ތިމާވެށި

ވިލު ރީފް ރިސޯޓުން ކުދި ވެލާ ހިމާޔަތް ކުރަން ފަށައިފި

Dec 28, 2016
1

ކުދި ވެލާ ހިމާޔަތް ކުުރުމުގެ ހާއްސަ ޕްރޮގްރާމެއް ވިލު ރީފް ރިސޯޓުން ފަށައިފި އެވެ.

އެ ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިހާތަނަށް ހަތް ވެލާ ބިސް ވަޅު އެ ރިސޯޓުން ހޯދައި ބިސްތައް ރައްކާތެރިކަމާއެކު ތޮށިކުރަން ވަނީފަށާފަ އެވެ. ބިސްތައް ތޮށި ކުރުމަށްފަހު "ރިލީޒިން ބޭބީ ޓާޓަލްސް" ގެ ނަމުގައި ވެލާތައް މޫދަށް ދޫކުރުމުގެ ހާއްސަ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދާނެ އެވެ.

ވެލާ އަދި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރަން ކުރިއަށް ގެންދާ މި ޕްރޮގްރާމް އެ ރިސޯޓާއި ކައިރި ރަށްތަކުގައި ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން އެ ރިސޯޓުން ފެންނަ ބިސްތައް ތޮށި ކުރުމަށްފަހު ކުދި ވެލާތައް މޫދަށް ދޫކުރުމުގެ ކުރިން އެކަމަށް ހާއްސަ ޕޫލެއްގައި ވެލާތައް ގެންގުޅޭނެ އެވެ. ވެލާތައް ބަލަހައްޓަމުންދާއިރު އޭގެ ބަރުދަނާއި ބޮޑުވަމުން އަންނަ މިންވަރު ވަރަށް ގާތުން ބަލަމުން އަންނާނެ ކަމަށް އެރިސޯޓުން މައުލޫމާތުދެ އެވެ.

ވެލާތައް މޫދަށް ދޫކުރަން ހަމަޖެހިފައިވަނީ 30 ސެންޓި މީޓަރު ދިގު އަދި ބަރުދަނުގައި ހަތަރު ކިލޯ ހަމަވުމުންނެވެ.