ހަބަރު

ދޯންޏާ ގުޅިގެން ފެތުރި ހަބަރުތަކަށް ޖުނައިދުގެ ރައްދު!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ފަސް މިލިއަން ރުފިޔާއަށް 65 ފޫޓުގެ ދޯންޏެއް ގަތް ކަމަށް ބުނެ ފެތުރު ހަބަރަކާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. ޖުނައިދު ވަނީ ފަސް މިލިއަން ރުފިޔާއަށް ދޯނި ގަތް ކަމަށް ބުނާ ހަބަރު ދޮގު ކުރައްވާފަ އެވެ.

މުދާ އުފުލަން އެމްޕީއެލްއަށް ގަތް 65 ފޫޓުގެ އެ ދޯންޏާ ގުޅުންހުރި ވާހަކަތައް މީޑިއާއާ ހިއްސާ ކުރައްވަމުން ޖުނައިދު ވިދާޅުވީ، އެ ދޯންޏަކީ "ތިނެއް ޕޮއިންޓް ކޮންމެވެސް މިލިއަނަކަށް ގަތް ދޯންޏެއް" ކަމަށެވެ. ފަސް މިލިއަން ރުފިޔާއަށް ދޯންޏެއް ނުގަންނަ ކަމަށާއި "އެފަދަ ވައްކަމެއް އެމްޕީއެލް ތެރޭން ކުރަން ހުއްދަ ދީފައި ނުވާނެ" ކަމަށެވެ.

އޭނާ ވިދާޅުވީ ކުންފުނި ކުރިއަރުވަން ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށެވެ. އެއީ ފަސް މިލިއަން ރުފިޔާއަށް ދޯންޏެއް ގަތުން ކަމަށް ވިޔަސް އެކަންވެސް ކުރައްވާނެ ކަމަށާއި ނަމަވެސް އެ ދޯނި އެ ކުންފުނިން ގަތީ އެ އަގުގައި ނޫން ކަމަށެވެ.

"ފަސް މިލިއަން ރުފިޔާއަށް ކީއްކުރަންތޯ، 10 މިލިއަން ރުފިޔާއަށް ވެސް ގަންނަންވީމަ ގަންނަންވީ. އެކަމަކު އެ އަގަށް ގަންނާނީ އެކަށީގެންވާ ދޯންޏެއް." ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ދޯނި ގަތީ ކުންފުނިން މިހާރު ކުރަންޖެހޭ ބޭކާރު ހަރަދުތަކަކަށް ހުއްޓުމެއް ގެނައުމަށް ކަމަށެވެ.

"މިތާގައި އޮންނަ ބޮޑެތި ބޯޓު ފަހަރުތަކާ ކައިރިކޮށް މުދަލައި ފަސިންޖަރުން ބާލަން ބޭނުން ކުރަނީ ބޮޑު އަގުގަ ބޮޑެތި ޓަގު ބޯޓު ފަހަރު. އެހެންވެ، އެ ދޯނި ގަތީ. ގަނެފައި އޭގެ ގެ ގަނޑު ކަނޑާލީ. އެ ދޯނި އަޅުގަނޑުމެން މި ބޭނުން ކުރަނީ ތިލަފުށީގަ އާއިހުޅުމާލޭގަ، މިތަންތަނަށް ގެންދަންޖެހޭ ބަރު އެއްޗިހި ގެންގޮސް ފަސިންޖަރުންނާއި މުދާ އުފުލާކަންކަން ކުރަން. މީގެ ކުރިން މިކަން އޮންނަނީ ތެޔޮ ހަމެއް އުފުލަން ޖެހުނަސް ބޮޑެތި ޓަގު ބޯޓު ފަހަރުގަ،" ޖުނައިދު ވިދާޅުވި އެވެ.

ނުއަގު ގައި ފަސް މިލިއަން ރުފިޔާއަށް 65 ފޫޓުގެ ދޯނި ގަތް މައްސަލަ އޭސީސީއަށް ހުށަހަޅައި އެ މައްސަލަ އޭސީސީއިން ތަހުގީގުވެސް ކުރަން ފަށާފައިވާއިރު، ޖުނައިދު އެ ކުންފުންޏާ ހަވާލުވި ފަހުން ހަތް މިލިއަން ރުފިޔާއަށް ގެންނަ ރީސްޓިކާ މީގެ ކުރިން ގެނެސްފައި ވަނީ 35 މިލިއަނަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން ނަމަވެސް އޭނާ އެ ކުންފުންޏާ ހަވާލުވި ފަހުން ހަމަ އެ ސްޓިކާ ހަމަ އެ ކުންފުނިން ހަތް މިލިއަނަށް ގެންނަންކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ފައިސާގެ އެ ވަރުގެ ބޮޑެތި އޮޅުވާލުންތައް މީގެ ކުރިން އެ ކުންފުނި ތެރޭން ހިންގައި ޑޮކިއުމަންޓްތަކުން ފެންނަން ހުރި އިރު އޭގެ ވާހަކަ ދައްކާނެ ބަޔަކު ނެތުމުން ހައިރާންވާ ކަމަށެވެ.

"ކޮބައިތޯ ފެންނަން މިހިރަ ރީ ސްޓިކާ ގެ އަގަކީ. މި ދައްކަނީ ދޮގު ވާހަކައެއް ނޫން. 35 މިލިއަނަށް ހުރީ މިތަނަށް އެ އެއްޗިހި މީގެ ކުރިން ގެނެއްސަ. އެހުރީ އެމްޕީއެލްގެ ޑޮކިއުމަންޓް ތަކުން ފެންނަން. އެކަމަކު އަޅުގަނޑު މިތަނާ ހަވާލުވެގެން ހަމަ އެ ބްރޭންޑުގެ ހަމަ އެ ކުންފުނިން އެ ސްޓިކާ ގެނެއްސަ އެހުރީ ހަތް މިލިއަނަށް. ދޮގެއް ނޫން މިއީ އަކީއެއް. އެހެންވީމަ އަޅުގަނޑު ތިން މިލިއަނަށް ލިބޭ ދޯންޏެއް ފަސް މިލިއަނަށް ގަނެފަ އޭގެއިން ދެ މިލިއަން ރުފިޔާ ކާންވީ ކޮންމެހެން ކީއްކުރަންތޯ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފަދަ ވާހަކަތައް މީޑިއާގައި ފަތުރަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމުގެ ބޭނުމުގައި ނުވަތަ އޭނާގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށާއި އެފަދަ ވާހަކަތަކުން ފަހަތަށް ޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ.