އަޒްލީން އަހުމަދު

"މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް ހޯދާނަން"

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖެއިން މަސްތުވާތަކެއްޗާއި އޭގެ ވަބާ މަދުކުރަން އާދަޔާ ހިލާފު ބޮޑު ހައްލެއް ހޯދައި އޭގެ ހެޔޮ ބަދަލެއް ފެނިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ "ނިއުސްޓޯކް" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އަޒްލީން މިރޭ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ނައްތާލަން ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށާއި އަދި ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދާދި ފަހުން އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ގޭޓްވޭތަކުގެ ވަރުގަދަ އޮޑިޓެއް ހަދައި ވައިގެ ދަތުރު ފަތުރުގެ ތެރެއިން ރާއްޖޭގެ އެއްވެސް ދިމާލަކަށް މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް އެތެރެވޭތޯ ބަލާފައިވާ ކަމަށެވެ. އަދި އޮޑިޓަށްފަހު އެއްވެސް ދިމާލެއްގައި މައްސަލައެއް އުޅޭނަމަ އެތަންތަން ބައްދާ، މުވައްޒަފެއް މެދުވެރިކޮށް އެތެރެވާނަމަ ވެސް އެ މުވައްޒަފަކު ސްކްރީން ކުރެވޭ ފަދަ ގޮތްތަކެއް މިހާރު ރާވާފައިވާ ކަމަށެވެ.

މީގެ އިތުރުން ހަށިގަނޑުގެ އެކި ދިމަދިމާލުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ފެންވަރަށް ފަހު ޓެކްނޮލޮޖީގެ ބޮޑީ ސްކޭނާއެއް އެއާޕޯޓުގައި އިންސްޓޯލްކޮށް މަސްތުވާތަކެތި ރާއްޖެއިން މަދުކޮށް މަސްތުވާތަކެތީގެ ސަބަބުން މަގުފަހިވާ އެހެން ކުށްތައް އަރައިގަންނަ މީހުންގެ އަދަދު މަދުކުުރުމަށް އެކި ދިމަދިމާލުގައި ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމްކޮށް ހިދުމަތް ދެމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ޔަގީންކޮށް ދަންނަވަން އެނގޭ، ކުރިއަށް އޮތް ތާނގައި ވަރަށް ބޮޑު އާދަޔާހިލާފު ހެޔޮ ބަދަލެއް ރާއްޖޭގައި މިދެންނެވި ވަބާއަށް ހައްލުކުރުމުގައި އަޅުގަނޑުމެންނަށް ފެނިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.