ހަބަރު

މާފުށީ ޖަލުގައި ހާއްސަ ތަނެއް ހެދެންދެން ނަޝީދު ދޫނިދޫގައި ބަހައްޓަން އަންގައިފި

Mar 14, 2015

މާފުށީ ޖަލުގައި ހާއްސަ ޔުނިޓެއް ހެދެންދެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫނިދޫ ޖަލުގައި ބަހައްޓަން ހޯމް މިނިސްޓަރު އުމަރު ނަސީރު އަންގަވައިފި އެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި މިރޭ 13 އަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ރައީސް ނަޝީދު މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

ހޯމް މިނިސްޓަރު މިކަން ހާމަ ކުރައްވާފައި ވަނީ މިރޭ ކްރިމިނަލް ކޯޓްގައި ރައީސް ނަޝީދަށް ހުކުމް ކުރިތާ ކުޑައިރުކޮޅެއްގެތެރޭގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ރައީސް ނަޝީދަށް ހުކުމެއް އައިސްފިނަމަ އެމަނިކުފާނުގެ މައްޗަށް ހުކުމް ތަންފީޒު ކުރުމުގައި ރަނގަޅަށް އަމަލު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައެވެ. 

އެންމެ ފަހުން ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ޖިނާއީ ހުކުމް ސާބިތުވެއްޖެނަމަ އެހުކުމެއް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށާއި އެކަމަށް ފަހެއް ނުޖެހޭނެ ކަމަށެވެ.