ދުނިޔެ

ސީރިއާ ހަނގުރާމައަށް ފަސް އަހަރު، މަރުވި މީހުން؟

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބަލަހައްޓަމުން އަންނަ ރިކޯޑްތައް ދައްކާ ގޮތުން 2011 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ސީރިއާ އިން މަރުވި މީހުންގެ އަދަދު ވަނީ 215،518 އަށް އަރައިފަ އެވެ. މަރުވި މީހުންގެ ތެރޭގައި 66،000 އަށް ވުރެ ގިނަ އާންމުން ހިމެނޭ ކަމަށް މި ހިސާބުތަކުން ދައްކަ އެވެ.

ސީރިއާގައި މިދިޔަ މަހެއްހާ ދުވަހުގެ ހަމަނުޖެހުންތަކުގައި އެކަނި ވެސް 5،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މަރުވި އާންމުންގެ އަދަދު ބައި ލައްކަ އަށް ވުރެ މައްޗަށް އަރާއިރު އޭގެ ތެރޭގައި 10،808 ކުޑަކުދިން ހިމެނެ އެވެ. މަރުވި އަންހެނުންގެ އަދަދު ވެސް 7،000 އަށް ވުރެ މަތި އެވެ.

ނަމަވެސް މި ދާޚިލީ ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ ސީދާ ކުރިމަތިލުންތަކުގައި މަރުވެފައިވާ ސިފައިންނާއި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނެވެ. ސީރިއާގެ ސަރުކާރުން ބުނާ ގޮތުން އެގައުމުގެ 46،138 ސިފައިން ވަނީ މި ހަނގުރާމާގައި މަރުވެފަ އެވެ. އަދި ބައްޝާރުގެ ހިމާޔަތުގައި ނުކުމެފައިވާ ހަތިޔާރު އެޅި ގްރޫޕްތަކުން ވެސް 30،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ބައްޝާރުގެ ސަރުކާރު ދިފާއުކުރުމަށް ސީރިއާ އަށް ގޮސް ހަނގުރާމަކުރާ ހިޒްބުﷲ ފަދަ ޝީއީ ޖަމާއަތްތަކުން ވެސް ތިން ހާހަށް ވުރެ ގިނަ ހަނގުރާމަވެރިން މި ހަނގުރާމާގައި މަރުވެފައިވެ އެވެ.

އަލްގައިދާއާ ގުޅިފައިވާ ނުސްރާ ފްރޮންޓާއި މި ޖަމާއަތާއި ބައްޝާރުގެ ސަރުކާރާ ވެސް ދެކޮޅު އިސްލާމިކް ސްޓޭޓަށް ނިސްބަތްވާ ހަނގުރާމަވެރިންނާ އެކު މި ކުރިމަތިލުމުގައި މަރުވި ޖިހާދިސްޓުންގެ އަދަދު ގާތްގަނޑަކަށް 27،000 އަށް އަރަ އެވެ. ބައްޝާރު އާއި އައިއެސްއާ ދެކޮޅު ހަނގުރާމަވެރި ގްރޫޕްތަކުން މަރުވި މީހުންގެ އަދަދު 39،000 އަށް އަރަ އެވެ.

ސީރިއާގެ މި ދާޚިލީ ހަނގުރާމަ އަށް "ޖިހާދުގެ" ނަމުގައި ގޮސް ހަނގުރާމަކުރަނިކޮށް ދިވެހިންގެ ތެރެއިން ވެސް ބަޔަކު މަރުވެފައިވެ އެވެ.