދިނީ އާއިލާ އެވެ. އެ ލިސްޓުގައި މަންމަ އާއި ބައްޕަ އަދި ކޮށްކޮމެންނާއި އަނބިމީހާ ހިމަނަނީ ޝުކުރުން ފުރިގެންވާ ހިތަކާއެކު އެވެ.