ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމު ކޮށްގެން ބޭއްވި ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" އަންނަ އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.
އެމްއައިޓީޑީސީގެ މި އިވެންޓަކީ ވަކި ތީމެއް ކަނޑައަޅައިގެން ބާއްވާ އިވެންޓެކެވެ. އެގޮތުން މިއަހަރު ބޭއްވި ފުރަތަމަ ޔޮޓު ރެލީގެ ތީމާއި ނަން ނިސްބަތް ކޮށްފައި ވަނީ ބޮޑުތަކުރުފާނަށެވެ.
އެމްއައިޓީޑީސީ އިން އަންނަ އަހަރުގެ ޔޮޓް ރެލީ ލޯންޗުކޮށްފައި ވަނީ ހަފްތާ ބަންދުގައި ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯ 2022 ގައެވެ.
ސެއިލިން ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ފުރަތަމަ 18 ދުވަހު އެވެ.
އިވެންޓް ކުރިއަށް ގެންދާނީ ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. އަންނަ އަހަރުގެ އިވެންޓްގައި މިއަހަރަށްވުރެ ގިނަ ޔޮޓުތައް ބައިވެރިވެ، ފުރިހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ސަވާދީއްތަ ދަތުރު 2023 ލޯންޗު ކުރުމާއި ގުޅިގެން މިހާރު މި އިވެންޓްގައި ބައިވެރިވާން ބޭނުންވާ ސެއިލަރުންނަށް ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.
ސަވާދީއްތަ ދަތުރުގައި އެކި ރަށްރަށަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ މައުލޫމާތު އިވެންޓްގެ ބައިވެރިންނަށް ފޯރުކޮށްދެ އެވެ. މިއީ ރާއްޖޭގައި ހެރިޓޭޖް ޓޫރިޒަމް ފަށައި އަދި ފުޅާކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ އިވެންޓެކެވެ.