ފީފާއިން މުޅިން އަލަށް ތައާރަފް ކުރި ފީފާ "ދަ ބެސްޓް އެވޯޑް" ފުރަތަމަ އެވޯޑް ހަފުލާވީ، ހިތްގައިމު މަންޒަރުތަކެއް ފެނުނު ވަރަށް ފުރިހަމަ ހަފުލާ އަކަށެވެ. ސްވިޓްޒަލަންޑްގެ ޒިޔުރިކްގެ ޓީޕީސީ ސްޓޫޑިއޯ އިން އިންތިޒާމުތައް ހަމަޖެއްސި ހަފުލާގެ ފުރިހަމަ ވިޔަސް، ބޮޑު ފަޅު ކަމެއް އެވޯޑް ހަފުލާގައި އޮތެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓް ވެފައިވާ ލިއޮނަލް މެސީ އާއި މިދިޔަ އަހަރު ފީފާގެ ގަދަ 11 ކުޅުންތެރިންގެ ލިސްޓްގައި ހިމެނުނު ހަތަރު ކުޅުންތެރިން ހިމެނުނު ކުލަބު ސްޕެއިންގެ ބާސެލޯނާ އެވޯޑް ހަފުލާ އަށް ހާޒިރު ނުވުމެވެ.
ސޯޝަލް މީޑީއާ އާއި މީހުންގެ ދޫދޫ މަތިން ވާހަކަތައް ދައުރު ވަމުން އައީ ބާސާއިން އެވޯޑް ހަފުލާ ބޮއިކޯޓް ކުރީ ކަމަށެވެ. ސޯޝަލް މީޑިއާގެ މަސްދަރުތަކުން ބުނަނީ މެސީ އަށް އެވޯޑް ނުލިބޭނެތީ ހަފުލާ ބޮއިކޮޓް ކުރީ ކަމަށެވެ.
ބާސާގެ ކުޅުންތެރިން އެވޯޑް ހަފުލާ އަށް ނުދިޔަ އެވެ. ބަދަލުގައި ހަފުލާ އަށް ވަޑައިގެންނެވީ ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމައޯ އާއި ޓެކްނިކަލް ޑައިރެކްޓާ ރޮބަޓް ފެނާންޑޯޒް އެވެ
އެވޯޑް ހަފުލާގެ ފެހި ކާޕެޓުން ބާސާގެ ކުޅުންތެރިއަކު ނުފެނުންވީ ގިނަ ބަޔަކު އެކަން ފާހަގަ ކުރި ކަމަކަށެވެ. "ދަ ބެސްޓް" ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޮޑް ގެންދިޔައީ ރޮނާލްޑޯ އެވެ. މެސީ އަށް ލިބުނީ ދެ ވަނަ އެވެ. މެސީ އެއް ނެތެވެ. ނަމަވެސް ތިން ވަނަ އަށް ދިޔަ ފްރާންސްގެ އެންޓޯނިއޯ ގްރީޒްމަން ހަފުލާގައި ހާޒިރުވެ ހުއްޓެވެ. އެވޯޑް ދިނުމުގެ ކުރިން ރޮނާލްޑޯއާއެކު ސްޓޭޖަށް ވެސް އެރި އެވެ.
އެވޯޑް ގެންދިޔަ ރޮނާލްޑޯ ބުނީ އެވޯޑް "ހަފުލާ އަށް ބާސާ ނައި" ސަބަބު އޭނާ އަށް އެނގޭ ކަމަށެވެ.
"އަހަރެން ޝައުގުވެރިވާނެ މެސީ އާ ބާސާގެ އެހެން ކުޅުންތެރިން މިތާންގައި ތިބި ނަމަ، އެކަމަކު އެމީހުންގެ ކަޕް ގޭމް ކުރިމަތީގައި އޮތުމުން އެ ޓީމު ހާޒިރު ނުވީ އެހެންވެ އެމީހުން ހާޒިރު ނުވި ސަބަބު ރަނގަޅަށް ސާފުވޭ." ރޮނާލްޑޯ ބުންޏެވެ.
އެވޯޑް ހަފުލާގެ ފަހުން ބާސެލޯނާގެ ތަރުޖަމާންގެ ރޯލް އަދާ ކުރީ ކެޕްޓަން އަންދުރޭ އިނިއެސްޓާ އެވެ. އޭނާ ވަނީ އެވޯޑް ހަފުލާ އަށް ނުދެވުމުން ކުޅުންތެރިންނާއި ކުލަބުގެ ފަރާތުން މާފަށް އެދިފަ އެވެ.
"ބާސެލޯނާގެ ކެޕްޓަންގެ ހައިސިއްޔަތުން އަހަރެން ބޭނުން ފީފާ އަށް ޝުކުރު އަދާ ކުރަން. ބާސާގެ ޓިމު އޮފްދަ އިޔާގައި ހިމެނުމަކީ ލިބުނު ޝަރަފެއް." ވީޑިއޯ މެސެއްޖެއްގައި އިނިއެސްޓާ ބުންޏެވެ.
"އަހަރެމެން ހަފުލާ އަށް ނުދެވުމުން ޓީމުގެ ފަރާތުން އަހަރެން މާފަށް އެދެން އެވޯޑް ހަފުލާ އަށް ހާސިރު ނުވެވުނީ އަހަރެމެންނަށް ކޮޕަ ޑެލްރޭގައި މިއަންނަ ބުދަ ދުވަހު މުހިންމު މެޗެއް އޮތުމުން."
ބުދަ ދުވަހު ކޮޕަޑެލްރޭގައި ބާސާ ބައްދަލު ކުރާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ. ފުރަތަމަ ލެގް މެޗުން ބާސާ ބަލިވެފައި އޮތުމުން މެޗް އެއްވަރު ވިޔަސް އެޓީމު މުބާރާޓުން ކަޓާނެ އެވެ.