ދުނިޔެ

ބްރެޒިލްގެ ރައީސާ ދެކޮޅަށް އެއް މިލިއަން މީހުންގެ މުޒާހަރާއެއް

އާންމުން ނުކުމެ ބްރެޒިލްގެ މަގުތަކާއި ދަނޑުތައް ފުރާލަނީ އެގައުމުގައި ވޯލްޑް ކަޕް ބޭއްވީމަ އެކަންޏެއް ނޫނެވެ.

ބްރެޒިލްގެ މިލިއަނަކަށް ވުރެ ގިނަ އާންމުން އިއްޔެ އެ ގައުމުގެ އެކި ސްޓޭޓްތަކުގައި މަގުތަކަށް ނުކުމެ އެމީހުންގެ ރައީސް ދިލްމާ ރޫސަފްއާ ދެކޮޅަށް މި ވަނީ އާދަޔާހިލާފު ބޮޑު މުޒާހަރާއެއްކޮށްފަ އެވެ. އެއީ ބްރެޒިލްގެ ސަރުކާރުގެ ތެޔޮ ކުންފުނި، ޕެޓްރޯބްރަސް އިން ހިންގާފައިވާ ބޮޑު ޚިޔާނާތެއްގައި ރޫސަފް ވެސް ބައިވެރިވެ ވަޑައިގެން ކުށްވެރިވެފައިވާ ކަމަށް ބުނެ އެވެ.

ރިއޯ ޑެ ޖެނީރޯގެ މަގުތަކަށް 15،000 އަށް ވުރެ ގިނަ މީހުން ނުކުމެ އަޑުއުފުލިއިރު ބްރަސީލިއާގެ މަގުތަކަށް ނުކުތް މީހުންގެ އަދަދު 40،000 އަށް އަރަ އެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައި ވަނި ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި މަގުތަކަށް ނުކުތީ އެމީހުން ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި ވަރު ދައްކާލުމުގެ ބޭނުމުގައި ކަމަށެވެ.

ރައީސް ރޫސަފްއާ ދެކޮޅަށް މިލިއަނަކަށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފައި މި ވަނީ އޭނާ އަށް ތާއީދުކުރާ ފަރާތްތަކުން ވެސް މިފަދަ ބޮޑު މުޒާހަރާއެއް ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.

ރޫސަފް އަށް ފާޑުކިޔުން އަމާޒުވެފައިވާ ޚިޔާނާތުގެ މައްސަލަ އަކީ ތެޔޮ ކުންފުނީގެ ވެރިޔަކަށް އެކަމަނާ ހުންނަވަނިކޮށް ހިންގާފައިވާ މައްސަލައެކެވެ. ނަމަވެސް ބްރެޒިލްގެ އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދިޔަ ތަހުގީގުން ރޫސަފް ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.