އެމްއައިޓީޑީސީ

ސަވާދީއްތަ ދަތުރު ފަށައިފި

Feb 5, 2022

ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމު ކުރާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރާ ދިމާކޮށް ކުރިއަށް ގެންދާ ސާވާދީއްތަ ދަތުރު މިއަދު ފެށީ ހއ. ހޯރަފުށިންނެވެ. މިދަތުރުގައި ބައިވެރިވުމަށް 12 ޔޮޓެއް ރަޖިސްޓްރީވީ ނަމަވެސް މިއަދު ދަތުރުގައި ބައިވެރިވީ 10 ޔޮޓް ކަމަށް މައުލޫމާތު ލިބެ އެވެ. މިދަތުރުގައި ދުނިޔޭގެ މަޝްހޫރު ބައެއް ޔޮޓުތައް ވެސް ބައިވެރިވެ އެވެ.

ހޯރަފުށީގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެ އަކީ މުއްސަނދި ތާރީހަކާއި ސަގާފަތެއް އޮތް ރީތި ގައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖެ އަކީ އަބަދުވެސް މީހުން އައިސް ގޮސް ހެދުމަށް ބޭނުންވާ ގައުމެއް ކަމަށް ވިދާޅުވި އެވެ. އިހުޒަމާނުގައި ބައެއް މީހުން ރާއްޖެ އައިސް އެ މީހުން ދަތުރުކުރި އުޅަނދު ހަލާކުވީ ކަމަށް ހަދައި ރާއްޖޭގައި މަޑުކުރަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކޮށް ރާއްޖޭގެ ސަގާފަތް ތަޖުރިބާ ކުރުމަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

އެމްއައިޓީޑީސީގެ މިދަތުރަކީ ވަކި ތީމެއް ކަނޑައަޅައިގެން ކުރިއަށް ގެންދާ ދަތުރެކެވެ. އެގޮތުން މިއަދު ފެށި ޔޮޓު ރެލީގެ ތީމާއި ނަން ނިސްބަތް ވަނީ ބޮޑުތަކުރުފާނަށެވެ.

މިފަހަރު ދަތުރުކުރާ ގިނަ ރަށްތަކަކީ ބޮޑުތަކުރުފާނުގެ ހަޔާތުގެ ވާހަކަތަކާއި ގުޅޭ އާސާރުތައް ހިމެނޭ ރަށްރަށެވެ. އެގޮތުން ފުރަތަމަ ދަތުރުގައި ފަސް އަތޮޅެއްގެ 15 ރަށަކަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިޓީޑީސީން ބުނެ އެވެ. އެގޮތުން ދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. އުތީމު، ހއ. އުލިގަން، ހއ. ހޯރަފުށި، ހއ. މަތީރަށް، ހއ. ގައްލަންދޫ، ހއ. އިހަވަންދޫ، ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ށ. ފަރުކޮޅު، ށ. ނަލަންދޫ، ނ. ލަންދޫ، ހއ. ބިލެތްދޫތިލަ، ބ. ތުޅާދޫ އަދި ހދ. ކުޅުދުއްފުށި ސިޓީ އެވެ.

ތިން ހަފްތާގެ މި ދަތުރަށް ހާއްސަކޮށްގެން މިއަދު ވަނީ "ސަވާދިއްތަ ޕާސްޕޯޓް" ތައާރަފްކޮށްފަ އެވެ. އެމްއައިޓީޑީސީން ބުނީ ދަތުރުގެ ބައިވެރިން ކޮންމެ ރަށަކަށް ފޭބުމުން ވެސް ހާއްސަ ތައްގަނޑެއް ޖަހާނެ ކަމަށެވެ.

ސަވާދީއްތަ ދަތުރު ނިންމާލުމުގެ ބާއްވާ ގާލާ ނައިޓް މި މަހުގެ 20 ވަނަ ދުވަހު އޮންނާނީ ކ. އަތޮޅުގައި ހިންގާ ފަރި އައިލެންޑްސްގަ އެވެ.