އެމްއައިޓީޑީސީ

ސެއިލިން ދަތުރުތަކާއެކު ރާއްޖެއަށް ހެރިޓޭޖް ޓޫރިޒަމް

ރާއްޖޭގައި ހެރިޓޭޖް ޓޫރިޒަމް ކުރިއަރުވަން ޔޮޓު ރެލީއެއް ލޯންޗުކޮށްފި އެވެ.

"ސަވާދީއްތަ ދަތުރު"ގެ ނަމުގައި ރާއްޖެއަށް މުޅިން އަލަށް ހެރިޓޭޖް ޓޫރިޒަމް ތައާރަފްކޮށްފައިވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ.

މި އިވެންޓް ލޯންޗްކުރަން ނެޝަނަލް މިއުޒިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި، އެމްއައިޓީޑީސީ އާއި އެމްއެމްޕީއާރްސީގެ އިސްވެރިިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ސަވާދީއްތަ ދަތުރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެމްއައިޓީޑީސީއާއި ހެރިޓޭޖް މިނިސްޓްރީ އަދި އެމްއެންޑީއެފްގެ ސިވެކް ކުންފުންޏާއި ގުޅިގެން ޔޮޓް ރެލީއެއް ގޮތަށެވެެ.

ސެއިލިން ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި އިވެންޓް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މިއީ ރާއްޖެއިން ބޭރުން އަންނަ ޔޮޓުތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ދަތުރުތަކެކެވެ. ރާއްޖޭގެ ފަސް އަތޮޅެއްގެ މީހުން ދިރިއުޅޭ 11 ރަށަކަށް އަދި ހަތަރު ފަޅު ރަށަކަށް މި ރެލީގައި ޓޫރިސްޓުން ޒިޔާރަތްކޮށް އާސާރީ ތަންތަނުގެ މައުލޫމާތު ހޯދާނެ އެވެ. އެގޮތުން ހއ، ހދ، ށ، ނ އަދި ބ އަތޮޅުގެ ރަށްތަކަށް ދަތުރުކުރާނެ އެވެ. ދަތުރުތައް ފަށާނީ ހއ. އުލިގަމުންނެވެ. ނިންމާނީ ބ. ތުޅާދޫ އިންނެވެ.

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު މިއަދު ވިދާޅުވި ގޮތުގައި ހެރިޓޭޖް ޓޫރިޒަމް ރާއްޖޭގައި ފެށުމަށް ނިންމީ 2019 ވަނަ އަހަރު މުލިއާގެއަށް 100 އަހަރުވީ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުން ހިތްވަރު ލިބިގެން ކަމަށެވެ. އެ ދުވަހު ރައީސް ވިދާޅުވީ ރާއްޖޭގައި ހެރިޓޭޖް ޓޫރިޒަމް ފަށަން ޖެހޭކަމާއި ގައުމުގެ ތަރިކަ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ބުނެދީ ޝައުގުވެރިކުރުން މުހިއްމު ކަމަށެވެ.

"އަހަރެމެންނަށް އަބަދުވެސް ޕްރޮމޯޓް މި ކުރެވެނީ 'ސަން ސޭންޑް ބީޗް'. އެހެންވީމާ ލަގްޒަރީ ޓޫރިޒަމްގެ އިތުރުން ގައުމުގައި ހުރި އާސާރީ ތަންތަން ވެސް ޓޫރިސްޓުންނަށް ޕްރޮމޯޓް ކުރަން އެބަޖެހޭ. އެއީ މި އިވެންޓުގެ ވަރަށް މުހިއްމު ބޭނުމެއް،" ރާއިދު ވިދާޅުވި އެވެ.

މިއަދު ލޯންޗުކުރެވުނު އިވެންޓަށް "ސަވާދީއްތަ ދަތުރު" ކިޔުނު ގޮތް ވެސް ރާއިދު ވަނީ އޮޅުންފިލުއްވައިދެއްވާފަ އެވެ.

"ސަވާދީއްތަ އަކީ މުހައްމަދު ތަކުރުފާނަށް ދެއްވާފައިވާ ލަގަބެއް. އޭގެ މާނަ އަކީ ދަ ގްރޭޓް ޓްރިޕް. އެހެންކަމުން ފުރަތަމަ ފަށާ ދަތުރު ހާއްސަކުރެވިފައިވާނީ މުހައްމަދު ތަކުރުފާނަށް. މިކަން އެއްފަހަރުން ނިންމައެއް ނުލާނަން. ކުރިއަށް ހުރި އަހަރުތަކުގައި ވެސް މި ދަތުރުތައް ބާއްވާނަން،" ރާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ހުންނަ އާސާރީ ތަންތަން މިހާރު ވީރާނާވަމުންދާ ކަމަށާއި އެފަދަ ތަންތަންތަނަށް ޓޫރިސްޓުންނަށް ޒިޔާރާތްކުރެވޭނީ ދެމެހެއްޓެނިވި ގޮތަކަށް އާސާރީ ތަންތަން ރަނގަޅަށް ބަލަހައްޓައި ރީތިކޮށް އެ ތަންތަން ގެންގުޅުމުން ކަމަށެވެ. އެހެންކަމުން ސަވާދީއްތަ ދަތުރު ކަހަލަ ދަތުރުތަކުގެ ސަބަބުން ރަށްރަށުގެ އާސާރީ ތަންތަން ގިނަ ދުވަހަށް ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ރާއިދު ގަބޫލުކުރައްވަ އެވެ. އެމްއައިޓީޑީސީގެ އިސް ނެގުމަށް ކުރާ އެ ދަތުރުގެ ސަބަބުން ރަށްރަށަށް އާމްދަނީ ލިބޭނެ މަގެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރާއިދު ވިދާޅުވީ ޓޫރިސްޓުންނަށް ރަށްރަށް ދައްކައިލާ އާސާރީ ވާހަކަތައް ކިޔައިދޭން "ޓުއާ ގައިޑުން" ނުވަތަ އާރުކާޓީންގެ ގޮތުގައި ތަމްރީނު ކުރާނީ އެ ރަށްރަށުގެ މީހުން ކަމަށެވެ. އެހެންކަމުން އެ ދަތުރުތަކުގައި ނޫނަސް ރަށަށްދާ މީހުންނަށް ގައިޑު ކޮށްދޭނެ ބަޔަކު އޭރުން ރަށްރަށުގައި އުފެދޭނެ ކަމަށެވެ.

"މިހާރުވެސް މި ރެލީގައި ޔޫޓިއުބުގައި ވަރަށް މަޝްހޫރު ދެ ޔޮޓެއް ބައިވެރިވާނެ ކަމުގެ ޔަގީންކަން އެބޮތް. އެމީހުންނަކީ ވަރަށް ގިނަ ފޮލޯވަރުން އޮންނަ ބައެއް. އެމީހުން މި ދަތުރުތަކުގައި ލައިވް ކުރަމުން ދާނެ،" ރާއިދު ވިދާޅުވި އެވެ.

ސަވާދީއްތަ ދަތުރު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެމްޕީއާރްސީންނެވެ. ޕްރޮމޯޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް މިހާރު ވަނީ ފަށާފަ އެވެ.