އަވަސް ވީކެންޑް

މަސްވެރިއެއް ނޫން، އެކަމަކު މަސްވެރިއެއް!

Jan 6, 2017
1

ސްކޫލްގައި ކިޔަވަން އުޅުއްވިއިރު ފިޝަރީޒް ސައިންސުގައި އެންމެ ތޫނު ފިލި އެއް ދަރިވަރަކީ ޑރ. މުހައްމަދު ޝައިނީ އެވެ. ފިޝަރީޒް ސައިންސް މާއްދާއަކީ އޭނާ އެންމެ ކިޔަވާ ހިތްވި އެއް މާއްދާ އެވެ. ނަމަވެސް އޯލަވެލް އަށް ފަހު، އެ ދާއިރާ އިން ސްކޫލުގައި ކިޔެވުމަށް ފުރަތަމަ ކުރިމަތިވީ ހުރަސްތަކެވެ. އެހެންވެ ވަޒީފާއަކަށް ނުކުންނެވީ އެވެ. ފުރަތަމަ ވަޑައިގަތީ އިމިގްރޭޝަނަށެވެ. ނަމަވެސް އަބަދުވެސް ވިސްނުންފުޅު ގެންގުޅުއްވީ މަސްވެރިކަމުގެ ދާއިރާ އިން ކުރި އަށް ވަޑައިގަތުމަށެވެ. މިއީ މިހާރުގެ ފިޝަރީޒް މިނިސްޓަރު ޝައިނީގެ ވާހަކަ ފެށުމެވެ.

"އިމިގްރޭޝަން އަށް ވަންއިރު ވެސް ސިކުނޑީގައި ހުރި މަސްވެރިކަމުގެ ދާއިރާ. އެ ކަމަކު މާއަވަހަށް ތަންތަނުން ކެނޑުން މިއީ އެހާ ރަނގަޅުކަމަށް ނުވާތީ ހުރީ. އެކަމަކު އަހަރެއްހާ ދުވަހު އުޅުނިން އެތަނުގައި. އޭރު ވެސް ބަލަމުން ދިޔައީ ފިޝަރީޒް މިނިސްޓްރީގައި ވަޒީފާއެއް އޮތްތޯ؟" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވީ މެރިން ބަޔޮލޮޖީ ނުވަތަ މެރިން އިކޮލޮޖީގެ ދާއިރާއިންނެވެ. އެހެންވެ ފުރަތަމަ ވަންނަން މަސައްކަތް ކުރެއްވީ މެރިން ރިސާޗް ސެންޓަރަށެވެ. އެކަމަކު އެ ތަނުގައި އޭރު ވަޒީފާއެއް ނެތެވެ. ނަމަވެސް އެކަމަށް ކުރެއްވި މަސައްކަތުން ފިޝަރީޒް މިނިސްޓްރީން ވަޒީފާ ހަމަ ޖެހުނެވެ.

ފިޝަރީޒް މިނިސްޓްރީގައި ފުރަތަމަ އުޅުއްވިއިރު ގިނައިން މަސައްކަތް ކުރެއްވީ، އެކަޑަމިކް ބައިގަ އެވެ. ނަމަވެސް މިނިސްޓްރީގެ މަސް ކަނދުފަތި ތައްޔާރު ކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ. މިގޮތުން ތައްގަނޑަކަށް ބޮއެއް އަޅުއްވައިގެން ފުރަތަމަ ކަނދުފަތިތައް އުފެއްދުުމުގައި މިނިސްޓަރު ޝައިނީ އުޅުއްވި އެވެ.

"ކަނދުފަތި ތައްގަނޑު އަޅާފައި އޭރު ހަދަނީ މޫސުމުގެ ޓެމްޕަރޭޗަރު ހުންނަ ގޮތަށް. އެހެންވެ މި ކަހަލަ ކަންތައްތަކުގައި ޝައުގުވެރިކަމާއެކު މަސައްކަތް ކުރާތީ އޭރު ސެކްޝަނުގެ ހެޑަކަށް އުޅުއްވި އަލީ ނައީމް، އަޅުގަނޑަކަށް ކޯހެއް ދެއްވީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ހަގު ދަރިވަރު، ރަން ވަނަ ހޯދި

ފިޝަރީޒް މިނިސްޓްރީ ތައިލެންޑުގައި ކިޔަވަން ލިބި ވަޑައިގެންނެވި ފުރަތަމަ ކޯސްވީ މިނިސްޓަރު ޝައިނީއަށް މުޅިންއާ ތަޖުރިބާ އަކަށެވެ. މި ކޯހުގައި ކަނޑުމައްޗާއި އެއްގަމުގައި މަސައްކަތް ކުރަން ޖެހިވަޑައިގަތެވެ. އޭރު ޝައިނީގެ އުމުރުން ކިރިޔާ 18 އަހަރު ފުރުނީ އެވެ. ނަމަވެސް ކޯހުގައި ބައިވެރިވެ 44 ކުދިންގެ ތެރެ އިން މުޅި ކޯހުން އެއްވަނަ ހޯއްދަވައި މުޅި ގައުމު ފަހުރުވެރިކޮށްދިނެވެ.

"އެ ހިސާބުން ފެށިގެން ކިޔަވަން ވަރަށް ޝައުުގުވެރިވި. އައިތާ މާގިނަ ދުވަހެއް ނުވެ އޯޝަން އިންޖިނިއަރިންގެ ރޮނގުން ވެސް ކޯހެއް ލިބިއްޖެ. އެ ކޯސް ލިބުނީމަ އިނގިރޭސިވިލާތަށް ކިޔަވަން ދިޔައީ. ކިޔަވަން ދިޔައީމަ އޭލަވެލް ނެތިގެން ވަރަށް މައްސަލަ ގޯސްވި. އެބޭފުޅުން ބުނީ ކޯސް ބަދަލު ކުރާށޭ ޖެހޭނީ. ދެން އަޅުގަނޑު ބުނީ ކޯސް ބަދަލު ނުކުރައްވާށޭ! ބަދަލުކޮށްފިއްޔާ ސްކޮލާޝިޕް ގެއްލޭނެ އޭ. ދެން އެކަމަށް ވަރަށް ގިނަ މަޝްވަރާތައް ކުރަން ޖެހުނު. އެއަށްފަހު އެކޮޅުން ބުނީ ކޯސް ލިބިދާނެއޭ ހަމައެކަނި އަޖުމަ ބަލައިލަން،"

ތެޔޮ ނެގުުމުގެ ދާއިރާއިން ކިޔެވުން

"މި ކޯހަކީ ވަރަށް ފެންވަރު މަތީ ކޯހެއް. ބެޗްލާސް އޮފް އިންޖިނިއަރިން އޮނާސް ޕްރޮގްރާމެއް. މީގެ ސިލަބަސް ކަނޑައަޅަނީ އިންޓަނޭޝަނަލް ޖަމިއްޔާ ތަކުން. ރޯޔަލް އިންސްޓިޓިއުޓް އޮފް ނޭވަލް އާކިޓެކްޗާ ފަދަ ޖަމިއްޔާ ތަކުން. އެހެންވެ އެއް ސެމިސްޓާ އަޖުމަ ބަލަން ލިބުނީ. ފުރުސަތު ލިބުމުން ހިތަށް އެެރީ މި ފުރުސަތު ދުލެއް ނުކުރާނަމޭ. އެހެންވެ ވަރަށް މަސައްކަތް ކުރިން. ނަސީބަކުން ސެމިސްޓާ ނިމުނުއިރު މުޅި ކޯހުން އެންމެ ގިނަަ މާސް ހޯދީ އަޅުގަނޑު. އެހެންވެ ފުރުސަތު ދިނީ. އެންމެ މަތިން މާކްސް ހޯދައިގެން ވަނަތަކާއި އިނާމުތައް ވެސް ލިބުނު،" މަސްވެރިކަމާ ގުޅުންހުރި ދާއިރާ އިން ޕީއެޗްޑީ ނަންގަވައިގެން ރާއްޖޭގައި ތިއްބެވި، މަދު ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޝައިނީ ވިދާޅުވި އެވެ.

މި ހިސާބުން ރަނޅު ނަތީޖާ ލިބުމުން އިންޓަނޭޝަނަލް ސްކޮލާޝިޕް ލިބެން ފެށި އެވެ. އޭގެ ފަހުން ޝައިނީ އަށް މެރިން އިންޖިއަރިންގެ ދާއިރާ އިން ކިޔަވާ ވިދާޅުވަން ފުރުސަތު ލިބި ވަޑައިގަތީ އެވެ. މިގޮތުން މި ސްކޮލާޝިޕްގައި ނޯވޭގައި މަތީ ތައުލީމް ހާސިލް ކުރެއްވި އެވެ. އަދި އޭގެ ފަހުން އޯޝަން އިޖިނިއަރިންގެ ދާއިރާއިން ވެސް ކިޔަވަން ފުރުސަތު ލިބިވަޑައިގަތެވެ. މިއީ ތެޔޮ ނެގުން ފަދަ ކަންކަމަށް ލޯހުޅުވިގެން ދިޔަ އެއް ސަބަބެވެ.

"މި މާސްޓާސްގެ ތެރޭގައި މެރިންގެ ގިނަ ދާއިރާ ތަކުން ލޯ ހުޅުވުނީ،"

އެ ދުވަސްވަރަކީ އެކި ދާއިރާ ތަކުން މަތީ ތައުލީމް ހާސިލްކޮށްގެން އައިސް ތިބި މާކަގިނަ ބަޔަކު ތިބި ދުވަސްވަރެއް ނޫނެވެ. އެހެންވެ ކިޔަވާ ވިދާޅުވެގެން ރާއްޖެ އައިސް މިނިސްޓަރު ޝައިނީ އަށް ޖެހިވަޑައިގަތީ އެޑްމިނިސްޓްރޭޝަން މަސައްކަތްތައް ކުރައްވާށެވެ.

"އޭރު ފަންނީ ގޮތުން ކިޔަވައިގެން އައިސް ކަންތައް ތަޖުރިބާ ކުރާކަށް ނުލިބުނު. ހާއްސަކޮށް ތެލުގެ ދާއިރާ އާއި އިންޖިނިއަރިންގެ ދާއިރާއެއް ރާއްޖެއަކު ނެތް. ނެތީމަ ހިންގުމުގެ ދާއިރާގައި އުޅެން ޖެހުނީ. އެހެންވެ ވަރަށް ދެރަވެފަ ހުރީ. މިހެން ހުއްޓައި ފެނުނީ ކެނެޑާގައި އޮތް އިންޓަނޭޝަނަލް ސްކޮލާޝިޕެއް. އެއީ މެރިން މެނޭޖުމަންޓުގެ ކޯހެއް. އެހެންވެ އަނެއްކާ ވެސް މާސްޓާސްއެއް ފުރިހަމަ ކުރީ،" ޝައިނީ ވިދާޅުވި އެވެ.

ޕީއެޗްޑީ ހަދަން ބޭނުމެއް ނުވި؟

ގިނަ މާސްޓާސް ތަކާއެކު މިހާރު ޕީއެޗްޑީ ވެސް ހައްދަވައިގެން ޝައިނީ ހުންނެވި ނަމަވެސް ފުރަތަމަ ޕީއެޗްޑީ ހަދަން ބޭނުންފުޅެއް ނުވި އެވެ.

"އަޅުގަނޑު ގަބޫލުކުރި ގޮތުގައި އެކަޑެމިކް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މީހަކު ނޫނީ ޕީއެޗްޑީ ހާދަކަށް ނުޖެހޭ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވަނީ 2009 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

"އޭގެ ފަހުން އަޅުގަނޑު ވައިފް ބުނީ ހިނގާށޭ އަނެއްކާ ވެސް ކިޔަވަން ދާން. ދެން އަޅުގަނޑު ހިތަށް އެެރީ ޕީއެޗްޑީ ހަދަން ބޭނުންނުވި އަސް ހަދާނީއްޔޭ. ޕީއެޗްޑީ ހެދުމަށްފަހު ވެސް ހުރީ ގައުމަށް ހިދުމަތް ކުރާނެ ވަގުތެއް ބަލަން،" ޝައިނީ ވިދާޅުވި އެވެ.

ޕީއެޗްޑީ ހެދުމަކީ އެކަޑަމިކް މީހުން ކުރާނެ ކަމެއް ކަމަށް ސިކުނޑީގައި ހުރި ވިސްނުމުގެ ސަބަބުން މިނިސްޓަރު ޝައިނީ ނިންމެވީ ކިރިޔާ ފާސް ވާވަރަށް ކިޔެވުމަށެވެ. ނަމަވެސް ޕީއެޗްޑީ ނިމުނުއިރު، ޔުނިވާސިޓީގެ ރެކޯޑެއް ހެއްދެވި އެވެ. އެއީ އެ ހާތަނަށް އެންމެ ގިނަ ޕޭޕަރު ޕަބްލިޝް ކުރި ދަރިވަރުގެ ރެކޯޑެވެ.

"އިތުރަށް އަދި ވެސް މާސްޓާސް އެއް އޮތިއްޔާ އަޅުގަނޑު ހަދަން ބޭނުންވޭ. އެކަމަކު ޕީއެޗްޑީއަކީ މީހާގެ ވިސްނުން ހަނިކޮށް ވަކި ދާއިރާ އަކުން ކުރި އަށް ދާން އޮންނަ ފުރުސަތެއް. އަނެއްކާ އެކެޑަމިކް ދާއިރާ އިން،" ޝައިނީ ވިދާޅުވި އެވެ.

"ބައެއް މީހުންގެ ވިސްނުމެއް މިއީ. ރާއްޖޭ ގައިވާ ގޮތަކީ ކުރިން ޕީއެޗްޑީ ނުހަދަންޏާ ޑޮކްޓަރު ނުކިޔަންޏާ މީހުން ބަލައި ގަންނަ މީހަކަށް ނުވޭ. ހާއްސަކޮށް ޖަލްސާ ތަކަށް ދާއިރު. ބައެއް ފަހަރު ޖަލްސާ ކެންސަލްކޮށްފައި ވެސް އެބަހުރި ހުސް ޑޮކްޓަރުން ތިބެފައި އަޅުގަނޑު ޑޮކްޓަރަކަށް ނުވީމަ."

މިނިސްޓަރު ޝައިނީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވެރިކަމަށް އައުމާއެކު މަސްވެރިކަމުގެ ދާއިރާގައި ކުރައްވާ މައިގަނޑު އެއް ކަމަކީ މަސްވެރިކަން ފުޅާކޮށް ޑައިވާސިފައި ކުރުން ކަމަށެވެ.

"މި ސަރުކާރުން ވެލިއު އެޑެޑް ޓްރޮޑަކްޓްތައް ނެރެވިއްޖެ. ރާއްޖޭން ބޭރުކުރަން، ބޭނުންވަނީ ވެލިއު އެޑެޑް ޕްރޮޑަކްޓެއް. މިއީ މަގުސަދަކީ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގުސަދަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަކީ ބޭރުން އަންނަ ލޮޅުންތަކުން ގުޑަައިގެން ނުދާވަރުގެ ދާއިރާއަކަށް ހެދުމެވެ. އަދި އެ މަގުސަދުގައި ގިނަ މަސައްކަތްތަކެއް ކުރައްވަުންދާ ކަމަށް ޒުވާން މިނިިސްޓަރު ވިދާޅުވި އެވެ.