ސިނަ މާލެ ބްރިޖް

ރައީސްގެ ދެކަނބަލުން ބްރިޖު ސައިޓަށް ޒިޔާރަތް ކުރައްވައިފި

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުން ފުރަތަމަ ފަހަރަށް ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލެއްވުމަށް އެ ސަރަހައްދަށް މިއަދު ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ބްރިޖު ސައިޓަށް މިއަދު ޒިޔާރަތް ކުރެއްވީ ހަވީރު 4:30 ހާއިރު އެވެ. ރައީސް ޔާމީނާއި މެޑަމް ފާތިމަތު އިބްރާހިމްގެ އިތުރުން ބައެއް މިނިސްޓަރުންނާއި މަޖިލީސް މެންބަރުން ވެސް ވަނީ ރައީސްއާއެކު ބްރިޖު ސައިޓަށް މިއަދު ޒިޔާރަތްކުރައްވާފަ އެވެ.

ބްރިޖުގެ މަސައްކަތްތައް މިހާރު ކުރިޔަށްދާ ގޮތުގެ މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ އިންޖީނިއާ އައިޝަތު ބަރިއްޔާ ވިދާޅުވީ މެއިން ބްރިޖުގެ ހުރިހާ ތަނބުތަކެއް ޖަހާ ނިމިފައިވާ ކަމަށެވެ. އަދި 32 ޕައިލެއް ކޮންކްރީޓުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ މަސައްކަތްތައް ނިމިފައިވަނީ ޝެޑިއުލްއަށް ވުރެ ކުރިން ކަމަށެވެ.

ބްރިޖުގެ ދިގު މިނުގައި 1.39 ކިލޯމީޓަރު ހުންނަ އިރު ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް ދެ ކިލޯމީޓަރަށް އަރާނެ އެވެ. އަދި ފުޅާމިނުގައި ހުންނާނީ 20.3 މީޓަރެވެ. ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ދެ ލޭން އޮންނަ އިރު ސައިކަލް ދުއްވަން ވެސް އޮންނާނީ ދެ ލޭން އެކެވެ. އޭގެ އިތުރުން ބައިސްކަލު ދުއްވުމަށާއި ހިނގާ މީހުންނަށްވެސް ހާއްސަ ލޭނެއް ހަދާނެ އެވެ.

ބްރިޖްގެ މަސައްކަތް ނިންމާ 2018 ވަނަ އަހަރުގެ ޖުލައި 24 އަށް ބޭނުން ކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި އެކަމަށްޓަކައި ސީސީސީސީ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށާއި ބްރިޖުގެ މަސައްކަތް ނިމުމަށް ފަހު ތިން އަހަރު ވަންދެން މެއިންޓޭނަންސްގެ މަސައްކަތް ވެސް އެކުންފުނިން ކުރާނެ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް 210 މިލިއަން ރުފިޔާ ހަރަދުވާ އިރު އޭގެ ތެރެއިން 124 މިލިއަން ޑޮލަރު ހަރަދު ކުރާނީ ޗައިނާ ހިލޭ އެހީގެ ދަށުންނެވެ. އަދި ބްރިޖަށް ދައްކަން ޖެހޭ ފައިސާ މި އަހަރު ތެރޭގައި ދައްކާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.