ހަބަރު

ރިލްވާނާ ބެހޭ ގޮތުން ފެތުރީ ދޮގު ވާހަކައެއް: ޕޮލިސް

ގެއްލިފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ، ސީރިއާގައި ޖިހާދަށް ގޮސް އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަކުރަނިކޮށް މަރުވެފައިވާ ކަމަށް ބުނެ މިއަދު ފެތުރުނު ޚަބަރަކީ އޭގައި ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ފުލުހުން ބުނެފި އެވެ.

ރިލްވާން "މަރުވެއްޖެ ކަމުގެ" ޚަބަރު ފެތުރެން ފެށީ އައިއެސްއާ ދެކޮޅަށް ސީރިއާގައި ހަނގުރާމަކުރަމުން އަންނަ ކުރުދީންގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމުގައިވާ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓަށް ނިސްބަތްވާ ކަމަށް ބެލެވޭ ބްލޮގެއްގައި ރިލްވާންގެ "ފޮޓޯތަކެއް" އާންމުކޮށް އޭނާ "ޝަހީދުވެއްޖެ" ކަމަށް ބުނެފައިވާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

ރިލްވާން ސީރިއާ އަށް ގޮސް "ޖިހާދުކޮށް މަރުވެއްޖެ" ކަމަށް ބުނާ ވާހަކަ ދޮގުކޮށް ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ޚަބަރުގައި ބުނެފައި ވަނީ އޭނާ ރާއްޖެ އިން ބޭރަށް ނުދާކަން ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށާއި އޭނާ ގެއްލުނު ފަހުން އޭނާގެ ޕާސްޕޯޓް ވެސް އާއިލާ އިން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ރިލްވާން ސީރިއާ އަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް ކަމަށް ބުނެ މިއަދު އާންމުކުރި ފޮޓޯތަކަކީ ވެސް އަސްލެއް ކަމަކަށް ނުބެލެވެ އެވެ. މި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އާންމުންގެ ގިނަ ބަޔަކު ވެސް ބުނަން ފެށީ ރިލްވާނާ ބެހޭ ގޮތުން ފަތުރައިގެން އުޅެނީ ދޮގު ވާހަކައެއް ކަމަށާއި އޭނާގެ ވާހަކަ ބަޔަކު މީހުން ދަނޑިވަޅުގެ ބޭނުން ހިފައި ސިޔާސީކޮށްލީ ކަމަށެވެ.

މ. ޝައިނިން ސްޓާ، ރިލްވާން ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ އަށް ވަނަ ދުވަހު އެވެ. ތަހުގީގަށް އެނގިފައިވާ ގޮތުން އޭނާ ގެއްލިފައި ވަނީ އޭރު ދިރިއުޅެމުން ދިޔަ ހުޅުމާލެ އިންނެވެ.

އޭނާ ހޯދުމުގެ ތަހުގީގުގައި ފުލުހުންނަށް މިހާތަނަށް އެދެވޭ ކުރިއެރުމެއް ލިބިފައި ނުވާއިރު ރިލްވާން ގެއްލުނު މައްސަލާގައި އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ވާހަކަ ދައްކަ އެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުން ބަޔަކު މީހުން ރިލްވާން ވަގަށް ނެގީ އެވެ.

މަދަނީ ޖަމިއްޔާއެއް ކަމުގައިވާ ޑިމޮކްރަސީ ނެޓްވޯކުން ވެސް އަމިއްލަ ބަޔަކާ ގުޅިގެން ހިންގި ތަހުގީގަކަށް ފަހު، ރިލްވާން ވަގަށް ނެގީ ކަމަށް ނިންމައި ގިނަ ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައިވެ އެވެ. ނަމަވެސް މިގޮތަށް ދެކެވޭ އެއްވެސް ވާހަކައެއް ވެސް ފުލުހުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ރިލްވާނަށް ވީނުވީއެއް ނޭނގޭއިރު އޭނާ ދިރިހުރިކަން ނުވަތަ މަރުވެފައިވާކަން ވެސް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ.