މިދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު ބޮޑުތަން އިތުރުވެއްޖެ އެވެ.
ޑްރަގް ކޯޓުން ހުށަހެޅި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ޖުމުލަ 1525 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އޭގެ ކުރީ އަހަރު އެ ކޯޓަށް ހުށަހެޅީ 914 މައްސަލަ އެވެ. އެހެން ކަމުން، މިއީ 2015 ވަނަ އަހަރަށް ވުރެ 66.8 ޕަސެންޓް އިތުރުވުމެކެވެ.
މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 1521 މައްސަލައަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށް، ހުށަހަޅުއްވާފައިވާ މައްސަލަތަކެވެ. ބާކީ ހަތަރު މައްސަލައަކީ، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އަމަލު ކުރަން ފެށިއިރު، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމުގައި ބައިވެރި ކޮށްދިނުމަށް އޮންނަ ފުރުސަތުގެ ދަށުން، އެ ކަމަށް އެދި ނޭޝަނަލް ޑްރަގް އޭޖެންސީ މެދުވެރިކޮށް، ހުށަހެޅިފައިވާ މައްސަލަތަކެވެ.
މިދިޔަ އަހަރު އެންމެ ގިނައިން އެ ކޯޓަށް ހުށަހަޅާފައިވަނީ ޑައިމޯފިން ބޭނުން ކުރުމުގެ މައްސަލަތަކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އެއީ 795 މައްސަލަ އެވެ. ދެން އެންމެ ގިނައިން ހުށަހެޅީ ކެނެބިސް ބޭނުން ކުރުމުގެ މައްސަލަތަކެވެ. އެއީ 648 މައްސަލަ އެވެ. ޑައިމޯފިން ޕެޑްލް ކުރުމުގެ އެއް މައްސަލައާއި، ކެނެބިސް ޕެޑްލް ކުރުމުގެ 18 މައްސަލައާ އެކު، މަސްތުވާތަކެތި ޕެޑްލް ކުރުމުގެ މުޅި އެކު 19 މައްސަލަ މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅި އެވެ.
ޑްރަގް ކޯޓުގައި މުޅި އެކު މަސައްކަތް ކުރައްވަނީ ފަސް ފަނޑިޔާރުންނެވެ. މި އަހަރު ހުށަހެޅި މައްސަލަތަކަށް ބަލާ އިރު، މި އަހަރު ކޮންމެ ފަނޑިޔާރަކަށް 305 މައްސަލަ ހުށަހަޅައިފައިވެ އެވެ.
މިދިޔަ އަހަރު ޑްރަގް ކޯޓުން ބަލައި ނިމުނު މައްސަލަތަކުގެ އަދަދަކީ 965 އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ތެރޭގައި، އެކި ސަބަބުތަކާ ހުރެ 269 މީހުން ފަރުވާއިން ވަކިކުރެވިފައިވެ އެވެ.