ހަބަރު

ނަޝީދުގެ ހުކުމް އިސްތިއުނާފު ކުރަން ނިންމައިފި

Mar 14, 2015

ރައީސް ނަޝީދުގެ މައްޗަށް ޖަލު ހުކުމް އައުމާއެކު، އެ ޝަރީއަތުގެ ފަހު މަރުހަލާގެ އަޑުއެހުންތަކަށް ތަނާޒުލުވި އެމަނިކުފާނުގެ ގާނޫނީ ޓީމުން ހުމް ހައިކޯޓްގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި ކަމުގެ ކުށް ސާބިތުވެ 13 އަހަރު ދުވަހަށް ރައީސް ނަޝީދު، އަދި އެމްޑީޕީގެ ރައީސް ނަޝީދު ޖަލަށްލާން ހުކުމް ކުރުމާއެކު ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނި ވަޑައިގަންނަވާ އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އެ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފު ކުރައްވާނެ ކަމަށާއި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް އެ ޓީމަށް ލިބުމާއެކު އިސްތިއުނާފަށް ކޭސް ފައިލް ކުރަން މަސައްކަތް ކުރައްވާ ކަމަށެވެ.

އިސްތިއުނާފު ކުރުމުގެ އުސޫލަށް ސުޕްރީމް ކޯޓުން ގެނައި ބަދަލާ ގުޅިގެން 10 ދުވަހުގެ ތެރޭގައި އިސްތިއުނާ ކުރަން ޖެހޭނެ އެވެ.

މިރޭ ރައީސް ނަޝީދުގެ މައްޗަށް ކުރި ހުކުމުގައި ބުނަނީ އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމް ކުށުގެ ދައުވާގެ މައްޗަށް ޝަރީއަތް ހިންގި އިރު އެމަނިކުފާނު ސިފައިންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަވައިގެން އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން ނިންމައި ސިފައިން މެދުވެރިކޮށް ޖެނުއަރީ 17، 2012 ވަނަ ދުވަހުގެ ރޭ 12:00 ޖެހި އިރު ގަދަކަމުން އަބްދުﷲ މުހައްމަދު ގިިރިފުއްޓަށް ގެންގޮސް ފޮރުވާފައި ބެހެއްޓިކަން ޝަރީއަތަށް ދައުލަތުން ހުށަހެޅި ހެކިތަކާއި ގަރީނާ ތަނުން ސާބިތުވާ ކަމަށެވެ.

އަދި އެ ހެކިތަކާއި ގަރީނާ ތަކުގެ މައްޗަށް ބިނާކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) ގެ ދަށުން ނަޝީދު ކުށުން ކުށްވެރިވެއްޖެ ކަމަށާއި ކުށުގެ އުގޫބާތެއްގެ ގޮތު، އެ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން ނަޝީދު 13 އަހަރަށް ޖަލަށްލާން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރީ ކަމަށެވެ.

ނަޝީދުގެ ގާނޫނީ ޓީމުން މި ހުކުމް ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ ކޯޓްން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފިނަމަ މައްސަލަ ސުޕްރީމް ކޯޓްގައި އިލްތިމާސް ކުރުމަށް ވެސް ލިބޭނީ 10 ދުވަހެވެ.

ނަޝީދުގެ މައްޗަށް އައި 13 އަހަރު ދުވަހުގެ ޖަލު ހުކުމް މަތީ ކޯޓަކުން ބާތިލު ނުކުރާނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަކަށް ވާދައެއް ނުކުރެއްވޭނެ އެވެ. މަތީ ކޯޓަކުން ބާތިލު ނުކޮށް ރައީސް ނަޝީދަށް ރައީސް މާފު ދެއްވި ނަމަވެސް ނަތީޖާއަށް ބަދަލެއް ނާންނާނެ އެވެ.