އެމްއައިޓީޑީސީ

އެމްއައިޓީޑީސީގެ އޮފީސް ވެލާނާގޭގައި ހުޅުވާއިފި

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ކޯޕަރޭޓް އޮފީސް ސަރުކާރުގެ އޮފީސް އެކުވެނި، ވެލާނާގޭގައި މިއަދު ހުޅުވައިފި އެވެ. އެ އޮފީސް ގާއިމްކޮށްފައި ހުރީ ވެލާނާގޭގެ ފަސް ވަނަ ފްލޯގަ އެވެ. މިއަދު އެ އޮފީސް ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަނުން އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވީ އެ ކުންފުނީގެ ކޯޕަރޭޓް އޮފީސް މިއަދު ހުޅުވި ނަމަވެސް މިހާތަނަށް ވެސް އެމްއައިޓީޑީސީއިން އައީ މެންޑޭޓުގައިވާ މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ކުރަމުން ކަމަށެވެ.

އަދި ވިދާޅުވީ އާ އޮފީސް ހުޅުވުމާ ގުޅިގެން މަސައްކަތްތައް އިތުރަށް ފަސޭހަވެ ބާރަށް ކުރިޔަށް ދާނެ ކަމަށާއި އެ ކުންފުނީގެ މެންޑޭޓުގެ ތެރެއިން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ވެސް އެ އޮފީހުން މިހާރު ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ކުރާ މަންފާ އިތުރުކުރުން. އެ ކަމުގެ ތެރެއިން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން މި އޮފީސް މެދުވެރިކޮށް ފުރިހަމަޔަށް ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެ ސިނާއަތުގައި ސީދާގޮތުން ބައިވެރިވުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިކޮށްދީ، މެދު ފަންތީގެ ފަތުރުވެރިކަން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ރާއްޖެއަށް ތައާރަފްކޮށް ހިންގެވުމުގެ މަގްސަދުގައި ރައީސް އަބްދުﷲ ޔާމީން އެމްއައިޓީޑީސީ އުފެއްދީ މިދިޔަ އޮގަސްޓު މަހުގައެވެ.