ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބިޔަ މަޝްރޫއަކީ ސިނަމާލެ ބްރިޖެވެ. ޗައިނާ ސަރުކާރުން ދިން ލޯނާއި ހިލޭ އެހީގައި ހަދާފައިވާ ބްރިޖަށް ގާތްގަނޑަކަށް 210 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
ބްރިޖު ހެދުމުގެ ކުރިން މާލެއާއި ދާދި ގާތުގައިވާ މާލޭގެ އެއް އަވަށް ހުޅުމާލެއަށް އަދި މާލެއާ ކައިރީގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމަށް ދިއުމަށް އެތައް ބަޔަކު ވަނީ އެތައް ތަކްލީފެއް އުފުލާފަ އެވެ. އެ ތަކްލީފްތަކަށް ނިމުން އައީ ރައީސް ޔާމީންގެ ވެރިކަމުގައި ބްރިޖު އަޅާ މީގެ ހަތަރު އަހަރު ކުރިން ބްރިޖު ބޭނުންކުރަން ފެށުމުންނެވެ.
ދިވެހިން މިރާއްޖެއިން ދުވަހަކުވެސް ދެކެފައި ނުވާ ބިޔަ ބޮޑު ބްރިިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 30، 2015 ގައެވެ. ތިން އަހަރުގެ ތެރޭގައި ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމެއްގައި ބްރިޖު ނިންމާލުމަކީ ކުޑަކުޑަ މަސައްކަތެއް ނޫނެވެ.
މިއަދަކީ ސިނަމާލެ ބްރިޖު އޮގަސްޓް 30، 2018 ގައި ހުޅުވި ފަހުން ހަތަރު އަހަރު ފުރުނު ދުވަހެވެ. ބްރިޖާ އެކު ދިވެހިންނަށް ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް ލިބުނު ލުއިތަކާ ގުޅިގެން އެތައް ބަޔަކު މިއަދު ގެންދަނީ ބްރިޖުގެ މައުލޫއަށް ސޯޝަލް މީޑިއާގައި ވާހަކަދައްކަވަމުންނެވެ.
ސިނަމާލެ ބްރިޖަށް ހަތަރުވުމުން އެކަން އެންމެ ބޮޑަށް ފާހަގަކުރާ އެއް ބަޔަކީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ މުވައްޒަފުންނެވެ. ބްރިޖު ހަގީގަތަކަށް ވެގެން ދިޔައީ ޗައިނާއިން ފޯރުކޮށްދިން ފައިސާއާއި ފަންނީ އެހީތެރިކަމާ ގުޅިގެންނެވެ. އެހެންކަމުން ސިނަމާލެ ބްރިޖަކީ ޗައިނާއާއި ރާއްޖޭގެ ގުޅުން ތާބައަބަދަށް ފެނިގެންދާނެ ވަރުގަދަ ފާލަމެކެވެ.
ބްރިޖްގެ ވަނަވަރު
- ބްރިޖްގެ ވައްތަރު: ބޯޗް އާޗް
- ބޯކްގެ އަދަދު 6
- ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
- ބްރިޖަށް އަރާ މަގުތަކާއެކު ޖުމްލަ ދިގު މިން 2100 މީޓަރު
- ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
- ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
- ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
- ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
- ސައިކަލަށް ދެ ލޭން
- ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
- ފުޅާމިނުގައި 20.3 މީޓަރު
- މަސައްކަތް ނިންމާނީ 30 މަސް ދުވަހުން
ބްރިޖަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާ ސަފީރު ވާން ލިޝިން ވިދާޅުވީ ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ ރަމްޒީ ނިޝާނެއް ކަމަށެވެ. އަދި މި ބްރިޖާ އެކު އިގްތިސޯދީ، އުމުރާނީ ތަރައްގީއަށް ބޮޑު އިންގިލާބެއް އައިސްފައިވާ ކަމުގައި ވިދާޅުވި އެވެ. ސަފީރު ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖު ހުޅުވި ފަހުން 100 މިލިއަނެއްހާ މީހުން ވަނީ ބްރިޖުން ދަތުރުކޮށްފަ އެވެ. އެހެންވެ އޭނާ ބްރިޖު ސިފަކުރެއްވީ ދަތުރުފަތުރު ފަސޭހަކޮށްދިން ވަސީލަތެއްގެ ގޮތުގަ އެވެ.
"ކުރިއަށް އޮތް އޮކްޓޯބަރު މަހު ރާއްޖެއާއި ޗައިނާގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރޭނެ. އުއްމީދަކީ އެކުގައި ގުޅިގެން ދެ ގައުމަށް ވެސް ފައިދާ ކުރިއެރުމާ ތަރައްގީ ގެނުވާނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް،" ސަފީރު ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ. ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ބްރިޖު އެވަނީ ހަގީގަތަކަށް ހަދައިދީފަ އެވެ. ބްރިޖާ އެކު ދިވެހިންގެ ދިރިއުޅުމަށް ވަކިން ހާއްސަކޮށް ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް އެވަނީ އައިސްފަ އެވެ.
ސިނަމާލެ ބްރިޖާ އެކު ދިވެހިންނަށް ލިބުނު ފަސޭހަތަކާ ގުޅިގެން ޝުކުރު ހައްގުވާ އެންމެ އިސް ފަރާތަކީ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނުގެ އެ މަސައްކަތް ދިވެހިން ބަލައިގެންފި އެވެ.