އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ކީރިތި ރަސޫލާ ތަމްސީލް ކުރާ އެމްބެސެޑަރަކަށް ވާންޖެހޭ ކަމަށް މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ޑރ. ޔާސިރު ގާޒީ ވިދާޅުވެއްޖެ އެވެ.
މިއަދުގެ ހުކުރު ހުތުބާގައި ޑރ. ޔާސިރު ވިދާޅުވީ މިއީ އިސްލާމް ދީނަށް ތަފާތު ގޮންޖެހުންތައް ކުރަމެތިވެފައިވާ ދުވައްވަރެއް ކަމަށާއި އިސްލާމް ދީނުގެ އަދުއްވުން ދީނަށް ހަމަލާ ދޭއިރު އެމީހުން އަހަރެމެންގެ ބަލިފައިތައް ދަނެގަންނަ ކަމަށެވެ.
ޑރ. ޔާސިރު މިއަދު ހުތުބާ ދެއްވާފައި ވަނީ އިނގިރޭސި ބަހުންނެވެ. މިއީ އިނގިރޭސި ބަހުން ރާއްޖޭގައި ހުކުރު ހުތުބާ ދިން ފުރަތަމަ ފަހަރެވެ. އޭނާގެ ހުތުބާގައި ބަލާލާފައި ވަނީ ކީރިތި ރަސޫލާގެ ސިޔަތުން ނަމޫނާ ލިބިގަތުމުގެ މައްޗަށެވެ.
އެމެރިލާގެ އިލްމުވެރިޔާ އޭނާގެ ހުތުބާގައި ވިދާޅުވީ މައިންބަފައިންނާއި ދަރިންނަށްވުރެ ބޮޑަށް ރަސޫލާއަށް ލޯބިވާން ޖެހޭނެ ކަމަށައި މުސްރިކުން އެކަލޭގެ ފާނު ދުނިޔޭގައި ހުންނެވި އިރު އެކަލޭގެ ފާނުގެ ޝަހުސިއްޔަތު ގަތުލުރަން މަސައްކަތް ކުރި ފަދައިން އެކަލޭގެފާނު އަވަރާވުމުން ވެސް އެކަލޭގެފާނުގެ ޝަހުސިއްޔަތު ކަތިލުމުގެ މަސައްކަތް ކުރާ ކަމަށެވެ.
"... އެކަލާގެ ފާނުގެ ޝަހުސިއްޔަތު ދިފާއު ކުރުމުގައި އަޅުގަނޑުމެނަށް ވަރަށް ބޮޑު ޒިންމާއެއް އެބައޮތެވެ. އަދި އެކަލޭގެ ފަނުގެ ސުންނަތް ފަތުރައި ދިރުވުމުގެ ޒިންމާ އެެބައޮތެވެ. އަދި އެކަލޭގެ ފާނު ހަދީސް ކުރެއްވި ބަސްފުޅުތަކުގެ ދިފާއުގައި ތެދުވާން ޖެހެެ އެވެ،" ހުތުބާގައި ވެއެވެ.
ޑރ. ޔާސިރު ވިދާޅުވީ ކީރިތި ރަސޫލާގެ ކިބައިން ފެންނަނީ ފުރިހަމަ ނަމޫނާ ކަމަށާއި އެކަންކަން ގަބޫލު ކުރާ މީހުންނަކީ ހަގީގީ އީމާންކަން ރަމްޒުކޮށްދޭ މީހުން ކަމަށެވެ. އަދި ވިދާޅުވީ ނުބައި ކަންތައް ފަތުރައި ލާއިންސާނީ އަމަލު ހިންގުމަކީ އިސްލާމްދީނުގެ ހައްގުގައި ކަމަށް ބުނެ ކުރި ނަމަވެސް އެއީ ދީނުގެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އަންނަ ޖޯޝްގައި އެފަދަ އަމަލު ހިންގާ މީހާއަށް އެއީ ރަނގަޅެއް ކަމަށް ހީވިޔަސް އެއީ ރަސޫލާގެ މަންހަޖު ނޫން ކަމަށާއި ރަސޫލާގެ ނަންފުޅުގައި މީހުން ނަފުރަތު ކުރުވުމަކީ އެކަލޭގެ ފާނުގެ ހައްގުގައިވެވޭ ބޭއިންސާފެއް ކަމަށެވެ.
"އެކަލޭގެފާނުގެ ރިސާލަތުގައި ވަނީ ވަނީ މުޅީން ރަހުމަތެވެ. އެއާހިލާފަށް ޣައިރު މުސްލިމުންނަށް ބިރުދައްކާ އެމީހުންގެ މެދުގައި ހަމަނުޖެހުން އުފައްދާ އަނިޔާވެރިވާނަމަ އިސްލާމް ދީނަކީ އޯގާތެރި ދީނެއްގެ ގޮތުގައި ޣައިރު މުސްލިމުން ދެކޭނީ ކިހިނެއްތޯ އެވެ؟ އަހަރެމެން ޖަޒުބާތުގައި ޖެހިގެން ކުރާ ކަންކަމުގެ ނަތީޖާ ރަނގަޅެއް ނުވާނެ އެވެ."