ދިވެހި ސިނަމާ

ކާމިޔާބު އަހަރަކަށް ފަހު އައްޒަގެ އަމިއްލަ ޓޯކް ޝޯއެއް

Dec 29, 2016
3

ޔާރާ އާއިލާ އިން ފިލްމީ ދާއިރާ އަށް ނެރުނު އެންމެ އަގުބޮޑު އަދި އެންމެ ހުނަރުވެރި ތަރިއަކީ އައިޝަތު ރިޝްމީ ކަމަށް ހީކުރެވުނު ހީވުމަށް އެ އާއިލާގެ ޒުވާން ބަތަލާ މަރިޔަމް އައްޒަ މި ވަނީ މި އަހަރު ނިކަން ވަރުގަދަ އަށް ރައްދު ދީފަ އެވެ. އެއަށް ފަހު ކުރިއަށް އޮތް 2017 ވަނަ އަހަރު ވެސް ދޫދިނުމެއް ނެތްކަން އޭނާ ގެންދަނީ ސާބިތުކޮށްދެމުންނެވެ.

މި ދުވަސްކޮޅު އޭނާ އެންމެ ބުރަކޮށް މަސައްކަތްކުރަމުން ގެންދަނީ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމު "މިއީ ލޯތްބަކީ" ގަ އެވެ. ނަމަވެސް އައްޒަގެ މަސައްކަތަށް އިންތިޒާރުކުރާ ނަމަ އިންތިޒާރުކުރަންވީ އޭނާގެ ބޮޑު ޕްރޮޖެކްޓަކަށްވާނޭ ކަމަށް ބެލެވޭ ޓޯކް ޝޯއަށެވެ. އައިސް ޓީވީއާ ގުޅިގެން އައްޒަ ހޯސްޓްކުރާ މި ޝޯއަށް ކިޔަނީ "އަޒޯނާ" އެވެ.

މި ޝޯގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް އައްޒަ ވަނީ މިހާރު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ވެސް ޝާއިއުކޮށްފަ އެވެ. ނަމަވެސް އައިސް ޓީވީ އަށް މި ޝޯ އަންނާނެ ތާރީޚެއް އަދި އިތުރު ތަފްސީލެއް ދީފައިނުވާއިރު އައިސްޓީވީ އިން ވެސް މި ޝޯ ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ.

ގާތްގަނޑަށް 13 އެޕިސޯޑްގެ މި ޝޯ އައިސް ޓީވީ އިން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު ފެށޭ އަހަރުގެ ކުރީކޮޅު ޝޯ ޕްރިމިއާކުރާނެ ކަމަށް ބެލެވެ އެވެ. އައްޒަ ބުނީ މިއީ ސެލެބްރިޓީންގެ ތަފާތު ވާހަކަތަކާއި މޫނުތައް ބެލުންތެރިންގެ ސިޓިންރޫމުތަކަށް ގެނެސްދޭނެ ޝޯއެއް ކަމަށެވެ.

އާ އަހަރުގެ މަސައްކަތްތަކުގައި އައްޒަ އަވަދިނެތިއުޅޭއިރު 2016 އަކީ ޔަގީނަށް ވެސް އޭނާގެ ފިލްމީ ހަޔާތުގައި އައި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އަހަރު ވެސްމެ އެވެ. ފާތިމަތު ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ "4426" ގައި ދައްކުވައިދިން ހުނަރުވެރިކަމުން އެތައް ބައެއްގެ ތައުރީފު އޭނާ އަށް އޮހިގެންދިޔަ އެވެ.

އެ ފިލްމުގެ ކާމިޔާބީގެ އިތުރުން ޕިރަމިޑްގެ ބްރޭންޑް އެމްބެސެޑަރަކަށް އައްޒަގެ މޫނު ހަމަޖެހިގެން ދިޔަތަން ވެސް މި އަހަރު ފެނުނެވެ.