ބ. ދަރަވަންދޫ ހުދުފިނިފެންމާގޭ އަބްދުލް ބާރީ ހުސައިން އަށް އޯގާތެރި އާއިލާއެއް މިންވަރުފުޅުން ވަނީ ލިބިފަ އެވެ. ލިބިފައި ނެތީ ދުޅަހެޔޮ ސިއްހަތެކެވެ. ބަލި ހާލަތު ތަންނުދިނުމުގެ ސަބަބުން ވަޒީފާވެސް ދޫކޮށްލައި ހަތް ދަރިންނާއެކު މާލެއަށް ދިރިއުޅުން ބަދަލުކުރިތާ އަހަރުތަކެއް ނުވަނީސް 2005 ވަނަ އަހަރު ކުރިމަތިލާންޖެހުނީ މުޅި ދިރިއުޅުމަށް ލޮޅުން އަރުވާލި ބައްޔަކާއެވެ. ބާރީގެ ދެ ކިޑްނީގެ މަސައްކަތް ހުއްޓި ދިރިހުރުމަށް މެޝިނެއްގެ އެހީ ހޯދަންޖެހުނީ އެވެ. އެއާއެކު ހަތް ދަރީންގެ ތެރެއިން ދޮށީ ދެ ދަރިން އެކަނިމާއެކަނި މާލޭގައި އާއިލާއަށް ކުރަމުންދިޔަ ހަރަދަށް އިތުރު ހަރަދެއް އެކުވެ، މާލޭގައި ވެސް އުޅެން މަޖުބޫރުވީ އެވެ.
ފާއިތުވަމުންދިޔަ ދުވަސްތަކާއެކު ބޮޑެތިވަމުންދިޔަ ދަރީންގެ އަޅާލުމާއި، އާއިލާއާއި ތިމާގެ އެކި މީހުންގެ އެހީތެރިކަމާއެކު ބާރީގެ ވީރާނާވެފައިވާ ސިއްހަތާ އެކުވެސް އާއިލާއަށް އުފާވެރި ދިރިއުޅުމެއް ވަނީ ލިބިފަ އެވެ. ނަމަވެސް އެ އުފާވެރިކަން މިއަދު މާޔޫސް ކަމަށް ބަދަލުވެފައިވަނީ ބާރީގެ ސިއްހަތަށް އަނެއްކާވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމަކާ ހެދި އެވެ. އުމުރުން 65 އަހަރުވެފައިވާ ބާރީގެ އަތަށް ޑައިލިސިސް ހަދަންވެގެން ހޮޅި ލައްވާފައި އިން ނާރު ވަރަށް ބޮޑަށް ދުޅަވެ އެ ނާރު ކޮންމެ ވަގުތެއްގައިވެސް ފަޅައިގެން ގޮސްދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދީފަ އެވެ.
ބާރީއަކީ ކިޑްނީ ފެއިލްވުމުގެ އިތުރަށް، ބޮޑު ދެ އޮޕަރޭޝަނެއް ކޮށްފައިވާ މީހަކަށްވާތީ އޭނާގެ އެހެން ގުނަވަނަކަށް ޑައިލަސިސް ހޮޅި ލެއްވެން ނެތްކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ދެން ހަމައެކަނި އެކަމަށް ވެދެވެން އޮތް ފަރުވާއަކީ އެއް ކިޑްނީ ނަމަވެސް ލެއްވުން ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
"ހޮޅި ވަރަށް ބޮޑަށް ދުޅަވެ، ފަޅައިގެން ދާހާ ކައިރިވެފައި އިނީ. އެކަމަށް އޮތް އެންމެ އަވަސް، އަދި ހަމަ އެކަނި ފަރުވާއަކީވެސް ކިޑްނީއެއް ލެއްވުން، އެކަމަކު އަޅުގަނޑުމެން މިތިބީ ކިޑްނީއެއް ނުލިބިފައި، ވަރަށް މަސައްކަތް ކުރެވިއްޖެ،" ބާރީގެ ބަލި ހާލަތާމެދު ރެއާ ދުވާލު ވިސްނައި ފިކުރުކުރަންޖެހިފައިވާ އޭނާގެ އަންހެނުން ޒާހިދާ ހުސައިން ބުންޏެވެ.
އޯ ޕޮޒިޓިވް ލޭ ހުންނަ ބާރީއަށް ބޭނުންވެފައިވަނީ ކިޑްނީއެކެވެ. އޭނާއަށް ހަތް ދަރިން ލިބިފައިވިޔަސް، ކްރޮސްމެޗް އެއްގޮތް ނުވާތީ އެއިން ކުއްޖެއްގެ ކިޑްނީ ބައްޕަޔަށް ހަދިޔާކުރުމުގެ ނަސީބެއް ލިބިފައެއް ނެތެވެ. އަންހެނުންނަށްވެސް ދިމާވެފައިވަނީ އެ މައްސަލަ އެވެ. ދެން ހުރީ ބާރީގެ އެއްބަނޑު އެއްބަފާ ހަމައެކަނި ދައްތައެކެވެ. އެ ދައްތައަށް ވެސް ވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ތަފާތު ބަލިތަކުގައި އުޅެމުންދާތީ ބާރީއަށް ކިޑްނީއެއް ދޭން ނުކުޅެދިފަ އެވެ.
ކިޑްނީއެއް ހޯދަން މިހާތަނަށް އާއިލާއިން ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރުވެ ގޮސްފަ އެވެ. އެ އާއިލާއިން މިއަދު ވަނީ ކިޑްނީއެއް ހަދިޔާކުރާނެ ފަރާތަކަށް ބޭނުންވެފަ އެވެ. އިންސާނިއްޔަތަށްޓަކައި މީހެއްގެ ފުރާނަ ސަލާމަތްކޮށްދޭން ތައްޔާރަށް ހުރި ދީލަތި މީހެއްގެ ދީލަތިކަމަށް ބޭނުންވެފަ އެވެ. ފައިސާއަށްވުރެ ބޮޑަށް މިވަގުތު ބޭނުންވަނީ ކިޑްނީއެއް ހަދިޔާކުރާނެ ޑޯނަރެއް ކަމަށް އާއިލާއިން ބުންޏެވެ.
"އިރާދަފުޅުން ދަރިންތައް ބޮޑެތި ވެއްޖެ، ބާރީވެސް ވަރަށް ބަލި ބަލިކޮށެއް ނޫން އުޅެނީއެއް. އެހެން ނަމަވެސް ކިޑްނީއެއް ލައްވަން މިހާރުވެސް މިވަނީ ލަސްވެފައި. އަޅުގަނޑުމެން ބޭނުންވަނީ ފައިސާއެއް ނޫން. ކިޑްނީއެއް ގެ އިންތިޒާރު އެންމެ ބޮޑު އިންތިޒާރަކީ، އަޅުގަނޑު އެދެން އެހީއެއް ވެދޭން ބޭނުން މީހަކު ހުރިއްޔާ އެކަން އަޅުގަނޑުމެންނަށް އަންގާލަދޭން،" އާދޭހުގެ ރާގެއްގައި މަޑުމައިތިރިކަމާއެކު ބާރީގެ އަންހެނުން ޒާހިދާ ބުނެލި އެވެ.
އެގާރަ އަހަރު އުންމީދުގެ ހުޅުކޮޅު ނިވާނުލައި ޑައިލިސިސް މެޝިނުގެ އެހީގައި އުޅުމަށްފަހު ބާރީ މިހާރު އެވަނީ އިތުރަށް އެ އުންމީދުގައި ނިއްވާނުލައި ހިފަހައްޓާލާނެ ވަރުގެ އެހީތެރިކަމަކަށް ބޭނުންވެފައެވެ.
ބާރީގެ އާއިލާއާ ގުޅޭނެ ނަންބަރު: 7549566/7489684 (ޒާހިދާ ހުސައިން)