އެމްއައިޓީޑީސީ

ސަވާދީއްތަ ދަތުރުގައި 12 ޔޮޓު

Feb 4, 2022

ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބާއްވާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގައި ބޭރުގެ 12 ޔޮޓެއް ރަޖިސްޓާވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހއ. އުލިގަމުގައި ރެޖިސްޓްރޭޝަން އިވެންޓް ބާއްވާފައިވާއިރު ރެލީގެ ބައިވެރިން މިހާރު ވަނީ އެރަށަށް ގޮސްފަ އެވެ. އިވެންޓްގެ ބައިވެރިންނަށް މަރުހަބާ ދަންނަވާފައި ވަނީ އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު އެވެ.

ސެއިލިން ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. ރެލީ ފަށާނީ ހއ. ހޯރަފުށިންނެވެ.

އެމްއައިޓީޑީސީން ބުނީ ދުނިޔޭގެ މަޝްހޫރު ބައެއް ޔޮޓުތައް ވެސް މި ރެލީގައި ބައިވެރިވެފައިވާ ކަމަށެވެ.

ސެއިލިން ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި އިވެންޓަކީ ރާއްޖެއިން ބޭރުން އަންނަ ޔޮޓުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ދަތުރުތަކެކެވެ. ރާއްޖޭގެ ފަސް އަތޮޅެއްގެ މީހުން ދިރިއުޅޭ 11 ރަށަކަށް އަދި ހަތަރު ފަޅު ރަށަކަށް މި ރެލީގައި ޓޫރިސްޓުން ޒިޔާރަތްކޮށް އާސާރީ ތަންތަނުގެ މައުލޫމާތު ހޯދާނެ ކަމަށް އެމްއައިޓީޑީސީން ކުރިން ބުންޏެވެ.

އެގޮތުން ހއ، ހދ، ށ، ނ އަދި ބ އަތޮޅުގެ ރަށްތަކަށް ދަތުރުކުރާނެ އެވެ.

މި ދަތުރުގެ ބޭނުމަކީ ގައުމުގައި ހުރި އާސާރީ ތަންތަން ޓޫރިސްޓުންނަށް ޕްރޮމޯޓް ކުރުމުގެ ގޮތުން އިންތިޒާމްކޮށްފައިވާ ރެލީއެކެވެ.

ސަވާދީއްތަ ދަތުރު ކުރިއަށް ގެންދަނީ އެމްއައިޓީޑީސީއާއި ހެރިޓޭޖް މިނިސްޓްރީ އަދި އެމްއެންޑީއެފްގެ ސިވެކް ކުންފުންޏާއި ގުޅިގެން ޔޮޓް ރެލީއެއް ގޮތަށެވެެ.