އިޒްރޭލުގެ ޔަހޫދީ އާބާދުތަކުގެ މައްސަލާގައި އިހަށް ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުން އިޒްރޭލާ ދެކޮޅަށް ގަރާރެއް ފާސްކުރުމުން މުޅި ދުނިޔެ އަށް ހީވީ ދެން އެހެންފަދަ ކަމެއް ހެންނެވެ. އެކަމަކު މިހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަދި ކޮންމެވެެސް މިވަރަށް އެންމެން ހައިރާންވާން ޖެހޭ ސަބަބެއް ވެސް ނެތެވެ.
ފާއިތުވި 40 އަހަރު ތެރޭގައި، ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ މައްސަލާގައި އދ. އިން މި ވަރުގެ ގަރާރެއް އިޒްރޭލާ ދެކޮޅަށް ފާސްކޮށްފައެއް ނެތެވެ. އަދި މިއީ ސުލްހައިގެ މައްސަލައެއްގައި ސަލާމަތީ މަޖިލީހުން މިހާތަނަށް އިޒްރޭލާ ދެކޮޅަށް ފާސްކުރި އެންމެ ހަރުކަށި ގަރާރުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.
މީގެ އިތުރުން އިޒްރޭލުގެ ދިފާއުގައި އާންމުކޮށް ސަލާމަތީ މަޖިލީހުގައި އައްޑަނަ އުފުލައިލާ އެމެރިކާ އިން މިފަހަރުގެ ގަރާރު ވީޓޯ ނުކުރިއިރު ވޯޓުގައި ބައިވެރިވެއެއް ވެސް ނުވެ އެވެ. އަނެއްކޮޅުން ގަރާރު އެކުލަވައިލުމުގަ އާއި ފާސްކުރުމުގައި އެމެރިކާ އިން ސިއްރު ރޯލެއް އަދާކޮށްފައިވާ ކަމުގެ ތުހުމަތު އިޒްރޭލުން އެބަކުރެ އެވެ.
ނަމަވެސް މިހުރިހާ ތުހުމަތުތަކަކާއި މައްސަލަތަކެއް ދޫކޮށްލުމަށް ފަހު، އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ ކީކޭތޯ ކަމާއި އެ ގަރާރު ހަރުކަށީ ކިހާ މިންވަރަކަށްތޯ ނުވަތަ އެއީ އިޒްރޭލަށް އެއްވެސް އަދަބެއް ދެވޭ ފެންވަރުހުރި ގަރާރެއްތޯ ވެސް ބަލައިލަމާ ހިނގާށެވެ. ސަބަބަކީ އިޒްރޭލުން މި ގަރާރާ ދެކޮޅުހަދަން ކުޅޭ ޑްރާމާ އާއި އެމެރިކާ އިން ވީޓޯނުކުރި މައްސަލައިގެ ޑްރާމާގެ ހިޔަނި ގަރާރަށް މާ ބޮޑަށް އެޅިފައިވުމެވެ.
ގަރާރުގައި އަމުރުކުރަނީ ކޮން ކަމަކަށް؟
ވޯޓުގައި ބައިވެރިނުވި އެމެރިކާ ފިޔަވައި ސަލާމަތީ މަޖިލީހުގެ މެމްބަރު އެހެން ހުރިހާ ގައުމުތަކެއްގެ ވޯޓާ އެކު ފާސްކޮށްފައިވާ މި ގަރާރުގައި އިޒްރޭލަށް ގޮވާލަނީ، ގަވާއިދާ ހިލާފަށް އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި (އޭގެ ތެރޭގައި އިރުމަތީ ގުދުސް ވެސް ހިމެނޭ) ޔަހޫދީން އާބާދުކުރުމަށް ކުރިއަށް ގެންދާ އުމްރާނީ އަދި ތަރައްގީގެ ހުރިހާ މަޝްރޫއެއް ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ. އަދި މިހާތަނަށް އިޒްރޭލުން ފަލަސްތީނުގެ މި ބިންތަކުގައި ތަރައްގީކޮށްފައިވާ ޔަހޫދީ އާބާދުތަކުގައި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު ކަމަށް ގަރާރުގައި ނިކަން ސަރީހަ އިބާރާތުން ބަޔާންކޮށްފައިވެ އެވެ.
މިއީ މީގެ ކުރިން ދުވަހަކު ވެސް އދ. ގެ ސަލާމަތީ މަޖިލީހުން އިޒްރޭލަށް ރައްދުވާހެން ބޭނުންކޮށްފައިވާ ފަދަ އިބާރާތްތަކެއް ނޫނެވެ. އަދި ޔަހޫދީ އާބާދުތަކުގެ މައްސަލާގައި އެމެރިކާ އިން އިޒްރޭލަށް ފާޑުކީއިރު ވެސް ދުވަހަކު ވެސް މިހައި ހަރުކަށިކޮށް ނުވަތަ ސާފު ބަހުން އެކަން ކުށްވެރިކޮށްފައެއް ނުވެ އެވެ.
އެހެންވީމަ އެހެންފަހުން އިޒްރޭލާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުގައި އަދި އދ. ގެ ސަލާމަތީ މަޖިލީހުގައި ވެސް ދަތް ފެޅީ ހެއްޔެވެ؟ ނޫނެކެވެ!
އިޒްރޭލަކު އަދިވެސް އަތެއްނުލެވޭނެ!
ބައެއް ފަރާތްތަކަށް ގަބޫލުކުރެވިފައި ވަނީ މި ގަރާރެއް ފާސްކުރުމުން އިޒްރޭލު ހިފައި ހައްޔަރުކޮށް އެމީހުންގެ ޔަހޫދީ ވެރިން ބައިނަލްއަގުވާމީ ކޯޓުތަކަށް ހާޒިރުކޮށް ޖަލު ހުކުމްތަކެއް އިއްވައި ތަންފީޒުކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ މި ގަރާރަށް އެފަދަ އެއްވެސް ބާރެއް ލިބިގެން ނުވާ ކަމެވެ. -- މިއީ ހަމައެކަނި ލިޔެއްގައި އޮތް ގޮވައިލުމެކެވެ.
މި ގަރާރުގައި ގޮވާލާފައިވާ ކަންކަމަށް ކިޔަމަންނުވެގެން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ފަރުމާކޮށްފައިވާ ގަރާރެއް ނޫނެވެ. ގަރާރު ފާސްކުރި ދުވަހަކު އިޒްރޭލުން އެއަށް ދެކޮޅުހެދީ ވެސް މި ސަބަބާ ހެދި އެވެ. ގަރާރު ގަބޫލުނުކުރާނެ ކަމަށް ބުނެފައިވާއިރު ޔަހޫދީ އާބާދުތަކުގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ފުޅާކުރައްވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވަނީ އިންޒާރު ދެއްވައިފަ އެވެ.
އެހެންވީމަ ސަލާމަތީ މަޖިލީހުން ފާސްކޮށްފައި މި އޮތީ ދަތް ނެތް ގަރާރެކެވެ. ނަމަވެސް މި ގަރާރު ބާރަކަށް ހިފައިގެން އިޒްރޭލުގެ ވެރިންގެ މައްސަލަ ކުށްވެރިންނާ ބެހޭ ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅަން ފަލަސްތީނުން ޝައުގުވެރިވެ އެވެ. ޖެނީވާ ކޮންވެންޝަނާ އިޒްރޭލުން ހިލާފުވޭތޯ ބެލުމަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގަން ވެސް ފަލަސްތީނުން ބޭނުންވެ އެވެ. އަދި އިޒްރޭލާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ފަލަސްތީނުން ބޭނުންވެ އެވެ.
އެކަމަކު ސުވާލަކީ ފަލަސްތީނުން ބޭނުންވި އެއްވެސް ކަމެއް މިހައި ތަނަށް ހާސިލުވެފައި އެބައޮތްތޯ އެވެ؟ -- ނެތެވެ.
ކޮންމެއަކަސް ފާސްކުރި ގަރާރުން އިޒްރޭލަށް ލިބޭނެ ހަމަ އެންމެ ދެރައެއް ވެސް ނެތެވެ.
އެހެންވީމަ އިޒްރޭލު "ސައިޒު" ކުރާނީ ކިހިނެތް؟
ޔަހޫދީ އާބާދުތަކުގެ މައްސަލާގައި އިޒްރޭލަށް ބައިނަލްއަގުވާމީ މުޖުތަމައުގައި އަދަބު ދީ ދަތިކުރުމުގެ ފިޔަވަޅު އަޅަން ބޭނުން ނަމަ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކަށް ޖެހޭނީ އިތުރު ގަރާރެއް ހަމަ މިގޮތަށް ފާސްކުރާށެވެ. ނަމަވެސް އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ނުވަތަ ކަށަވަރުކަމެކެވެ.
މިފެށޭ އާ އަހަރާ އެކު ޖެނުއަރީ މަހުގެ ފަހުކޮޅު އެމެރިކާގެ ރައީސްކަމުގެ ހުވާ ޑޮނަލްޓް ޓްރަމްޕް ކުރެއްވުމަށް ފަހު ފަލަސްތީނާއި އިޒްރޭލުގެ މައްސަލާގައި ފަލަސްތީނުގެ ސަޕޯޓަރުންނާއި ހަމަ އަށް ލޯބިކުރާ ފަރާތްތަކަށް ދެން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އިޒްރޭލާ ދެކޮޅު ގަރާރެއް ފެންނައިރަށް ޓްރަމްޕްގެ ސަރުކާރުން ވީޓޯކުރާނެ އެވެ.
ޓްރަމްޕް ވަނީ މިހާރު ވެސް އެ ޔަގީންކަން ދެއްވައިފަ އެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އދ. ގެ ސިޔާސަތުތައް އިޒްރޭލާ ދެކޮޅަށް ހަމައަކަށް އަޅުއްވާލައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެހެންކަމުން ބައިނަލްއަގުވާމީ މުޖުތަމައުގައި އިޒްރޭލަށް ދެން ހެދޭނެ ހަމަ އެއްގޮތެއް ވެސް ނެތެވެ.