ހަބަރު

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

Mar 13, 2015

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލާން މިރޭ ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

 ނަޝީދުގެ މައްޗަށް ހުކުމް ކުރީ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާ ގެ ދަށުން އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެއީ ހެއްކާ ގަރީނާތަކާއި ހެކިންގެ ހެކި ބަހަށް ބަލައިގެނެވެ. ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވެވި ވަގުތު އެމަނިކުފާނު އިންނެވީ ހިނިތުންވެވަޑައިގެނެވެ. 

މިރޭ 11:30 ގައި ނިންމާލި ޝަރީއަތުގައި ފަނޑީޔާރުން ވަނީ 19 ނުކުތާއެއް ފާހަގަކޮށްފަ އެވެ. އެގޮތުން ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުގެ ގައި ރައީސް ނަޝީދު ހުންނަވައިގެން އަބްދުﷲ ގާޒީ ހައްޔަރު ކުރަން ނިންމައި ގަދަކަމުން އަބްދުﷲ ގާޒީ ގިރިފުށީގައި ފޮރުވާ ފައިވާ ކަން އެއްވެސް ޝައްކެ ނެތް މިންވަރަށް ސާބިތުވާ ކަމަށް ފަނޑިޔާރުންނަށް އިއްތިފާގު ވެވުނު ކަމަށެވެ. މައިގަނޑު ނުކުތާތަކެއް ކަމަށް ބަލާފައި ވަނީ އަބްދުﷲ ގާޒީ ދުކޮށްލަން ނެރުނު އަމުރުތަކަށް ތަބާވެފައި ނުވުމެވެ. 

ހުކުމުގައި ބުނަނީ ނަޝީދުގެ މައްޗަށް މީގެ ކުރިން ވައްކަމާއި ޝަރީއަތުގައި ދޮގު ވާހަކަ ދެއްކުމުގެ ކުށް ސާބިތުވެފައިވާ ކަމަށާއި ހެކިތަކަށް ބަލާއިރު މިކަމާ ދެކޮޅު ހެދޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި ނަޝީދަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އިސް މޭސްތިރިޔާ ކަން ކިތާބީ ހެކިތަކުން އެނގޭ ކަމަށާއި މިކަންކަމާ ދެކޮޅަށް ނަޝީދަށް ޖަދަލު ކުރުމުގެ ޖާގަ ނުލިބޭނެހާ ފާޅުކަން ބޮޑުގޮތެއްގައި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ރާއްޖޭގައި އިންތިހާބު ކުރެވުނު ފުރަތަމަ ޑިމޮކްރެޓިކް ރައީސް ނަޝީދުގެ މައްޗަށް މިރޭ ހުކުމް ކުރީ އެމަނިކުފާނު ހައްޔަރު ކުރި ހިސާބުން ފެށިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާތައް ކުރަމުން ދަނިކޮށެވެ. މިރޭ ނަޝީދަށް ހުކުމް ކުރުމުން މިއީ ރާއްޖޭގެ ތާރީހުގައި ރައީސުލް ޖުމްހޫރިއްޔާއެއްގެ މައްޗަށް ޓެރަރިޒަމް ގެ ކުށް ސާބިތުވެ ހުކުމް ކުރި ފުރަތަމަ ފަހަރަށް ވާނެ އެވެ. ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރުގެ މައްޗަށް ޓެރަރިޒަމް ކުށުގެ ދައުވާ އުފުލާފައެއް ނުވެއެވެ. ނަމަވެސް އެ ދެބޭފުޅުންގެ މައްޗަށް ވެސް ހުކުމް އިއްވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް އައި މިހުކުމާއެކު އެ ހުކުމް މަތީ ކޯޓަކުން ބާތިލު ނުކުރާނަމަ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނީ އެވެ. ހުކުމަށް ރައީސް މާފު ދެއްވި ނަމަވެސް ކެންޑިޑޭސީއެއް ނުލިބޭނެ އެވެ. 

ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމް ކުރައްވައިގެން ތާރީހުގެ ތެރެއަށް ވަދެވަޑައިގެންނެވި ތިން ފަނޑިޔާރުންނަކީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ އަބްދުލް ބާރީ ޔޫސުފާއި ގާޒީ ޝުޖާއު އުސްމާނެވެ.

ރައީސް ނަޝީދު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ކުރީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އޭރު ނަޝީދު ހައްޔަރު ކުރީ އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އަށް ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބަލާފައި ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރަކާއެކު އެވެ. އޭގެ ފަހުން ނަޝީދުގެ ޝަރީއަތް ކުރިޔަށް ގެންދިޔައީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރެއްގެ ދަށުން ދޫނިދޫގައި ބަންދުގައި ބަހައްޓައިގެނެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމް ދައުވާ ކޮށްފައި ވަނީ، ކުށްނުކުރާ މީހަކު ގާނޫނާއި ހިލާފަށް ހިފާ ހައްޔަރުކުރި ކަމަށް ބުނެ ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި އުފުލި ދައުވާ އަނބުރާ ގެންދިއުމަށް ފަހު އެވެ. އަލުން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށީ  މިދިއަ މަހުގެ 23 ވަނަ ދުވަހު އެވެ.

ނަޝީދުގެ މައްޗަށް ފުރަތަމަ ކުރި ދައުވާ އަނބުރަ ގެންދިޔައީ މިދިއަ މަހުގެ 16 ވަނަ ދުވަހު އެވެ. އޭރު އެ ދައުވާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ. އެއީ ދައުލަތުގެ މުވައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށް ނުކުރާ މީހުން ހިފައި ހައްޔަރުކުރުމުގެ ދައުވާ އެވެ. 

ނަޝީދުގެ ސަރުކާރުގައި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރީ  ޖެނުއަރީ 16، 2012 ގައެވެ. އޭނާ މިނިވަންވީ ނަޝީދުގެ ސަރުކާރު ބަދަލުވި ފެބްރުއަރީ 7  ވަނަ ދުވަހު އެވެ.

އޭގެ ފަހުން ރައީސް ވަހީދުގެ ސަރުކާރުގައި އެ މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީއަށް ފޮނުވީ އޭޕްރީލް 15، 2012 އިގައެވެ.  މައްސަލަ ޕީޖީ ޝަރީއަތަށް ހުށަހެޅީ ޖުލައި 23، 2012 ގައެވެ. އޭގެ ފަހުން ޝަރީއަތަށް ހާޒިރުވެވަޑައި ނުގަތުމަށް ނަޝީދު އިންޑިއާ ހައި ކޮމިޝަނަށް ވަދެވަޑައިގަތީ 13 ފެބްރުއަރީ 2013 އިގައެވެ.

މިރޭގެ ޝަރީއަތް ހިނގަމުންދިޔައިރު ކޯޓް ހިމެނޭ ސަރަހައްދާ ކައިރި އާއި  މާލޭގެ ބައެއް ސަރަހައްްދުތަކުގައި ވަނީ މުޒާހަރާ ކޮށްފަ އެވެ. މިވަގުތު ވެސް މުޒާހަރާ ކުރަމުން އެބަ ދެއެވެ. މިރޭގެ މުޒާހަރާތަކުގައި ސަލްސާ ރޯޔަލް ރެސްޓޯރަންޓް ކައިރިން ބައެއް މީހުން ވަނީ ހައްޔަރުވެސްކޮށްފައެވެ. ރައީސް ނަޝީދަށް ހުކުމް ކުރުމާއެކު އެމަނިިކުފާނަށް ތާއީދު ކުރާ ބައެއް މީހުން ވަނީ މުޒާހަރާގެ ތެރޭގައި ރޮއެފައެވެ. އަދި ބައެއް މީހުން ހަޅޭއްލަވައި ހަދާފައިވެއެވެ. 

ގ، ކެނެރީގޭ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރި ޓެރަރިޒަމް ކުށުގެ މައްސަލަ ޝަރީއަތުން ބެލި ބެލުމުން މުހައްމަދު ނަޝީދު ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުރެ، ކްރިމިނަލް ކޯޓްގެ އިސް ގާޒި، ރ. ހުޅުދުއްފާރު ބަހާރުގޭ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ނިންމައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް 17 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ 12:00 ހާއިރު އަބްދުﷲ މުހައްމަދު ސިފައިންގެ މަރުކަޒެއް ކަމުގައިވާ ކ. ގިިރިފުއްޓަށް ގަދަކަމުން  ގެންގޮސް ފޮރުވާފައި ބެހެއްޓިކަން ދައުލަތުން ހުށަހެޅި ހެކިތަކާއި ގަރީނާ ތަނުން ޝަރީއަތަށް ސާބިތުވާތީ ބުނެވިދިޔަ ހެކިތަކާއި ގަރީނާ ތަކުގެ މައްޗަށް ބިނާކޮށް ދިވެހި ރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) ގެ ދަށުން ގ. ކެނެރީގޭ މުހައްމަދު ނަޝީދު ޓެރަރިޒަމް ގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މި ކުށުގެ އުގޫބާތެއްގެ ގޮތުން ބުނިދެވިޔަ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން ގ. ކެނެރީގޭ މުހައްމަދު ނަޝީދު 13 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި މި ގޮތުގެ މަތީން ހުކުމްކޮށްފީމެވެ.