މިހާރު 24 ގަޑިއިރަށް ފެން ދޫކުރަމުން ދާއިރު، މާދަމާ ފެން ބޭނުން ކުރުމުގައި ސަމާލުވުމަށް ޓާސްކް ފޯސްއިން މިރޭ އިލްތިމާސްކޮށްފި އެވެ.
މާލޭން ފެނުގެ ހިދުމަތް ކެނޑުމާ ހުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސްގެ ފަރާތުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި މިހާރު ފެން ދޫކުރަމުން އަންނަނީ ވަގުތީ ސެޓަޕެއް ބޭނުން ކޮށްގެންނެވެ. އެހެން ކަމުން ފެން ބޭނުން ކުރުމުގައި ސަމާލުވުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެގޮތުން ހުކުރު ދުވަހަކީ ގިނަ އަދަދަކަށް ފެން ބޭނުންކުރާ ދުވަހެއް ކަމަށް ގައުމީ ފެން ކުންފުނީގެ ހިސާބުތަކުން އެނގޭ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެއްޗިހި ދޮވުމުގެ ފަދަ މަސައްކަތްތައް އެހެން ގަޑިއަކަށް ބަދަލު ކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"ހުކުރު ދުވަހުގެ މެންދުރު ގަޑިއަކީ ހުކުރަށް ދިއުމާއި ދޮވުން ފަދަ ކަންކަމުގައި ގިނަ އަދަދަކަށް ފެން ބޭނުންކުރޭ. އެހެންވެ ގިނަ އަދަދަކަށް ފެން ބޭނުންކުރޭ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހަލާކުވެފައިވާ އިންޖީނުގެ ޕެނަލް ބޯޑް ބޭރުން ގެނެސްފައިވާ ކަމަށެވެ. މީގެ އިތުރުން މި ހާދިސާއާ ގުޅިގެން އެކި ގައުމުތަކުން އެހީވަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުން އެހީގެ ގޮތުގައި ލިބިފައިވާ ފެން ފުޅިތައް ބެހުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބެހުމަށް ފަހު ބާކީ ހުރި ފުޅިތައް އާއްމުންނަށް ބަހާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ ޓެސްޓް ކުރުމުގެ ގޮތުން 24 ގަޑިއިރަށް ފެން ދޫކުރަމުން ދިއުމާއެކު ފެން ދޫކުރުމަށް މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ލޮރީތައް ސިފައިންގެ މަރުކަޒުތަކަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މާދަމަ އިން ފެށިގެން ފެން ދޫކުރަމުން ދާނީ ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދުންނާއި އެމްޕީއެލް ސަރަހައްދުން ކަމަށް އޭނާ ވިދާޅުވި އެވެ.