ދުނިޔެ

އިޒްރޭލުގެ ހައްގުގައި އެމެރިކާ ވެސް މިފަހަރު ނުނިކުތް!

އިޒްރޭލާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި އާންމުކޮށް ވީޓޯގެ ބާރު ބޭނުންކޮށްގެން އަބަދުވެސް އިޒްރޭލު ސަލާމަތްކޮށްދޭ އެމީހުންގެ މައި ބެލެނިވެރިޔަކަށް މިހާތަނަށް ވެފައި އޮތީ އެމެރިކާ އެވެ. ނަމަވެސް ވީޓޯ އިން އިޒްރޭލު ސަލާމަތްކޮށްދިނުމުގެ ތާރީޚީ ސިޔާސަތު އެމެރިކާ އިން އެންމެފަހުން މުގުރާލައިފި އެވެ.

ވަރަށް ގިނަ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި މިއީ އަންނަ އަހަރުގެ ޖެނުއަރީ މަހު ދައުރު ހަމަވެ ވަޑައިގެން ވެރިކަން ނިމުމަކަށް އަންނަ ބަރަކް އޮބާމާ އިޒްރޭލާއި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެއްވި ވަރުގަދަ އިންޒާރެކެވެ. އޮބާމާގެ ސަރުކާރުން ވީޓޯ ނުކޮށް ދޫކޮށްލާފައި ވަނީ، އިޒްރޭލުގެ ޔަހޫދީ އާބާދުތަކެއް ނިމުމަކަށް ގެނައުމަށް ގޮވާލާ ގަރާރެކެވެ.

މި ގަރާރު ވީޓޯކޮށް މަޖިލީހުން ބޭރުކޮށްލުމުގެ ބާރު އޮތް ނަމަވެސް އެމެރިކާ އިން ގަރާރު ފާސްވާން ދޫކޮށްލީ އެވެ. ކައުލްސިލްގެ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރު ގައުމަކުން ގަރާރު ބަލައިގެންފައިވާއިރު ވޯޓުގައި ބައިވެރިނުވަނީ އެންމެ ފަރާތަކުންނެވެ.

މިއީ ފާއިތުވި 40 އަހަރުގެ ތާރީޚުގައި އިޒްރޭލުގެ ޔަހޫދީ އާބާދުތަކާ ގުޅޭ މައްސަލަ ބޮޑު ގަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ މި ގަރާރު މަޖިލީހަށް ހުށަހެޅީ މިސްރުންނެވެ. އެއަށް ފަހު އިޒްރޭލުން ވަނީ އެމެރިކާގެ އިންތިހާބީ ރައީސް ޓްރަމްޕާ ގުޅިގެން ގަރާރު ފެއިލްކޮށްލުމަށް މަސައްކަތްކޮށްފަ އެވެ.

ނަމަވެސް މިސްރުން ގަރާރު އަނބުރާ ގެންގޮސް ދެން ހުށަހެޅީ އެމެރިކާއާ ސިޔާސީ ގުޅުން ގާއިމުކޮށްފައިނުވާ މެލޭޝިއާ އާއި ނިއު ޒިލޭންޑް، ސެނެގާލް އަދި ވެނެޒުއޭލާ ލައްވަ އެވެ.

އިޒްރޭލާއި ފަލަސްތީނުގެ ސުލްހަޔަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ގަވާއިދާ ހިލާފަށް އިޒްރޭލުން ފަލަސްތީނުގެ ބިމުގައި ތަރައްގީކުރަމުން އަންނަ "ޔަހޫދީ ފްލެޓް" ތަކުގެ މައްސަލަ އެވެ. ހުޅަނގު އައްސޭރި އާއި ގުދުސްގެ އުތުރު ބިތުގައި 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ތަރައްގީކުރަމުން އަންނަ ބޯހިޔާވަހިކަމުގެ ފްލެޓްތަކުގައި 140 ސަރަހައްދު ތަރައްގީކޮށްފައިވާއިރު 500،000 އަށް ވުރެ ޔަހޫދީން މި ތަންތަނުގައި ދިރިއުޅެމުން އެބަގެންދެ އެވެ.

ގަރާރު ފާސްކުރިޔަސް ބޯލެނބުމެއް ނެތް!

އެމެރިކާ އިން ގަރާރު ހިފަހައްޓައި ވީޓޯކުރުމަށް މަސައްކަތްކޮށްފައި ނުވާތީ އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވަނީ ބަރަކް އޮބާމާގެ ސަރުކާރަށް ނިކަން ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަތަންޔާހޫ ވިދާޅުވެފައި ވަނީ އިޒްރޭލު ސަލާމަތްކޮށްދެއްވުމުގައި އޮބާމާގެ ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

"ހަމައެކަނި ފެއިލްވީކީއެއް ވެސް ނޫން. އދ. ގައި މި އޮތް ގޭންގް ބައިގަނޑާ ގުޅިގެން ސިއްރުގައި މި ހުރިހާ ކަމެއްކުރި ބަޔަކީ ވެސް އެމެރިކާ މިފަހަރު،" ނަތަންޔާހޫ ވިދާޅުވެފައިވެ އެވެ.

ފާޑުވިދާޅުވުމަށް ފަހު ނަތަންޔާހޫ ވިދާޅުވެފައި ވަނީ ގަރާރު ބަލައިނުގަންނަވާ ކަމަށާއި ޓްރަމްޕާ އެކު ރަސްމީކޮށް މަސައްކަތްކުރެއްވޭނޭ ދުވަހަކަށް އިންތިޒާރުކުރައްވާ ކަމަށެވެ. ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ބޭފުޅާ ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އދ. ގެ މުޅި މަންޒަރު ބަދަލުވެގެން ދާނެ އެވެ.

ގަރާރު ސްޕޮންސާކުރި މައްސަލާގައި އިޒްރޭލުން ވަނީ މިހާރު ވެސް ސެނެގާލް ނިއު ޒިލޭންޑަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ސެނެގާލް އަށް ދޭ އެހީތައް ހުއްޓާލުމަށް މިހާރު ވެސް ވަނީ ނިންމައިފަ އެވެ.

އެމެރިކާ އިން ގަރާރާ ދެކޮޅު ނެހެދި ސަބަބެއްގެ ގޮތުގައި ދައްކާފައި ވަނީ ޔަހޫދީ އާބާދުތަކުގެ މައްސަލަ އެވެ.

"ޔަހޫދީ އާބާދުތަކުގެ މައްސަލަ ބޮޑުވެގެން ގޮސްފައި އޮތް މިންވަރުން ފަލަސްތީނާއި އިޒްރޭލާ ދެމެދު ދެ ދައުލަތް އުފައްދައި ސުލްހަ ގާއިމެއް ނުކުރެވޭނެ،" އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ އދ. ގެ ސަފީރު ސަމަންތާ ޕަވާ ވިދާޅުވި އެވެ.

އޮބާމާގެ ސަރުކާރަކީ ޔަހޫދީ އާބާދުތަކާ ދެކޮޅަށް އެކި ފަހަރުމަތިން ތަކުރާރުކޮށް އަޑުއުފުލި ސަރުކާރެކެވެ.