ހަބަރު

އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަނިކޮށް ރިލްވާން މަރުވެފައިވާ ކަމަށް ބުނެ ހަބަރު ފަތުރައިފި

Mar 13, 2015

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ގެއްލި ވީނުވީއެއް ނޭނގިފައިވާ ނޫސްވެރިޔާ، އަހުމަދު ރިލްވާން ސީރިއާގައި އައިސްއާ ދެކޮޅަށް ހަނގުރާމަ ކުރާ އެންމެ ބޮޑު އެއް ޖަމާއަތް ކަމަށްވާ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ) ގެ ފައުޖުތަކާއެކު ހަނގުރާމަކޮށް މަރުވެފައިވާ ކަމަށް އެ ޖަމާއަތުގެ ހަބަރުތައް ގެނެސްދޭ ބްލޮގަކުން ބުނެ ހަބަރު ފަތުރައިފަ އެވެ.

ވައިޕީޖީގެ ވޮލަންޓިއަރެއް ކަމަށް ބުނެ މީހަކު ވެސް ވަނީ ރިލްވާން ކަމަށް ބުނާ މީހެއްގެ ފޮޓޯއެއް ވެސް ޓްވިޓާގައި އާންމުކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ރިލްވާން ކަމަށް ބުނާ މީހާ ހުންނަނީ ވައިޕީޖީގެ ޔުނީފޯމް ލައިގެން ބަޑިއެއް ވެސް ހިފައިގެންނެވެ.

މީގެ 15 ގަޑިއިރު ކުރި އޭނާ ކުރި ޓްވީޓްގައި ބުނެފައި ވަނީ ވައިޕީޖީގައި ހަނގުރާމަ ވެރިއެއްގެ ގޮތުގައި އުޅޭ އޭނާގެ ބޭބެގެ ދިވެހި ރަހުމަތްތެރިއަކު ހަނގުރާމައިގައި މަރުވިކަން ޓެކްސްޓް މެސެޖަކުން ބޭބެ އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އެ ފޮޓޯގައި ހުންނަ އަނެއް މީހާގެ މޫނު ހުންނަނީ ފޮރުވައިފަ އެވެ. އޭނާގެ ޓްވީޓަށް ބައެއް މީހުން ރައްދު ދިނުމުން އެކަމަށް ޖަވާބު ދީ އޭނާ ކުރި ޓްވީޓްތަކުގައި ބުނެފައި ވަނީ، ދިވެހި ހަނގުރާމަވެރިޔާއާ އޭނާގެ ބޭބެއާ ދިމާވީ ކޮބާނީ ސަރަހައްދުގައި ހުންނަ ޔަޒީދީންގެ ޓްރޭނިން ކޭމްޕުން ކަމަށެވެ. 

 

ނަމަވެސް އޭނާ މަސައްކަތް ކުރި މިނިވަން ނޫހާއި އާއިލާގެ މެންބަރުން އެކަން ދޮގު ކުރެ އެވެ. އަދި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ރިލްވާންގެ ދުވަސްވީ އެކުވެރިން ބުނަނީ އެއީ ހަދާފައިވާ ފޮޓޯއެއް ކަމަށާއި ބްލޮގަކީ ވެސް ފޭކެއް ކަމަށެވެ. އަދި ރިލްވާންގެ ފޮޓޯއެއް ކަމަށް ބުނެ ފޮޓޯ ޓްވީޓް ކުރި އެކައުންޓަކީ ވެސް ފޭކެއް ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ. އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި އެ ބްލޮގަކީ މި ދޮގު ހަބަރު ފެތުރުމަށް މީގެ ދުވަސްކޮޅެއް ކުރިން ބަޔަކު ހަދާފައިވާ ބްލޮގެކެވެ. އެގޮތުން ބްލޮގަށް އަޕްލޯޑް ކުރި އިމޭޖްތަކުގެ ތާރީޙުތަކުން އެކަމަށް ހެކިދޭ ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ. 

"މިއީ ކަޑައެޅިގެން ބަޔަކު ފެތުރި ދޮގު ހަބަރެއް. މިކަމުގެ ސަބަބުން އާއިލާއަށް ވަނީ ފުން އަސަރުތަކެއް ކޮށްފައި. މިއީ ރިލްވާން ކުރާނެ ކަމެއް ނޫން،" އޭނާގެ ގާތް ރަހުމަތްތެރިޔަކު ބުންޏެވެ. 

ވައިޕީޖީ އަކީ އައިއެސްގެ ފަރާތުން ކުރުދީންގެ ސަރަހައްދުތައް ހިމާޔަތް ކުރުމަށް، ސީރިއާގެ ކުރުދިސްޑިމޮކްރަޓިކް ޔޫނިއަން ޕާޓީ އިން އުފައްދާފައިވާ އެ މީހުންގެ އަޝްކަރީ ވިންގެވެ. މިއީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގައި ބޮޑު ސަޕޯޓަކާއި އެކު ހަރަކާތްތެރިވާ ޖަމާއަތެކެވެ. ސީރިއާގެ އާންމުންނަށް ވަރަށް ބޮޑަށް އެހީތެރިވާ ޖަމާއަތެއް ކަމަށް ލޭބަލް ކުރެވޭ މި ޖަމާއަތުގައި އެމެރިކާގެ އަޝްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ ސިފައިންގެ ބަޔަކާއި ތުރުކީގެ ވޮލަންޓިއަރުންނާއި ސްޕެއިންގެ އަޝްކަރިއްޔާ އާއި ޔޫރަޕްގެ އެހެން ވެސް ބައެއް ގައުމުތަކުން ވޮލަންޓިއަރުންގެ ގޮތުގައި އެ ޖަމާއަތާ އަންނަނީ ގުޅެމުންނެވެ. އެ ޖަމާއަތަށް މީހުން ރެކްރޫޓް ކުރުމަށް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް އަންނަނީ ހިންގަމުންނެވެ. 

ރިލްވާން ގެއްލުމާ ގުޅޭ ގޮތުން މީގެ ކުރިން ވެސް އެކި ވާހަކަތައް އެކި ފަރާތްތަކުން ފަތުރާފައިވެ އެވެ. އެގޮތުން ޑިމޮކްރަސީ އާއި ގާނޫނީ ވެރިކަން ކުރިއަރުވަން އުފައްދާފައިވާ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ވަނީ ރިލްވާން ވަގަށް ނެގީ ދީނީ މީހުންނާއި ގޭންގްތަކުން ގުޅިގެން ކަމަށް ބުނެ ރިޕޯޓެއް ނެރެފަ އެވެ. އަދި ރިލްވާން ކިޑްނެޕްކޮށް ފޮރުވައިގެން ގެންގުޅޭ ކަމަށް ވެސް ބަޔަކު ވަނީ ތުހުމަތުކޮށްފަ އެވެ. ރިލްވާން އަމިއްލައަށް ފިލައިގެން އުޅޭ ކަމަށް ވެސް އަޑުފަތުރާފައިވާއިރު، އެކަން ކުރީ ސަރުކާރުގެ ކޮރަޕްޝަންތަކެއް އޭނާ ފަޅާއަރުވާލަން އުޅުމުން ސަރުކާރުގެ ތެރޭގައި ތިބި ސިޔާސީ ބަޔަކު ކަމަށް ވެސް އަޑުފަތުރާފައިވެ އެވެ. ނަމަވެސް އެ ރިޕޯޓްތަކާ ގުޅޭ ގޮތުން ފުލުހުން އެއްޗެއް ނުބުނެ ބުނެފައި ވަނީ، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ހުރިހާ ޕޮސިބިލިޓީ އަކަށް ވެސް ބަލަމުން އަންނަ ކަމަށެވެ.