ދިރާގު

ސަވާދީއްތަ ދަތުރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބާއްވާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ކަނޑައަޅައިފި އެވެ.

ދިރާގުން ބުނީ ރާއްޖޭގައި ޓޫރިޒަމަށް 50 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އެމްއައިޓީޑީސީން ބާއްވާ ސަވާދީއްތަ ދަތުރުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ޓޫރިޒަމުގެ ރަން އަހަރާ ވެސް ގުޅުވާ އެމްއައިޓީޑީސީން ބާއްވާ ސަވާދިއްތަ ދަތުރު އޮންނާނީ އަންނަ މަހު ތިނަކުން 20 އަށެވެ. އެ އިވެންޓުގައި ބޭރުގެ ޔޮޓުތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެމްއައިޓީޑީސީގެ އެ އިވެންޓަކީ ވަކީ ތީމެއް ކަނޑައަޅައިގެން ބާއްވާ އިވެންޓެކެވެ. އެގޮތުން ބާއްވާ ފުރަތަމަ ޔޮޓު ރެލީގެ ތީމާއި ނަން ނިސްބަތް ވަނީ ބޮޑުތަކުރުފާނަށެވެ.

މިފަހަރު ދަތުރުކުރާ ގިނަ ރަށްތަކަކީ ބޮޑުތަކުރުފާނުގެ ހަޔާތުގެ ވާހަކަތަކާއި ގުޅޭ އާސާރުތައް ހިމެނޭ ރަށްރަށެވެ. އެގޮތުން ފުރަތަމަ ދަތުރުގައި ފަސް އަތޮޅެއްގެ 15 ރަށަކަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިޓީޑީސީން ބުނެ އެވެ.

މި ފަހަރުގެ ސަވާދީއްތަ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ރައްތަކަކީ ހއ. އުތީމު، ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ށ. ފަރުކޮޅު، ށ. ނަލަންދޫ، ނ. ލަންދޫ، ހއ. ބިލެތްދޫތިލަ، ބ. ތުޅާދޫ އަދި ކުޅުދުއްފުށި ސިޓީ އެވެ.