އެމްއެމްއޭ

ޑޮލަރު ރޭޓް ދަށެއް ނުކުރަން: އެމްއެމްއޭ

Dec 28, 2016

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ރޭޓުގެ އަގު ދަށް ނުކުރާ ކަމަށް އެ އޮތޯރިޓީއިން ބުނެފި އެވެ. އެމްއެމްއޭއިން މިހެން ބުނީ ޑޮލަރު ރޭޓުގެ އަގު 15.35ރ. ދަށް ކޮށްފި ކަމަށް ބުނެ ކަމަށް ބައެއް ނޫސްތަކާއި ރާއްޖެ ޓީވީން ރިޕޯޓު ކުރުމާ ގުޅިގެނެވެ.

އެމްއެމްއޭގެ ސީނިއާ މެނޭޖާ މަންސޫރް ޒުބެއިރް "އަވަސް"އަށް ވިދާޅުވީ ޑޮލަރު ރޭޓު ދަށްވެއްޖެ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވީ ނަމަވެސް އެއީ ބޮޑު އޮޅުމެއް ކަމަށެވެ. އެމްއެމްއޭގެ ވެބްސައިޓުގައި 15.35 ދަށްވެފައި ކަމަށް ބުނެފައި ވަނީ ރިފަރަންސް ރޭޓު ކަމަށާއި އެއީ އެމްއެމްއޭއާ އެހެން ބެންކުތަކާ ދެމެދު ހިނގާ ޓްރާންސެކްޝަންތަކަށް ޑޮލަރު ވިއްކާ އަގު ކަމަށެވެ.

"އެއީ އާންމުންނަށް ޑޮލަރު ވިއްކާ އަގެއް ނޫން. ރިފަރަންސް ރޭޓަކީ ކޮންމެ ދުވަހަކުވެސް ބަދަލުވަމުން އަންނަ އަދަދެއް. އެއީ ބެންކުތަކާ އެމްއެމްއޭ ދެމެދު ހިނގާ ޓްރާންސެކްޝަންތަކަށް،" މަންސޫރު ވިދާޅުވި އެވެ.

އެމްއެމްއޭގެ ވެބްސައިޓުން ދައްކާ ގޮތުގައި ރިފަރަންސް ރޭޓުގެ އަގު މިއަދު 15:35 ގައި ހުރި އިރު އިއްޔެ ހުރީ 15:41 ގައެވެ. އަދި މިމަހުގެ ކޮންމެ ދުވަހަކަށްވެސް ހުރީ ތަފާތު ރޭޓުގަ އެވެ.