ދުނިޔެ

ޖަލުގެ ތޭރިތަކުގެ ތެރެއިން ނުކުތް އެހެން ލީޑަރުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް "ސިޔާސީ ކުށްވެރިޔަކަށް" ބަދަލުވެ ވަޑައިގެންނެވީ އެވެ. އެ ބޭފުޅާގެ ސަޕޯޓަރުން ބުނަނީ އެއީ "މަންޑޭލާއެއް" ކަމަށެވެ. ވެއްޓި ވަޑައިގަންނަވާހާ އަވަހަށް ތެދުވެ ވަޑައިގެން، ނުކުމެ ވަޑައިގަންނަވާނެ ލީޑަރެއް ކަމަށެވެ.

އެހެންވީމަ ނަޝީދު އެ ބޭފުޅާގެ ސަޕޯޓަރުންނަށް ދައްކަވަމުން ގެންދަވާ ހިތްވަރު ދެއްކެވި މަޝްހޫރު ސިޔާސީ އެހެން ކުށްވެރިންގެ ވާހަކަ އަށް ޖެހިލަމާ ހިނގާށެވެ.

މިއީ އެ ބޭފުޅަކާ ނަޝީދާ އެންމެ ބޮޑަށް އެއްވަރުކޮށްގެން ވާހަކަ ދެކެވޭ މަޝްހޫރު ސިޔާސީ ޝަހުސިއްޔަތެވެ. ދެކުނު އެފްރިކާގައި 1994 ވަނަ އަހަރުން ފެށިގެން 1999 ވަނަ އަހަރާ ހަމަ އަށް ރައީސްކަން ކުރެއްވި މަންޑޭލާ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަހަރެމެންނާ ވަކިވެގެން ގޮސްފައިވީ ނަމަވެސް އެ ބޭފުޅާގެ ހަނދާންތަކާއި ހިތްވަރުގެ ވާހަކައިގެ އަޑެއް ދުވަހަކު ވެސް ކެނޑިގެން ނުދާނެކަން ޔަގީނެވެ.

ނެލްސަން މަންޑޭލާ އަކީ ދެކުނު އެފްރިކާގައި އޮތް ނަސްލީ ތަފާތުކުރުމުގެ މުޑުދާރު ސިޔާސަތު ބާތިލުކޮށް ކަޅު ނަސްލުން އެގައުމުގެ ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރެވެ. ނަސްލީތަފާތުކުރުމާއި ފަގީރުކަމާ ދެކޮޅަށް ނުކުމެ ވަޑައިގެން ދެކުނު އެފްރިކާ އެކަތިގަނޑަކަށް ހެއްދެވި ލީޑަރެވެ.

ނަމަވެސް އެތައް އަހަރެއް ވަންދެން ދަލާއި ލެއިން ގުރުބާންވެގެން ކުރެއްވި މަސައްކަތުގެ ނަތީޖާ އެވެ. މި ގުރުބާނީގެ އެންމެ މުހިންމު ސަފުހާތައް އެ ބޭފުޅާ ލިޔުއްވާފައި ވަނީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ހޭދަކުރެއްވި 27 އަހަރު ތެރޭގަ އެވެ. އޭނާ ހައްޔަރުކޮށް ޖަލަށް ލީ ވެރިކަން ވައްޓާލަން "ބަޣާވާތެއް" ރޭވިކަމުގެ ތުހުމަތުގަ އެވެ.

ނެލްސަން މަންޑޭލާ ވެސް އެ ބޭފުޅާގެ ހަތުރުންގެ މެދުގައި މަޝްހޫރުވެ ވަޑައިގަތީ، "ޓެރަރިސްޓެއް" ގެ ގޮތުގަ އެވެ. ނަމަވެސް އެންމެފަހުން ބަތަލަކަށް ވެ ވަޑައިގަތީ އެވެ. އަދި 1993 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒް ވެސް ލިބިވަޑައިގެންނެވީ އެވެ.

މިއީ މިއަންމާގެ މަޝްހޫރު ސިޔާސީ ލީޑަރެވެ. ދިވެހިންގެ ބަހުރުވައިން ނަމަ މިއަންމާގެ "ޑިމޮކްރެޓިކް މަންމަ" އެވެ. މިއަންމާގައި ޑިމޮކްރަސީގެ ރަތް ދޫލަ ދަމާލުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ބޮޑު ހިއްސާއެއް އޮތް ފަރާތަކީ މިއީ އެވެ.

މި މަސައްކަތާ އެކު އެކަމަނާ ވެސް ވެވަޑައިގެންފައި ވަނީ މިއަންމާގެ އެންމެ ބޮޑު ކުށްވެރިޔަށެވެ.

ދުނިޔެ އަށް މިއީ ސިޔާސީ ކުށްވެރިއެކެވެ. ސިޔާސީ މަސައްކަތްޕުޅާ އެކު މިއަންމާގެ ސަރުކާރުން ސޫ ކީ ގޭގައި ބަންދުކުރީ އެވެ.

ސޫ ކީ ވެވަޑައިގެންފައި ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ އަށެވެ. ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ހޭދަކުރެއްވި 21 އަހަރުގެ ތެރޭގައި ގެއިން ނުނިކުމެވި، ގޭ ބަންދުގައި 15 އަހަރު ހޭދަކުރައްވަން ޖެހިވަޑައިގެންނެވި އެވެ.

ސިޔާސީ ކަސްތޮޅުން ސޫ ކީ 2010 ވަނަ އަހަރު މިނިވަންވެ ވަޑައިގަތަސް ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގަތުމަށް އަދިވެސް ގޮންޖެހުންތައް އެބަހުއްޓެވެ. އެގޮތުން ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވިޔަސް މިއަންމާގެ ގާނޫނު ހަދާ މަޖިލީހުން އޮތީ ސޫ ކީ އަށް އެކަން މަނާކޮށްފަ އެވެ.

ސޫ ކީ އަކީ ވެސް ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ނޮބެލް ޕީސް ޕްރައިޒް ހާސިލުކުރައްވާފައިވާ ފަރާތެކެވެ.

މިއީ އިންޑިއާގެ މިނިވަންކަމުގެ ބާނީ އެވެ. ހިތާއި ނަފުސުން އެކަމަށް ގުރުބާންވި އެންމެ މަޝްހޫރު ލީޑަރެވެ.

އިންޑިއާ އަށް މިނިވަންކަމުގެ ހިޔާ ހޯދައި ދިނުމުގެ މަސައްކަތް ގާންދީ ފެއްޓެވީ ވެސް ޖަލުގެ އަނދިރި ގޮޅިއެއްގެ ތެރެއިންނެވެ. އޭނާގެ އެންމެ މަޝްހޫރު ހަރަކާތަކީ ސުލްހަވެރި ހަޅުތާލެވެ. އިނގިރޭސިންގެ އިސްތިއުމާރުން ސަލާމަތްކުރުމަށް ކުރެއްވި ހަޅުތާލާ އެކު އެތައް އަހަރެއް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި އެވެ. 

މަހާތަމާ ގާންދީ އަވަހާރަކޮށްލީ 30 ޖެނުއަރީ 1948 ވަނަ އަހަރު އެވެ. ނޮބެލްގެ ސުލްހައިގެ އިނާމް ލިބިވަޑައިނުގަތަސް ގާންދީ އަކީ ވެސް ސުލްހަ އާއި މިނިވަންކަމުގެ މަޝްހޫރު މޫނެކެވެ.

މިއީ ވެސް އެއް ބަޔަކަށް ބޮޑު ޓެރަރިސްޓެކެވެ. އަނެއް ބަޔަކަށް ބަތަލެކެވެ. ފަލަސްތީނަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް އުމުރު ދުވަހު ކުރެއްވި މަސައްކަތާ އެކު އެންމެނާ ވަކިވެގެން ދިޔައީ އެވެ. ފަލަސްތީނުގެ މި ލީޑަރުގެ މަރުގެ ފަހަތުގައި އޮތް ކަމަށް ބެލެވެނީ އިޒްރޭލެވެ.

މިނިވަންކަމުގެ ގުރުބާނީގައި ކާމިޔާބު ނުލިބި ސަޕޯޓަރުންނާ ވަކިވެފައިވާ ލީޑަރުންގެ ތެރެއިން އަރަފާތަކީ އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތެވެ. ނަމަވެސް ފަލަސްތީނަށް އިޒްރޭލުގެ ސުލްހަޔަށް ކުރެއްވި މަސައްކަތަކަށް ނޮބެލްގެ ސުލްހައިގެ އިނާމް ލިބިވަޑައިގަތެވެ.