އެމްއެމްއޭ

ޑޮލަރު ވިއްކަން ބީއެމްއެލްގެ އާ ނިޒާމެއް ތައާރަފްކޮށްފި

Jan 4, 2017
3
  • ކިޔޫގައި މަޑުނުކޮށް މިހާރު އޮންލައިންކޮށް ބުކިން ހެދޭނެ
  • ޑޮލަރު ނެގޭނީ ޗެކްއިން ވުމަށްފަހު އެއާޕޯޓުން
  • އިންޓަނެޓުން ބުކިން ނުހެދޭ މީހުންބޭންކަށް ގޮސް ބުކިން ހެދޭނެ

ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން، ފަސޭހަ ކަމާއެކު ޑޮލަރު ފޯރުކޮށްދެވޭނެ އާ ނިޒާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފި އެވެ. މި ނިޒާމް ބީއެމްއެލް އިން ތައާރަފު ކުރީ ބޮޑު ޗުއްޓީގައި ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންނަށް ޑޮލަރު ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެމްއޭ އިން ކުރިޔަށް ގެންދިޔުމަށްފަހު އެވެ.

ގައުމީ ބޭންކުން ބުނީ މި ބަދަލާއެކު ރާއްޖެއިން ބޭރަށްފުރާ ދިވެހިންނަށް ވިއްކާ ޑޮލަރު ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާއި މިގޮތުން ކޮންމެ ދަތުރުވެރިއަކަށް ގިނަވެގެން ފައިސާ ދެއްކޭނީ 500 ޑޮލާރާ ހަމައަށް ކަމަށެވެ.

އަދި ބުނީ ފުރަން ޗެކްއިން ވުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ދޫކުރަން ހާއްސަކޮށްފައިވާ ކައުންޓަރުތަކުން ޑޮލަރު ލިބޭނެ ކަމަށާއި އޮންލައިންކޮށް ބުކިން ނުހެދޭ ފަރާތްތަކަށް، އެއާޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުން ވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށެވެ. ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓަކުން ދަތުރުކުރާ ނަމަ، އެއާޕޯޓާ އެންމެ ކައިރި ބްރާންޗަކަށް ދިޔުމުން ޑޮލަރު ލިބޭނެ އިންތިޒާމު ވެސް މިހާރުވަނީ ހަމަޖައްސާފަ އެވެ.

މި ބަދަލު ގެނާއިރު ޑޮލަރު ގަތުމަށް އަލަށް ތައާރަފް ކުރި ނިޒާމުގެ އެކި މަރުހަލާތަކުގައި އަމަލު ކުރާނެ ގޮތުގެ މައުލޫމާތާއި މިކަމާ ގުޅޭ ވީޑިއޯއެއް މިހާރު ބޭންކްގެ ވެބްސައިޓުގައިވަނީ ޝާއިއުކޮށްފަ އެވެ. އަދި އޮންލައިން ޕޯޓަލް އަންނަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެކްޓިވޭޓްވާނެ އެވެ.

މައުލޫމާތުގެ ހުލާސާއެއް:

  • ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް www.bankofmaldives.com.mv އަށް ވަދެ އޮންލައިން ޕޯޓަލްއަށް ލޮގްއިންވޭ
  • ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތާއި ޕާސްޕޯޓް ނަންބަރު އަދި ފްލައިޓްގެ މައުލޫމާތު ޕޯޓަލްއަށް އެންޓާކުރޭ (އެއް ބުކިން އެއްގައި ހިމެނޭނީ ގިނަވެގެން 5 ދަތުރުވެރިން)
  • ބީއެމްއެލްގެ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލްގެ ގޭޓް 4 ގެ ކުރިމަތީގައި ހަދާފައިވާ ބޭންކްގެ ކައުންޓާ ތަކަށް ޓްރެވަލް ޑޮކިއުމެންޓްތައް ހުށަހެޅުމުން ޑޮލަރު ލިބޭނެ

ބޭންކުން އަލަށް ތައާރަފް ކުރި ނިޒާމާ ބެހޭ ގޮތުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ އެންޑްރޫ ހީލީ ވިދާޅުވީ ވޭތުވެދިޔަ ހަފްތާތަކުގައި އެމްއެމްއޭ އިން ދަތުރުވެރިންނަށް ޑޮލަރު ފޯރުކޮށްދިނުމަށް ވަރަށް ފާހަގަކޮށްލެވޭ ޚިދުމަތެއް ފޯރުކޮށްދީފައިވާ ކަމަށާއި ހަމަ އެ ފެންވަރުގައި މި ޚިދުމަތް ބޭންކުން ވެސް ފޯރުކޮށްދިނުން ވަރަށް މުހިންމުކަމަށެވެ.

"ބޭންކުގެ ބްރާންޗްތަކަށް ގޮސް ކިޔޫއެއްގައި މަޑުނުކޮށް އަލަށް ތައާރަފްކުރެވުނު އޮންލައިން ބުކިން ސިސްޓަމް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ ޑޮލަރު ދޫކުރާ ކައުންޓަރުތައް ބޭނުންކޮށްގެން ވަރަށް ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. ޑޮލަރު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ބުކިންގ ހެދޭނެ އަދި ދަތުރުވެރިން ފުރުމަށް އެއަރޕޯޓަށް ދާއިރު ޑޮލަރު ނެގޭނެ އިންތިޒާމު ހުންނާނީ ހަމަޖެހިފައި." އެންޑްރޫ ވިދާޅުވި އެވެ. "އާ ސިސްޓަމްގެ ސަބަބުން މިގޮތަށް ދޫކުރާ ޑޮލޮަރު ލިބޭނީ ހަމައެކަނި ރާއްޖެއިން ބޭރަށް ފުރާމީހުންނަށްކަން ޔަގީންވެގެންދާނެ. އެހެންކަމުން ބޭސް ފަރުވާއަށާއި ވަޒީފާއާ ގުޅޭ ކަންކަމުގައި ނުވަތަ ޗުއްޓީ ހޭދަކޮށްލަން ވިޔަސް ރާއްޖޭއިން ބޭރަށްދާ މީހުންނަށް ޑޮލަރު ފޯރުކޮށްދެވޭ މިންވަރު އިތުރުވެގެންދާނެ"