ފްރާންސް

ސީއޭއާރްގައި ފްރާންސް ސިފައިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުވާ ނުކުރާނެ

ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރް) ގައި އޮތް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ސުލްހަ ބަލަހައްޓާ ލަޝްކަރުގައި ހިމެނުނު ފަރަންސޭސި ސިފައިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ސިފައިންނާ ދެކޮޅަށް ދައުވާ ނުކުރަން ނިންމައިފިއެވެ.

ފަރަންސޭސި ސިފައިން ސީއޭއާރްގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ އެކަމާބެހޭ ގޮތުން ޔޫއެން އިން ތައްޔާރުކޮށް، ސިއްރުން ގެންގުޅުނު ރިޕޯޓެއް ލީކްވުމުންނެވެ. އެ ރިޕޯޓް ލީކްވުމާ ގުޅިގެން އެކަން ތަހުގީގު ކުރުމަށް ފަރަންސޭސިވިލާތުގައި މިނިވަން ޕެނަލެއް އުފެއްދި އެވެ. ފަރަންސޭސި ފަނޑިޔާރުން ތަކެއް ހިމަނައިގެން އުފައްދާފައިވާ އެ ޕެނަލުން ހުކުރު ދުވަހު ބުނީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ.

ޕެރިސް ޕްރެސިކުޓާސް އޮފީހުގެ ތަރުޖަމާނަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް ބުނީ ފަރަންސޭސި ސިފައިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމީ ފަރަންސޭސި ސިފައިންގެ ތެރެއިން އެކަމުގައި ބައިވެރިވި ބަޔަކު ނުހޯދިގެން ކަމަށެވެ.

ފަރަންސޭސި ސިފައިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޔޫއެން އިން ތައްޔާރުކޮށް، ފޮރުވައިގެން ގެންގުޅެނިކޮށް ލީކުވި ރިޕޯޓްގައި ވާގޮތުން ސިފައިން ގޯނާ ކޮށްފައި ވަނީ އުމުރުން ނުވަ އަހަރާއި 13 އަހަރާ ދެމެދުގެ ހަ ކުއްޖަކަށެވެ.

އެމީހުން އެއަމަލު ހިންގާފައި ވަނީ ސީއޭއާރްގެ ވެރިރަށް ބަންގުއި އެމްޕޮކޯ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ އެހީދޭ ކޭމްޕެއްގައި 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ ޖޫންމަހާ ހަމައަށް ތިބި ފަރަންސޭސި ސިފައިންގެ ތެރެއިން ބައެއް ކަމަށް ވެސް ރިޕޯޓުން އެނގެއެވެ.