އެމްއައިޓީޑީސީ

"އަމާޒަކީ ދެކުނާއި އުތުރުގައި ޓޫރިޒަމް ފުޅާކުރުން"

އެމްއައިޓީސީގެ އަމާޒަކީ ރާއްޖޭގެ ދެކުނާއި އުތުރުގައި ޓޫރިޒަމް ފުޅާކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެ އެވެ.

އަވަސްގެ ފޭސް ޓު ފޭސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ރާއްޖޭގެ ބެޑް ކެޕޭސިޓީގެ 79 ޕަސެޓް ހުރީ މާލެ ވަށައިގެން ދެ ގަޑިއިރު ދަތުރުކޮށްފައި ދެވޭ ދުރުމިނުގައި ކަމަށެވެ. އެކަމުން ހާމަވަނީ ރާއްޖޭގެ ދެކުނާއި އުތުރުގައި އަދިވެސް ޓޫރިޒަމް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން ކަމަށެވެ. އެހެންކަމުން އަމާޒަކީ އެ ސަރަހައްދަށް އެމްއައިޓީޑީސީގެ އެހީތެރިކަން ފޯރުކޮށްދީ ޓޫރިޒަމް އިތުރުކުރުން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް އިތުރު މޮޑެލްތައް ތައާރަފްވެ ހޯމްސްޓޭގެ ވިޔަފާރި ވަރަށް ބޮޑަށް މިއަދު ވައިގައި ހިފާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރާއިދު ވިދާޅުވީ ބޭނުންވަނީ އެ މަސައްކަތުގައިވެސް ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީގެ އެ މަސައްކަތް ފުޅާކުރަން ކަމަށެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެމްއައިޓީޑީސީ އަށް ކައުންސިލްތަކާއި ގުޅިގެން އިންޓަގްރޭޓެޑް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު ވަނީ ލިބިފަ އެވެ. އެކަމާ ގުޅިގެން ރާއިދު ވިދާޅުވީ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ފެށުން ލަސްވަމުން ދަނީ ބައެއް ރަށްރަށުގައި ލޭންޑް ޔޫސް ފްލޭން އަދި ނުހެދި އޮތުމުގެ ސަބަބުން ކަމަށެވެ. އެލްޖީއޭއިން އެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭރުން ކޮންމެ ރަށެއްގައިވެސް ޓޫރިޒަމް ޒޯން ކަނޑައެޅިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއިދު ވިދާޅުވީ ރަށްރަށުގައި ޓޫރިޒަމް ފުޅާކުރުމަށް އެމްއައިޓީޑީސީގެ އެހީއަށް މިހާރު ވެސް ވަރަށް ގިނަ ރަށްތަކުން އެދެމުންދާ ކަމަށެވެ. އެގޮތުން 14 ރަށަކުން ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށާއި މީގެތެރޭގައި ގިނައީ މާލެ ސަރަހައްދާއި ދުރު ރަށްތައް ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް ވީވަރަކުން އެ ރަށްތަކުގެ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރާނަން. ޖޮއިންޓް ވެންޗާ އުސޫލުން މަސައްކަތްތައް ކުރުމަކީ އަޅުގަނޑުމެން ވެސް ވިސްނާނެ ކަމެއް" ރާއިދު ވިދާޅުވި އެވެ.

އެހީއަށް އެދިފައިވާ ރަށްތަކުގައި ދިވެހި ނުވަތަ ބޭރު ކޮންޓްރަކްޓަރަކާއި އެކުގައި އިންޓަގްރޭޑެޓް ޒޯނެއް ތަރައްގީ ކުރެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ. އަދި ކައުންސިލުން ވެސް ބައިވެރިވާން ބޭނުންނަމަ އެ ފުރުސަތު ކައުންސިލަށް ވެސް އޮންނާނެ ކަމުގައި ވިދާޅުވި އެވެ.